01 Jul 2013, 09:13
އޭޑީކޭ ހޮސްޕިޓަލްގެ ކޯލް ސެންޓަރުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެ ސެންޓަރު ހދ. ކުޅުދުއްފުއްޓަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ ލައިނަށް ގުޅުމަށް މިހާރު ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށާއި އަދި މިހާރު ކޯލް ސެންޓަރުގައި ހަ ކުދިން ތިބޭއިރު 40 ކުދިންނާ އެކު ކުޅުދުއްފުށީގައި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ކޯލް ސެންޓަރު ގާއިމް ކުރެވޭނެ ކަމަށެވެ.
"އެންމެ ބޮޑު ޝަކުވާއަކީ އޭޑީކޭ ހޮސްޕިޓަލުން ފޯނެއް ނުނަގާނޭ، ފޯނު ނުނެގޭ ސަބަބަކީ އޭޑީގެ ނަމްބަރަށް ދިރާގުގެ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން ދުވާލެއްގެ މައްޗަށް 2800 ކޯލް އެބައާދޭ. އެވަރަށް އަންނައިރު ޕީކް ގަޑީގައި މިތިބެނީ ހަ އޮޕަރޭޓަރުން ތިިއްބާ އަނެއްހެން ތިބޭނީ ހަތަރެއް،" ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ އިން ކުޅުދުއްފުށީގައި ކޯލްސެންޓަރެއް ގާއިމްކުރުމަށް ނިންމާފައިވާ އިރު އެ ކުންފުނިން ވަނީ އޭޑީކޭ ހޮސްޕިޓަލް ތަރައްގީކުރުމަށް 23 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށާފަ އެވެ. އަދި މާލޭ ސިއްހީ މަރުކަޒު ހުރި ބިމާ އެކު އޭޑީކޭ ހޮސްޕިޓަލުގެ ބިމުގެ ކުލީގެ މުއްދަތު 2045 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ އިތުރުކޮށްދީފި އެވެ.