01 Jul 2013, 00:19
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުންވާ ވައުދާއި އަދި ބުނާ ބަހާއި އަމަލު ދިމާވާނެ ކަމަށް ޑރ. ވަހީދުގެ ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ސަން އެފްއެމް އޮއިވަރު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އެއް ޕާޓީއެއްގެ ގޮތުގައި އެންމެ ވަރުގަދަ ޕާޓީއަކީ އެމްޑީޕީ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ އަށް ތާއީދުކޮށް ރާއްޖޭގެ ރައްޔިތުން އެމްޑީޕީ އަށް އިތުރަށް ވެރިކަންދީފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިހާރު އެހުރި ކެންޑިޑޭޓާ[ މުހައްމަދު ނަޝީދާ]އެކު އެމްޑީޕީ އަށް ތާއީދު ކުރައްވާކަށް ގިނަ ރައްޔިތުންނެއް ބޭނުމެއް ނުވޭ،" ތަސްމީން ވިދާޅުވި އެވެ. "އެއީ ވަރަށް ގިނަ ވައުދުތަކެއްވެފައި، އޭގެ އަސާސަކީ ޑިމޮކްރަސީ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ ނިޒާމު ދުއްވާލާފައި، ޑިމޮކްރެޓިކް އުސޫލުން ކަންތައްތައް ކުރަން. ވެރިޔަކަށް ހުންނަ މީހާ ވެސް ... އެ މީހަކު ބޭނުންހާ ގޮތަކަށް ކަންތައްތައް ނުކުރަން،"
ނަމަވެސް ތަސްމީން ވިދާޅުވީ ނަޝީދު ކަންތައްތައް ކުރެއްވީ ދިމާ އެއާ އިދިކޮޅަށް ކަމަށާއި "ރައީސް ނަޝީދަކީ ދައްކަވާ ވާހަކަފުޅާއި އަމަލު ދިމާވާ" ބޭފުޅެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ބަހާއި އަމަލު ސީދާ ވުމަށް ވުރެ ވަކި މުހިންމު އެއްޗެއް ނޯންނާނެ ކަމަށާއި ދެން ނަޝީދަށް ދިވެހި ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށެވެ.
"ވޯޓުލާން ދިވެހި ރައްޔިތުން ގޮސް ވޯޓުފޮއްޓަށް، ރައީސަކު ހޮވަން ވޯޓުލާ އިރު ވިސްނާލައްވާށޭ، މި ވޯޓުލާ މީހާ ބުނާ ވާހަކައެއް ތިމަންނަ އަށް ކެރިދާނެތޯ އެހެން މީހެއްގެ ކައިރީގައި ބުނަން ޔަގީނޭ މި ބޭފުޅާ މިހެން ހައްދަވާނެ އޭ، ނުކެރޭނެ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ބޭފުޅަކު ވިދާޅުވާ ވައުދެއް ނޫނީ ވިދާޅުވާ ގޮތް ނޫން ގޮތަކަށް ކަން ކުރަން ޖެހޭ ފަހަރު އަތުވެދާނެ ކަމަށެވެ. އެކަމަކު ނަޝީދަކީ ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅާ ދިމާ އިދިކޮޅަށް ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ.
ތަސްމީން ވިދާޅުވީ އެ ބޭފުޅުން ތަމްސީލު ކުރައްވާ ކޯލިޝަނަކީ ވަކި އެއް ކުލައަކަށް އޮތް ކޯލިޝަނެއް ނޫން ކަމަށާއި ޕާޓީތަކާ ނުގުޅި އަދި އެމްޑީޕީ އަށް ތާއީދު ނުކުރާ ގިނަ ބަޔަކު އެންމެ ފަސޭހައިން ގުޅުމުގެ ފުރުސަތު އޮތް ބަޔަކީ ވެސް ގިނަ ޕާޓީތަކެއްގެ މައްޗަށް ނިސްބަތްވާ ކޯލިޝަން ކަމަށެވެ. އަދި ތަސްމީން ވިދާޅުވީ ޕާޓީތަކާ ނުގުޅި އަދި ވެސް ގިނަ ބަޔަކު ތިބި ކަމަށެވެ. އެއީ ޕާޓީތަކުން ކަންކަން ކުރި ގޮތުން ގިނަ ބަޔަކު ސިޔާސީ ކަންކަންކަމާ ފޫހިވެފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ގިނަ ދިދަ ދަމާ ބަޔަކީ، ގިނަ ފާރުތަކުގައި ކުލަލާ ބަޔަކީ އެންމެ ބޮޑު ތާއީދު އޮތް ބައެއް ނޫން. އެކަން ކުރާކަށް މާކަ ގިނަ ބަޔަކު ބޭނުމެއް ނުވާނެ. ހަމަ ބަޔާ ހަވާލުކޮށްލީމާ ކިތަންމެ ގިނަ ދިދަ ވެސް ދަމާނެ،"
މިރޭގެ ޝޫގައި ތަސްމީން ވިދާޅުވީ ކޯލިޝަނުން ވަރަށް ބޮޑު އިސްކަމެއް ޒުވާނުންގެ ކުރި މަގު އުޖާލާ ކުރުމަށް ރާއްވަވާފައިވާ ކަމަށެވެ. އެ ގޮތުން ތައުލީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ތަސްމީން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ނިޒާމު އޮތް ގޮތުން އޯލެވެލް ނިމުމުގެ ކުރިން ބައެއް ކުދިންނަށް ތައުލީ ނިޒާމުން ލިބެން ޖެހޭ އެންމެ ރަނގަޅު ފައިދާ ނުލިބޭ ކަމަށާއި އަދި ސްކޫލް ނިންމާ ކުދިންނަށް ވެސް އެކަށީގެންވާ ހުނަރު ނެތުމުގެ ސަބަބުން ވަޒީފާ ލިބުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. އެ ކުދިންނަށް ވަރަށް ބޮޑު ސަމާލުކަމެއްދީ އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.