01 Jul 2013, 09:34
ޤާހިރާ (ޖުލައި 1): މިސްރަށް ރައްޔިތުންގެ ދެވަނަ އިންގިލާބެއް ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުރުސީ ވިދާޅުވެއްޖެ އެވެ.
ރައީސް މުރުސީ އިސްތިއުފާ ދެއްވައި އަލުން ރިޔާސީ އިންތިޚާބެއް ބާއްވާނެ ތާރީޚެއް ސަރުކާރުން އިޢްލާން ނުކުރަނީސް އެނބުރި ގެއަށްނުދާނެ ކަމަށްބުނެ މުރުސީއާ އިދިކޮޅު ފަރާތްތަކުން ގާހިރާގެ ތަޙްރީރު މައިދާނަށް ޖަމާވެފައިވަނިކޮށް މުރުސީ ވިދާޅުވީ 2011 ވަނަ އަހަރު ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުންގެ އިންޤިލާބެއްގައި ވައްޓާލިގޮތަށް ދެން ރައްޔިތުންގެ އިތުރު އިންގިލާބެއް މިސްރަށް އައުމުގެ ފުރްސަތުނެތް ކަމުގަ އެވެ. އެހެންކަމުން އިދިކޮޅުފަރާތްތަކުގެ ގޮވާލުންތަކާ ގުޅިގެން އިސްތިއުފާނުދެއްވާނެ ކަމަށް ވެސް މުރުސީ ވިދާޅުވި އެވެ.
މުރުސީ މިހެންވިދާޅުވެފައިވާ އިރު މުގައްތަމް ގައި ހުންނަ މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ މައި މަރުކަޒަށް ޙަމަލާދޭން މަސައްކަތް ކުރި އިދިކޮޅު ފަރާތްތަކާއި މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ރޭ ހިނގި ކުރިމަތިލުންތަކެއްގައި ދެމީހަކު މަރުވެ ހަތަރު މީހަކު ވަނީ ޒަޚަމްވެފަ އެވެ. އިދިކޮޅު ފަރާތްތަކުން އިޚްވާނުލްމުސްލިމީން ޖަމާއަތުގެ މައި މަރުކަޒުގައި ހުޅުޖެހުމުން އެތަންމުޅިން ކަހަލަގޮތަކަށް އަނދާފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ.
ރައީސް މުރުސީގެ ވެރިކަން މަގުމަތިން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ބާއްވަމުންގެންދާ ބޮޑު އެއްވުމާބެހޭ ގޮތުން މުރުސީގެ ތަރްޖަމާން އީހާބު ފަހްމީ ވިދާޅުވީ މިސްރަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރެވޭނީ ވާހަކަ ދައްކައިގެން ކަމުގަ އެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީއަކީ ވޯޓުފޮށިންނާއި މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާ ހަރުކަށިކަމާ އެކު މަގުމަތިން ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމަކީ ޑިމޮކްރަސީ ނޫންކަމުގަ އެވެ.
ވަރަށް ފޯރިއާއި ޖޯޝާ އެކު މިސްރުގެ އިދިކޮޅުފަރާތްތައް ތަޙްރީރު މައިދާނަށްއެއްވެފައިވާ އިރު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ހަމައެހާ ފޯރީގައި ގާހިރާގެ އިރުމަތީގައިވާ ރާބިޢާ އަލްޢަދަވިއްޔާ މައިދާނަށް އެއްވެފަ އެވެ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އިޚްވާނުލްމުސްލިމީން ޖަމާއަތާއި އިސްލާމީ ފިކުރުގެ އެހެންޕާޓީތަކާއި އެޕާޓީތަކަށް ތާއީދުކުރާފަރާތަކެވެ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ އެމީހުން ދިފާޢުކުރަނީ މިސްރުގެ ޝަރްޢީ އަދި އިންތިޚާބީ ވެރިކަން ކަމުގަ އެވެ.
މިސްރުގެ ސިޔާސީ ގަޑުބަޑުތައް މިހާ މައްޗަށް ގޮސް ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރު ހީވެފައިވާ އިރު ރައްޔިތުންނަށް ދޭންޖެހޭ ޢާންމު ޚިދްމަތްތައް ދެމެހެއްޓުމަށާއި ދައުލަތުގެ މަސްލަޙަތުތައް ޙިމާޔަތް ކުރުމުގެ ކަންތައް ކަށަވަރު ކުރެއްވުމަށް ޓަކައި ރައީސް މުރުސީ ވަނީ ބޮޑުވަޒީރު ހިޝާމް ގިންދީލް އާއި ދާޚިލީ އަދި ދިފާޢީ ވަޒީރުންނާ އޭނާގެ އޮފީހުގައި ބައްދަލުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)