ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖަހައިގެން 3-2 ން އުރުގުއޭ ބަލިކޮށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ތިންވަނަ މަގާމް އިޓަލީ ހޯދައިފި އެވެ.


ސަލްވަޑޯގެ އެރީނާ ފޮންޓޭ ނޯވާގައި ކުޅުނު ފޯރިގަދަ މެޗުން އިޓަލީ މޮޅުވިއިރު އެ ޓީމުގެ ކީޕަރު ބުފޮން 24 ވަނަ މިނިޓުގައި އިޓަލީގެ ޑެވިޑޭ އެސްތޯރީ ލަނޑެއް ކާމިޔާބު ކޮށްފައިވަނިކޮށް 58 ވަނަ މިނިޓުގައި އުރުގުއޭއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑިންސަން ކަވާނީ އެވެ. އަދި 73 ވަނަ މިނިޓުގައި އެލެސަންދްރޯ ޑިއަމަންޓީ އިޓަލީއަށް ދެވަނަ ފަހަރަސް ކުރި ހޯދައިދިން ނަމަވެސް އޭގެ ފަސް މިނިޓުފަހު އިޓަލީ ކޮޅަށް ލަނޑެއް ކާމިޔާބުކޮށް، ކަވާނީ ވަނީ ދެވަނަ ފަހަރަށް އުރުގުއޭއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއްވެސް ކޮޅަކަށް ނަތީޖާ ބުރަވެފައި ނެތުމުން އިތުރު 30 މިނިޓު ކުޅުވައިގެންވެސް ގޮތެއް ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އިޓަލީއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، އަލްބާޓޯ އެކުއެލާނީ، ސްޓެފަން އަލް ޝާރަވީ އަދި އެމެނުއެލް ގިއަކެރިނީ އެވެ. އުރުގުއޭގެ ލުއިސް ސއަރޭޒްއާއި މެކްސިމިލިއާނޯ ޕެރެއިރާ ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު އިޓަލީގެ ގޯލް ކީޕަރު ބުފޮން ވަނީ، ޑިއެގޯ ފޯލާން، މާޓިން ސެސެރޭޒް އަދި މެޓިއާ ޑި ސިގްލިއޯގެ ޕެނަލްޓީ މަތަކޮށްފަ އެވެ.

މެޗަށްފަހު އުރުގުއޭގެ ކޯޗު، އޮސްކާ ތަބަރޭޒް ބުނީ އިޓަލީގެ ކުޅުންތެރިން ވަރުބަލިވެފައި ތިބިކަމަށް ނޫސްތަކުގައި ލިޔެފައި ހުއްޓަސް އެ ޓީމުންވަނީ މެޗުގެ ބޯޅަ ހިފަހައްޓަައިގެން ވަރަށް ރަނގަޅަށް ކުޅެ އުރުގުއޭ ޓީމަށް އެމެޗުގައި އެތައް އުނދަގޫތަކެއް ކުރިމަތި ކުރުވާފައި ކަމަށެވެ.

އިޓަލީގެ ކޯޗު ސެޒާރޭ ޕްރެންޑަލީ ބުނީ، މެޗުގައި އިޓަލީ މޮޅުވީ އޭނާގެ ކުޅުންތެރިން ދެއްކި ކެރެކްޓާގެ ސަބަބުން ކަމަށާއި، އަދި އެ މެޗުގައި ދޫނުކޮށް ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.