01 Jul 2013, 05:36
ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި މިރޭ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ފައިނަލްގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިން 3-0 ން ބަލިކޮށް، ބްރެޒިލް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފި އެވެ.
ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ، އަދި 1975 ން ފެށިގެން ވާދަވެރި މެޗަކުން އަމިއްލަ ދަނޑުގައި ބަލިވެފައި ނުވާ ބްރެޒިލް، ސްޕެއިންގެ މައްޗަށް މިރޭ ހޯދި ކާމިޔާބާއެކު، ވެގެން ގޮސްފައިވަނީ ކޮންފެޑެރޭޝަންސް ކަޕްގެ ތާރީހްގައިވެސް އެ މުބާރާތް ޖެހިޖެހިގެން ތިންފަހަރު ކާމިޔާބުކުރި ފުރަތަމަ ގައުމަށެވެ.
އެންމެ ފަހުގެ ވޯލްޑްކަޕްގައި ސްވިޒަލެންޑް އަތުން 1-0 ން ބަލިވި މެޗަށްފަހު މިހާތަނަށް ކުޅުނު ބައިނަލްއަގްވާމީ އެއްވެސް މެޗަކުން ބަލިނުވެ 29 މެޗުގެ ރެކޯޑެއް ގާއިމްކޮށްފައިވާ ސްޕެއިންގެ ގޯލް ބްރެޒިލް ޓީމުން ހުޅުވާލީ މެޗުގެ ދެވަނަ މިނިޓުގައި ފްލުމިނެންސްގެ ފޯވާޑް ފްރެޑްރިކޯ ޗަވޭޒް (ފްރެޑް) ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަންތޯޝްގެ ކުރީގެ ތަރި ނޭމާ ވަނީ ބްރެޒިލްގެ ނަތީޖާ 2-0 އަށް ފުޅާ ކޮށްފަ އެވެ. ދެވަނަ ހާފް ފެށިގެން ދެވަނަ މިނިޓްގައި ބްރެޒިލްގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފްރެޑް އެވެ.
މެޗުގެ ދެވަނަ ހާފުގައި ސްޕެއިންއަށް ލިބުނު ޕަނަލްޓީއެއް ސަޖިއޯ ރާމޯސްގެ އަތުން ބޭރަށް ގޮސްފައިވާއިރު 68 ވަނަ މިނިޓުގައި ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ވަނީ ސިދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެގޮތުން ސްޕެއިން މެޗުގެ ބާކީ ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުންނެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްގެން އެޑިޑާސް ގޯލްޑަން ބޫޓް ހޯދީ ޗެލްސީގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އެވެ. އޭނާ ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖަަހައިގެން ސިލްވަބޫޓް ހޯދީ ފްރެޑް އެވެ. އަދި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއެއްގެ ގޮތުގައި އެޑިޑާސް ބްރޯންޒް ބޫޓު ކާމިޔާބު ކުރީ ނޭމާ އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށްދޭ އެޑިޑާސް ގޯލްޑަން ގްލޯވް އެވޯޑް ހޯދީ ބްރެޒިލްގެ ގޯލް ކީޕަރު ޖޫލިއޯ ސެސާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ އެޑިޑާސް ގޯލްޑަން ބޯލް އެވޯޑް ހޯދީ ނޭމާއެވެ. އަދި ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށްދޭ ސިލްވަ ބޯލް ބާސާގެ މިޑްފީލްޑަރު އަންދްރޭ އިނިއެސްތާ ހޯދި އިރު ތިންވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބްރައުންޒް ބޯލް ލިބުނީ ކޮރިންތިއާންސްގެ މިޑްފީލްޑަރު ޕައުލީނިއޯ އަށެވެ.
ފައިނަލް މެޗު ފެށުމުގެ ކުރިން އެތަށް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައި ދިޔަ ބްރެޒިލްގެ ރިއޯގެ މަގުތަކުގައި، އެގައުމުގެ އެތަކެއްހާސް ރައްޔިތުންނެއް މިހާރު ދަނީ އުފާ ފާޅު ކުރަމުންނެވެ.