30 Jun 2013, 23:49
ދިރާގު ދިވެހިލީގުގެ ތިންވަނަ ބުރުގެ ތިންވަނަ މެޗުގައި، މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ.
މިސީޒަންގެ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ނިއުއިން މިރޭ އޭވައިއެލް ބަލިކޮށްފައިވަނީ، 10-0 ން ނެވެ. މި ސީޒަންގެ ދިވެހި ލީގުގެ ފުރަތަމަ މެޗުގައި ނިއުއިންވަނީ، ވީބީ އައްޑޫ އެފްސީ އަތުންވެސް 10-1 ން މޮޅު ވެފަ އެވެ.
މިރޭގެ މެޗުގައި ނިއުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ފަސް ލަނޑު ކާމިޔާބު ކޮށްފައިވާ އިރު މި ސީޒަންގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 37ށް އަރާފަ އެވެ.
މެޗުގެ ދެވަނަ މިނިޓުގައި ނިއުއަށް ލީޑު ލިބުނީ، ދަގަނޑޭ އޭވައިއެލްގެ ގޯލަށް ފޮނުވާލި ބާރު ޝޮޓެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި އޭވައިއެލްގެ މުހައްމަދު ޔާމީން އަތުން ބައިކޮޅަށް ލަނޑެއް ވަދެގެންނެވެ. އަދި ދެވަނަ ލަނޑު 10 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، މުހައްމަދު ސިފާން (ކުޑާއްޓޭ) އެވެ. އޭގެ މިނިޓެއް ފަހުން ނިއުގެ ތިންވަނަ ލަނޑު ދަގަނޑޭ ކާމިޔާބު ކޮށްދިންއިރު 26 ވަނަ މިނިޓުގައި ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއީލް އީސާ (މެސީ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ފަސްވަނަ ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އުމެއިރު އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓުގައި ނިއުގެ ހަ ވަނަ ލަނޑު، އަކްރަމް އަބްދުލް ޣަނީ (އަކޫ) އޭވައިއެލްގެ އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. އަދި މެޗުގައި ހެޓްރިކް ހެދި ލަނޑު 57 ވަނަ މިނިޓްގައި ދަގަނޑޭ ކާމިޔާބުކުރީ ނިއުއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.
ނިއުގެ އަށްވަނަ ލަނޑު 84 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނުމަށްފަހު އޭގެ ހަތަރު މިނިޓުފަހުން އޭވައިއެލްގެ ހަތަރު ޑިފެންޑަރުން ކައިރިން ނައްޓާލާފައި އޭރިޔާތެރެއަށްވަދެ ރީތި ލަނޑެއް ކާމިޔާބު ކޮށްގެން ނިއުގެ ނުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކެޕްޓަން އަޝަފާގު އެވެ.
ފަހު ހާފުގެ ފަހު މިނިޓުގައި ނިއުގެ އަހްމަދު ނިޔާޒު (ނިޔާ) އޭވައިއެލްގެ ހަތަރު ކުޅުންތެރިން ކަޓުވާލާފައި ބޯޅަހިފައިގެން ޕެނަލްޓީ އޭރިޔާތެރެއަށްވަދެ، ގޯލްގެ ކުރިމައްޗަށް ހުސްކޮށް ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނިއުގެ 10 ވަނަ ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދިނީ، އަލީ ފާސިރު (ސެންޓޭ) އެވެ.
މިރޭގެ މޮޅާއެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 45 ޕޮއިންޓް ނިއުއަށް ލިބިފައިވާއިރު އެ ކްލަބް ވަނީ، ލީގުގައި އިދިކޮޅު ޓީމުތަކުގެ ގޯލަށް 61 ލަނޑު ވައްދާލާފަ އެވެ. އަދި ނިއުގެ ގޯލަށް ވަދެފައިވަނީ އެންމެ ހަތަރު ލަނޑެވެ.
ލީގުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ބުދަ ދުވަހުގެރޭ 9:00ގަ އެވެ. އެމެޗުގައި ވާދަކުރާނީ، 28 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، 17 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ.