01 Jul 2013, 10:56
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، އެ ފަނޑިޔާރު މަގާމުން އިސްތިއުފާ ދިނުމަށް މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިންތި ވިދާޅުވީ ޝަރުޢީ ގޮތުންނާއި ގާނޫނީ ގޮތުން ބަލާއިރު ފަނޑިޔާރުންނަށް ތިބެން ޖެހޭނީ އެންމެހައި ފާސިދު ޢަމަލުތަކުން ސަލާމަތްވެގެންތިބޭ ބޭފުޅުން ކަމަށާއި އެބޭފުޅުން ވާންޖެހޭނީ މުޖުތަމަޢުގެ އިތުބާރު ލިބިފައިވާ އަބުރު ރައްކާތެރި ކުރެވިފައިވާ ފަނޑިޔާރުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅޭ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާތަކުގައްޔާއި އަދި އާންމު ރައްޔިތުންގެ ތެރޭގައި ވަރަށް ގަދަތަށް ދެކެވެމުންދާ ކަމަށް އިންތި ވިދާޅުވި އެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ގޯލްޑަން ލޭން ޑިރެކްޓަރު މުހައްމަދު ސައިދާއެކު މަޝްވަރާ ކުރައްވާ ވީޑިއޯއެއް އާންމުވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި އިންތި ވިދާޅުވީ އެ ވީޑިއޯއިން ފެންނަ ގޮތުން އެބޭފުޅުން ދައްކަވަނީ ސިޔާސީ ވާހަކަ ކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ އެއްވެސް ފަނޑިޔާރަކާ ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއް ކުރެވިއްޖެނަމަ އޭގެ އެންމެ ރަނގަޅު ގޮތަކީ އެ ފަނޑިޔާރަކު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ. އަދި އެފަދަ ވީޑިއޯއެއް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުގެ މައްސަލަބަލައި އެކަން އެއީ ހިނގާފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރާން ޖެހޭނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.
ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވީ އެ މައްސަލައަކީ މަޖިލީހުގައި ބަހުސްކުރެވެން ޖެހޭނެ މައްސަލައެއް ކަމަށް ގަބާލު ނުކުރައްވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ އަބަރު ގެއްލޭ ފަދަ ގޮތަކަށް މަޖިލީހުން މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅޭކަމަށްވާ ނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ބަރަހަނާ ވީޑިއޯއެއްގެ ތުހުމަތު ކުރެވޭ ފަނޑިޔާރު އެފަދަ އަމަލެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރާން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ބަރަހަނާ ވީޑިއީ އުޅޭ ކަމަށް ތުހުމަތު ކުރެވޭ ބައެއް މެންބަރު ވެސް ރައްޔިތުންގެ މަޖިލީހުގައިގެ ތެރޭގައި އުޅޭ ކަމަށެވެ.
މިއަދުގެ ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ ސުޕްރީމް ކޯޓޫގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ދިއުމަކީ ވަރަށް ސީރިޔަސް މައްސަލަ އެއް ކަމަށާއި އެފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށްވާނަ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް މެންބަރުން ގޮވާލެއްވި އެވެ.
ބ. އޭދަފުށީ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް "ފިލްމު ކުޅުއްވި" ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.