އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް 2014ގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމް މިއަދު ސްރީލަންކާ އަށް ހިގައްޖެ އެވެ.

ކޮލިފިކޭޝަންބުރުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ގައުމުތަކަކީ ސްރީލަންކާ އާއި އިންޑިއާ އަދި ޕާކިސްތާނެވެ. މިމުބާރާތް ފަށާނީ އަންނަ ބުދަ ދުވަހު އެވެ.

ލަންކާ އަށް މިއަދު ދިޔަ ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ޖުމްލަ 13 ކުލުންތެރިން ވަނީ ހިމަނައިފަ އެވެ. އަދި ރާއްޖެ ޓީމުގެ ކޯޗަކީ މުހައްމަދު ޝަރަފް އެވެ. ޓީމުގެ މެނޭޖަރަކީ އަލީ ލަތީފެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ، މިމަހުގެ ތިންވަނަ ދުވަހު ލަންކާގައި ފަށާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް 2014ގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ފަހު، ރާއްޖޭގެ ޓީމް އެބުރި މާލެ އައުމުގެ ބަދަލުގައި ދެން ދާނީ ނޭޕާލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ. އެ މުބާރާތް އޮތީ މިމަހުގެ 12 އިން 16 އަށެވެ.

ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތަކީ ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އެގައުމުގެ ވޮލީބޯލް އެސޯއިއޭޝަން ގުޅިގެން ސާކު ސަރަހައްދުގެ ގައުމުތަކުގެ ސީނިއާ ވޮލީ ޓީމްތަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.