އެމެރިކާ އިން ހިންގަމުން އަންނަ ޖާސޫސީ ޕްރޮގުރާމްގެ ތެރެއިން ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ އޮފީސްތައް "ބަގު" ކޮށްގެން، އެއޮފީސްތަކުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ވަގަށް ހޯދާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ބުނެފި އެވެ.

ގާޑިއަން ނޫހުން ބުނީ ކުދި ކުދި މައިކު ހަރުކޮށްގެން ނުވަތަ "ބަގު" ކޮށްގެން އެމެރިކާ އިން ޔޫރަޕުގެ އިއްތިހާދުގެ އިތުރުން ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ތެރޭ ހިމެނޭ އިޓަލީވިލާތް، ފަރަންސޭސިވިލާތް އަދި ގްރީސްގެ ދައުލަތުގެ އިދާރާތައް "ބަގު" ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޑިއަން ނޫހަށް މިމައުލޫމާތު ލިބިފައި ވަނީ، އެމެރިކާ އަށް ފިލައިގެން އުޅޭ އެގައުމުގެ ޖާސޫސީ އިދާރާ ސީއައިއޭގެ ކުރީގެ އެނަލިސްޓެއް ކަމަށް އެޑުވާޑް ސްނޯޑެން ލީކުކޮށްލާފައިވާ ކަރުދާސްތަކެއްގެ އެހީގަ އެވެ.

އިކުއެޑޯއިން ސްނޯޑެންއަށް ހިމާޔަތްދޭނެ ކަމަށް ބުނެފައިވާއިރު، މިހާރު ސްނޯޑެން ހުރީ ރަޝިޔާގެ މޮސްކޯ އެއާޕޯޓުގައި ތާށިވެފަ އެވެ. މޮސްކޯ އެއާޕޯޓުގައި ސްނޯޑެން ތާށިވީ އެމެރިކާއިން އޭނާގެ ޕާސްޕޯޓް ކެންސަލްކޮށްލުމުން ނެވެ.

ދެހާސް ދިހައެއްގެ ސިއްރު ލިޔެކިޔުންތަކަކާ ހަވާލާދީ ގާޑިއަން ނޫހުން ބުނީ އެމެރިކާގެ ސިއްރު ޖާސޫސީ އިދާރާއެއް ކަމަށް ނެޝަނަލް ސެކިޔުރިޓީ އެޖެންސީ (އެންއެސްއޭ) އިން ދުނިޔޭގެ 38 ގައުމެއްގެ އެމްބަސީތައް "ބަގު" ކޮށްފައިވާ ކަމަށެވެ.

ގާޑިއަން ނޫހުން ބުނީ މިކަރުދާހުގައި ގައުމުތަކުގެ ސިއްރުތައް ހޯދާނެ ތަފާތު ގޮތްތައް ބަޔާންކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ގައުމުތަކުގެ އެމްބަސީތަކުގައި ހުންނަ ފޯނުތަކާއި އެނޫން ވެސް މުވާސަލާތީ އިކުއިޕްމަންޓްގައި މައިކު ހަރުކޮށްގެންނާއި އެމްބަސީތަކުގެ މުވާސަލާތީ ކޭބަލްތައް ޓެޕްކުރުމުގެ އިތުރުން އެންޓެނާ ބޭނުންކޮށްގެން ސިއްރު މައުލޫމާތު ހޯދުން ހިމެނޭ ކަމަށެވެ.

ގާޑިއަން ނޫހުން ބުނީ މިކަރުދާހުގައި އދ.ގައި ހުންނަ ފަރަންސޭސިވިލާތާއި ގުރީސްގެ އެމްބަސީ އަދި ވޮޝިންގްޓަންގައި ހުންނަ އިޓަލީވިލާތުގެ އެމްބަސީގައި ހިނގާ ކަންކަން ހޯދުމަށް ހިންގިފައިވާ ޖާސޫސީ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިމެނޭ ކަމަށެވެ.

ވިލާތުގެ އެމްބަސީތަކުގެ އިތުރުން އެމެރިކާގެ އެހެނިހެން ބައިވެރިންގެ އެމްބަސީތައްވެސް އެގައުމުން "ބަގު" ކޮށްފައިވެ އެވެ. މިގޮތުން ޖަޕާން، މެކްސިކޯ، އުތުރު ކޮރެއާ، އިންޑިއާ އަދި ތުރުކީގެ އެމްބަސީތައް އެމެރިކާ އިން "ބަގު" ކޮށްފައިވާ ކަމަށް ގާޑިއަން ނޫހުން ބުނެ އެވެ.