01 Jul 2013, 09:05
މިދިޔަ މެއި މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވު 355.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން އިއްޔެ އާއްމުކުރި މިދިޔަ ޖޫން މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ބޭރު ފައިސާގެ ރިޒާވް މިދިޔަ މެއި މަހު އިތުރުވެފައި ވަނީ 2.6 މަހަށް ބޭނުންވާ މިންވަރަށް ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 342.2 މިލިއަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރުވެފަ އެވެ.
ބޭރު ފައިސާގެ ރަސްމީ ރިޒާވް އަކީ ކޮންމެ ގައުމެއްގެ މާލީ ހާލަތު ދައްކައިދޭ އިގްތިސާދީ ވަރަށް މުހިންމު މިންގަނޑެކެވެ. އަދި އެ ރިޒާވްގައި ހުންނަ ފައިސާ އިން ފުދޭނީ ކިތައް މަސް ދުވަހުގެ އިމްޕޯޓަށްތޯ ބަލާ މިންކުރެ އެވެ. އިގްތިސޯދީ ރިވިއުގައިވާ ގޮތުން މިހާރު ރިޒާވް ހުރި މިންވަރަކީ ކުރިއަށް އޮތް 2.6 މަހެއްހާ ދުވަހު ރާއްޖެ އަށް ބޭނުން ވާ މުދާ އިމްޕޯޓް ކުރެވޭނެ މިންވަރެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކުން ބުނީ ކޭޝްފްލޯ ހިސާބުތަކަށް ބަލާ އިރު މެއި މަހުގެ ނިޔަލަށް ސަރުކާރުގެ ހަރަދުތައް އިތުރުވީ މިންވަރަށް ވުރެ، އާމްދަނީ ލިބުނު މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް އިތުރުވުމާ ގުޅިގެން ކަމަށް އެ ރިވއުގައި ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ އެ މުއްދަތުގައި އާމްދަނީ އިތުރުވި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު އާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ހަރަދަށް ބަލާއިރު މުސާރަ އާއި އިނާޔަތްތައް އިތުރުވުމާ ގުޅިގެން ރިކަރަންޓް ހަރަދު އިތުރުވެފައިވާ ކަމަށް ރިވިއުގައި ބުނެފައިވެ އެވެ.