އިންޑިއާ އިން ފުރައިގެން މިދިޔަ މަހުގެ ރާއްޖެ އައި ބޯޓަކުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމަށް ފަހު ބުނެފައި ވަނީ އެތަކެތި އަތުލައިގަތީ މީގެ ދެ މަސް ކުރިން ކަސްޓަމްސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ގޮނދަޑިތައް ރާއްޖެ އެތެރެކުރި ކުންފުނީގެ ދެ ހިއްސާދާރުންނާ ބެހޭ މައުލޫމާތާއި އެތެރެކުރި މަސްތުވާއެއްޗެހި ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މިއީ މިފަހުގެ ތާރީހެއްގައި ކަސްޓަމްސް އިން މިގޮތަށް އަތުލައިގެންފައިވާ އެންމެ ބޮޑުއެއް ކޮންސައިންމަންޓެވެ. މީގެ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދަކަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަސިސް އޮއިލް ވަނީ އަތުލައިގެންފަ އެވެ. އެތަކެތި ފެނިފައި ވަނީ ފީނަން އުޅުނު މަސްވެރިންގެ ބަޔަކަށެވެ. ނަމަވެސް އެތަކެތި ރާއްޖެ އެތެރެ ކުރި ބަޔަކު މިއަދާ ހަމައަށް ވެސް ހޯދިފައެއް ނުވެ އެވެ.

ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ގޮދަނޑިތަކެއްގެ ތެރޭގައި ރައްކާކޮށްގެން އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި އެއް ކިލޯ ހެރޮއިން އާއި 10.6 ކިލޯ ހަޝިޝްއޮއިލް ހުއްޓެވެ. އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ކޮން ބައެއް ކަމެއް ކަސްޓަމްސްއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވެފައި ވަނީ އަތުލައިގެން މަސްތުވާތަކެއްޗަކީ ރާއްޖެ އަށް މުދާ އިމްޕޯޓުކުރާ ކުންފުންޏަކުން ރާއްޖެ އެތެރެކޮށްފައިވާ ހަތް ގޮދަޑީގެ ތެރޭގައި ރައްކާކޮށްފައި ހުރި ތަކެތި ކަމަށެވެ. އެ ގޮދަނޑިތަކުގެ ތެރެއިން 14 ޕެކެޓް ވަނީ ފެނިފަ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކާ ބެހޭ މައުލޫމާތު ކަސްޓަމްސް އިން ފުލުހުންނާ ހިއްސާކޮށްފައިވީ ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެ މައްސަލާގެ މައުލޫމާތުތައް ފުލުހުން ހާމަކޮށްފައި ނުވަނީ ތަހުގީހަށް ހުރަސް އެޅިދާ ނެތީ ކަމަށް ވެސް ވެދާނެ އެވެ.

ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަސްޓަމްސްގެ ތިން ޑިޕާޓްމަންޓަކުން ބައިވެރިވެގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަޅާފައި ހުރި ގޮނދަޑިތައް ފެނިފައި ވަނީ ރާއްޖެ އެތެރެކުރި 10 ގޮދަނޑީގެ ސިޕްމަންޓެއްގެ ތެރެއިން ހަތް ގޮދަނޑި ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. ގޮނދަޑިތަކުގެ ތެރޭގައި ރައްކާކޮށްފައި ހުރި މަސްތުވާތަކެތި ކަސްޓަމްސް އިން ނަގާފައި ވަނީ އެތަކެތީގެ މެދުން ކަފާލައިގެންނެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުގައި ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތެއް އެތެރެކޮށްފި ނަމަ އެއެއްޗެއް އެތެރެކުރި ފަރާތަކާ އެތަކެއްޗާއި އެއާ ބެހޭ މައުލޫމާތަކާ އެކު އެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކުރަންޖެހޭ ކަމަށެވެ.

އެގޮތުން އެންމެ ފަހުން އަތުލައިގެން 11.6 ކިލޯގެ މަސްތުވާތަކެއްޗާއި އެތަކެތި އަޅާފައި މުދާ (ގޮދަނޑިތައް) ރާއްޖެ އެތެރެކުރި ކުންފުނީގެ ހިއްސާދާރުންނާ ބެހޭ މައުލޫމާތާއި އެކަމާ ބެހޭ ޑޮކިއުމަންޓްތައް ކަސްޓަމްސް އިން ވަނީ ފުލުލުހުންނާ ހިއްސާކޮށްފަ އެވެ.

"ކަސްޓަމްސް އިން އެތަކެތި ވަނީ އެރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނާ ހަވާލުކޮށްފައި، އެކަންތައް ތަހުގީގު ކުރުމަށް ފަހު އެނގޭނީ އެތަކެތި އެތެރެކުރި ބަޔަކު ހޯދޭނީ،" އޭނާ ވިދާޅުވި އެވެ.

އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގެ ކުރިން ރާއްޖޭގައި ހުންނަ ކޮންސައިނީއެއްގެ ނަން ކަސްޓަމްސް އަށް އަންގަންޖެހެ އެވެ. އަދި މުދާ އެތެެރެކުރުމާ ބެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމުން ނޫނީ އެ މުދަލެއް އެތެރެނުކުރެވޭނެ ކަމަށް ކަސްޓަމްސްގެ ގަވާއިދުގައިވެ އެވެ. އެހެންކަމުގައިވާއިރު ހަމަ ގައިމު ވެސް މުދާ ރާއްޖެ އެތެރެކުރި ފަރާތްތައް މިހާރު އެ ވަނީ ހާމަނުކުރި ނަމަވެސް އެނގިފަ އެވެ. ނަމަވެސް ތަހުގީގަށް ފަހު ގޮދަޑިތަކުގެ ތެރޭގައި ރައްކާކޮށްފައި ހުރި މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހޯދިދާނެ ކަމާ މެދު މިހާރު ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.