ރާމަﷲ (ޖުލައި 1) : އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށޭތޯ ކެރީ ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ނަމަވެސް މިކަންވަނީ ނާކާމިޔާބުވެފަ އެވެ. ކެރީގެ މަސައްކަތް ނާކާމިޔާބުވީ ޝަރުތަކާނުލައި އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް އޭނާ އެދިވަޑައިގަތް އެދިވަޑައިގަތުމަށް ފަލަސްތީނުން ދެކޮޅު ހެދުމުންނެވެ. ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު ޢުރައިޤާތު ވިދާޅުވީ ސުލްހައިގެ ވާހަކަތައް ފެށުމަށް ކެރީ ހިންގެވި ޝަޓްލް ޑިޕްލޮމަސީގެ މަސައްކަތްޕުޅުގައި އައު ކަމެއް ހުށަހަޅުއްވާފައި ނުވާތީ މިކަމުގައި ކެރީ އަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމުގަ އެވެ.

މީގެކުރިން ވެސް އިސްރާއީލާ އެކު ފަލަސްތީނުން ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތަކަށް 18 އަހަރުވީއިރު ވެސް މިކަމުން އެއްވެސް ނަތިޖާއެއް ނެރެވިފައިނުވާތީ އާއި ސުލްހައިގެ ވާހަކަތައް ދައްކަމުން ގެންދިޔައިރު ވެސް ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ މަޝްރޫޢު އިސްރާއީލު ހުއްޓާލާފައިނު ވާތީ ފަލަސްތީނުން ވަނީ ނަމެއްގައި އަދިކޮޅެއްގައި ނުޖެހޭ ގޮތަށް ސުލްޙައިގެ ވާހަކަތައް ދެން ކުރިޔަށްގެންދަން ބޭނުންވުނާކަމަށްބުނެފަ އެވެ.

އަދި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ޓަކައި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ މަޝްރޫޢު ހުއްޓާލުމަށް ފަލަސްތީނުންވަނީ ޝަރުތުކޮށްފަ އެވެ. ނަމަވެސް އިސްރާއީލުން ވަނީ މިޝަރުތު ގަބޫލުކުރުމަށް ދެކޮޅުހަދައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ޤާނޫނީ މަޝްރޫޢު އައު ބާރަކާ އެކު ކުރިޔަށްގެންދަން ފަށައިފަ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް އަލުންފެށޭތޯ ކެރީ ފަލަސްތީނަށާއި އިސްރާއީލަށް ކުރެއްވި ފަސް ވަނަ ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ދެފަހަރު ބައްދަލުކުރައްވައި ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް އާ ތިންފަހަރު ބައްދަލު ކުރައްވާފައިވެ އެވެ. ސުލްހައިގެ ވާހަކަތައް ފެށުމަށް ކެރީ ހިންގެވި ޝަޓްލް ޑިޕްލޮމަސީގެ މަސައްކަތްޕުޅުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވިނަމަވެސް އިސްރާއީލަށާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ދެއްވި ބަޔާނެއްގައި މަސައްކަތްތައް ނާކާމިޔާބުވެގެން ދިޔަކަމަށް އިޢްތިރާފް ވުމަށް ކެރީ ވަނީ ދެކޮޅުހައްދަވާފަ އެވެ. ކެރީ ވަނީ އޭނާގެ މިދަތުރުފުޅުގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ނުފެށުނު ނަމަވެސް މިވާހަކަތައް މިހާރު ވަނީ އަތްފޯރާ ފަށުގައި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ވަރަށް އަވަހަށް އެނބުރި މެދުއިރުމައްޗަށް ވަޑައިގަންނަވާނެ ކަމަށް ވެސް ކެރީ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)