30 Jun 2013, 23:43
މިއަދުގެ ނިޔަލަށް ދައްކަން ޖެހޭ މިދިޔަ އަހަރުގެ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ފައިނަލް ޕޭމަންޓާއި ބަޔާން 1،400 އަށް ވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ބީޕީޓީ ދައްކައި ބަޔާން ހުށަހަޅަން ގާއިމުކުރި ވަގުތީ ކައުންޓަރުތަކުން ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިއަދު ޓޯކަން ނަމްބަރު ދޫކޮށްފައިވާ އެންމެންނަށް ހިދުމަތް ދިން ކަމަށް މީރާ އިން ބުންޏެވެ.
މިއަދު ބަޔާން ހުށަހަޅައި ބީޕީޓީ ދައްކަން ޖެހެނީ ޑިސެމްބަރު 2012، 31ގެ ނިޔަލަށް ހިސާބުކުރުމުގެ މުއްދަތު ހަމަވާ ކުންފުނިތަކާއި ޕާޓްނާޝިޕް އަދި އަމިއްލަ ފަރުދުންގެ ތެރެއިން މިދިޔަ އަހަރުގެ ބަޔާނާއި ފައިނަލް ޕޭމަންޓް ދައްކަން ޖެހޭ ފަރާތްތަކަށް ކަމަށް މީރާއިން ބުންޏެވެ.
މީރާއިން މިއަދު ވަނީ މިދިޔަ މަހުގެ ޖީއެސްޓީ ވެސް ބަލައިގެންފަ އެވެ. އެހެންވެ މިއަދު ކައުންޓަރުތަކަށް އެއްފަހަރާ އެތައް ސަތޭކަ ބަޔަކު ޖަމާވުމުން ގިނަ ބަޔަކު އެތައް އިރެއްވަދެން ކިޔޫގައި މަޑުކޮށްގެން ތިއްބެވެ.
މީރާއިން ބުނީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ފަހު ޕޭމަންޓުގެ ގޮތުގައި މިއަދުގެ ނިޔަލަށް ދައްކަން ޖެހޭނީ މިދިޔަ އަހަރު ދައްކަންޖެހޭ ޓެކްސް އަދަދުން ފުރަތަމަ އަދި ދެ ވަނަ އިންޓަރިމް ޕޭމަންޓާއި 2011 ވަނަ އަހަރު އިތުރަށް ފައިސާއެއް ދެއްކިފައިވާ ނަމަ އެ އަދަދު އުނި ކުރުމަށްފަހު އޮންނަ އަދަދު ކަމަށެވެ.
ބީޕީޓީގެ ގޮތުގައި މިއަދު ދައްކާފައި ވަނީ ކިހާ މިންވަރެއް ކަމެއް މީރާއިން ހާމައެއް ނުކުރެ އެވެ.