01 Jul 2013, 11:10
ޗައިނާގެ ހޮސްޕިޓަލްޝިޕް "ޕީސް އާކު" އިން ރާއްޖެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ފުރަތަމަ ދުވަހު އެކަނި ވެސް 436 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު "ސަން" އަށް މައުލޫމާތު ދެމުން ބުނީ 436 މީހުންނަށް ފަރުވާދީފައިވާއިރު، މީގެ ތެރޭގައި ހޮސްޕިޓަލްޝިޕްގެ ޑޮކްޓަރުންގެ ޓީމުގެ ރަށްރަށަށް ޒިޔާރަތްކޮށްގެން ފަރުވާދިނުމުގެ އިތުރުން މާލޭގައި އައިޖީއެމްއެޗް އަދި ސެނަހިޔާ ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
ޖޫން މަހުގެ 29 ވަނަ ދުވަހު ރާއްޖެ އައި ޗައިނާގެ އެންމެ ބޮޑު ހޮސްޕިޓަލްޝިޕް ރާއްޖެ އައިސްފައި ވަނީ އެ ގައުމުގެ ކަނޑުގެ ސިފައިން ހިންގަމުންދާ އޮޕަރޭޝަނެއް ކަމަށްވާ "މިޝަން ހާމަނީ" ގެ ބައެއް ރާއްޖޭގައި ހިންގުމަށެވެ.
ހޮސްޕިޓަލްޝިޕްގެ ޑޮކްޓަރުންގެ ޓީމުން މާލޭގައި ފަރުވާދީފައި ވަނީ 256 ބަލި މީހަކަ ށެވެ. ކ. ގުރައިދޫއިން 68 މީހަކަށް ފަރުވާދީފައިވާއިރު، ހޮސްޕިޓަލްޝިޕްގެ ޑޮކްޓަރުން ކުޅުދުއްފުށްޓަށް ކުރި ދަތުރުގައި 112 މީހަކަށް ފަރުވާދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ ބޯޓުގައި ފަސް އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލްޝިޕްގެ ޑޮކްޓަރުންގެ ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ އެވެ. މިގޮތުން އއ. ރަސްދު އާއި އދ. މަހިބަދޫ އާއި ހދ. ކުޅުދުއްފުށްޓާއި ޏ. ފުވައްމުލަކާއި ބ. އޭދަފުއްޓާއި ގއ. ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީއަށް ޑޮކްޓަރުންގެ ޓީމުތައް ޒިޔާރަތްކޮށް ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
"މިޝަން ހާމަނީ" ގެ ދަށުން ޗައިނާގެ ހޮސްޕިޓަލުޝިޕް އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައި ވަނީ ބުރޫނާއީ އަށެވެ. ރާއްޖެއަށް ފަހު، ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް މިބޯޓު ޒިޔާރަތްކުރާނެ ކަމަށް ޗައިނާގެ އެމްބަސީއިން ބުނެ އެވެ. މީގެ ތެރޭގައި ޕާކިސްތާން، ބަންގުލަދޭޝް، އިންޑިއާ ހިމެނެ އެވެ.