ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން ގާނޫނާ ހިލާފަށް މެމްބަރުންގެ ފޯނު ބިލަށް 37895.81ރ. ދީފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އިއްޔެ ނެރުއްވާފައިވާ ސީއެސްސީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ގާނޫނާ ގަވައިދާހިލާފަށް އެ ކޮމިޝަނުގެ މެމްބަރުންންގެ ފޯނު ބިލަށް 37895.81ރ. ދައްކާފައިވާ ކަމަށާއި އަދި ފާއިތުވި ދެ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވެސް އެކަންތައް އިސްލާހުކުރުމަށް އަންގާފައިވީ ނަމަވެސް އެއްވެސް އިސްލާހީ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ މެމްބަރުންގެ ފޯނު ބިލަށް ފައިސާ ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ޕަބްލިކް ބެންކް އެކައުންޓައް ޖަމާކުރުމަށެވެ.

އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރުކަންތަކުގެ ތެރޭގައި ސީއެސްސީގެ ހިދުމަތް ރަނގަޅުކުރުމަށް ސިވިލްސާވިސް އޮފީސްތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހުތަކަށް ބަދަލުގެނައުމަށް ސިވިލް ސާވިސްގައި ހިމެނޭ 14 މިނިސްޓްރީގެ އޮގަނައިޒްތައް ރިވިއުކުރުމަށް ބޭރުގެ ފަރާތަކާ އެކު 2011 ވަނަ އަހަރުގައި 136598 އެމެރިކާ ޑޯލަރުގެ ޕްރޮޖެކްޓުގައި ސޮއިކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށެވެ.

"އެގޮތުން އެއްބަސްވެފައިވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާ ގޮތާއި އެކަށީގެންވާ އަވަސްމިނެއްގައި މަސައްކަތް ކުރިއަށްނުދާ ނަމަ އަޅާނެ ފިޔަވަޅު ފަދަ މުހިންމު މާއްދާތައް ހިމަނުއްވާލާފައެއްނުވޭ" އެއޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ ކުރިއަށް އޮތްތަނުގައި ކޮންސަލްޓަންޓުންގެ ހިދުމަތް ހޯދުމަށް އެގްރިމަންޓްކުރާ އިރު މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން މަސައްކަތް ނުނިމިއްޖެ ނަމަ ފައިސާ އުނިކުރެވޭނެ ގޮތަށް އެގުްރިމެންޓް ހެދުމަށެވެ. އަދި މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަށް އެގަވައިދުގެ މަތިން ފިޔަވަޅުއެޅުމަށް ލަފާއަރުވާފަ އެވެ.