04 Nov 2010, 10:52
ތިލަފުށީ ފަޅުން 130 ހެކްޓަރު ބިން ހިއްކުމުގެ މަޝްރޫއެއް، ސަރުކާރުގެ ކޮންޓްރެކްޓިން ކޮމްޕެނީން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑުކޮށް، 269.85 މިލިއަން ރުފިޔާ އަށް ހެވީ ލޯޑް މޯލްޑިވްސް އާ ހަވާލުކޮށްފި އެވެ.
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް[ޓީސީއެލް]ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒު މިއަދު ވިދާޅުވީ، އެ މަޝްރޫއު އަށް ބީލަން ހުށަހެޅި ތިން ފަރާތުގެ މެދުގައި ނެގޯޝިއޭޓް ކުރުމަށް ފަހު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީ ލޯޑަށް މަސައްކަތް ހަވާލުކުރީ އެ ކުންފުނިން ހުށަހެޅި މުއްދަތަށް ބެލުމަށް ފަހު ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ނެގޯސިއޭޝަނުގައި ބައިވެރިވި ތިން ކުންފުނީގެ ތެރެއިން ސަރުކާރާއި ރައްޔިތުން ބައިވެރިވާ، އެމްޓީސީސީން ހުށަހަޅާފައި ވަނީ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް 167.4 މިލިއަން ރުފިޔާ އަށް ކޮށްދިނުމަށް ކަމަށާއި ބޮސްކާލިސް އިންޓަނޭޝަނަލް އިން، 411 މިލިއަން ރުފިޔާ އަށް ހަ މަސް ދުވަހުގެ މުއްދަތެއް ހުށަހެޅި އިރު، ހެވީ ލޯޑުން ހުށަހަޅާފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 269.85 މިލިއަން ރުފިޔާ އަށް 130 ހެކްޓަރުގެ ބިން ހިއްހައި ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑު އަގަށް މަސައްކަތް ހަވާލުކުރީ، ޕޯޓް ވެސް ތިލަފުއްޓަށް ބަދަލުކުރުމުގެ ޕްލޭނެއް ސަރުކާރުގެ ތެރޭގައި އުޅޭތީ އެއާ ދިމާ ކުރުމުގެ ވެސް ބޭނުމުގައި ކަމަށެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު 30ގައި ސޮއިކުރި މަޝްރޫއުގެ މަސައްކަތް މުއްދަތަށް ނުނިންމައިފި ނަމަ، ސިކިޔުރިޓީ އަކީ 1.2 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެގްރީމަންޓްގައިވާ ގޮތަށް އަދި ޝެޑިއުލަށް މަސައްކަތް ނުދާ ނަމަ، ފައިސާ ދޫކުރާނީ ހިއްކާ ބަޔަށް އެކަނި ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހެވީ ލޯޑަކީ އެ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.
ޓީސީއެލްގެ ކޯޕަރޭޓް އެފެއާޒާ ހަވާލުވެ ހުންނެވި މުހަންމަދު ލަތީފު މިއަދު ވިދާޅުވީ ހެވީލޯޑާ މަސައްކަތް ހަވާލުކުރީ އެޑްވާންސްގެ ގޮތުގައި ތިން މިލިއަން ޑޮލަރަށްވާ 38.55 މިލިއަން ރުފިޔާ ދެއްކުމަށް ފަހު ކަމަށެވެ.
ތިލަފުށީގެ ފަޅު ހިއްކުމުގެ ބޮޑު މަޝްރޫއެއް 269 މިލިއަން ރުފިޔާ އަށް ހެވީލޯޑާ ހަވާލުކޮށްފައިވާކަން ފަޅާއަރުވާލީ، އެންމެ ބޮޑު އިދިކޮޅު ޕާޓީން ދާދިފަހުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު ނިހާން ހަސަން މަނިކެވެ. އޭނާ އެ ވާހަކަ ދެއްކެވުމާ ހަމަ އަށް ސެޕްޓެމްބަރު 30 ގައި ސޮއި ކުރި މަޝްރޫއުއާ ބެހޭ ގޮތުން ޓީސީއެލް އިން ވެސް އަދި ސަރުކާރަކުން ވެސް އެއްޗެއް ނުބުނެ އެވެ.