30 Jun 2013, 23:27
ޖަޕާނުގެ މިނިސްޓާ ފޯ އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން މިސްޓާ ޔޮށިޓަކަ ޝިންޑޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، އިގުތިސާދީ އަދި އިޖުތިމާއީ ހާލަތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ވަޒީރަށް މައުލޫމާތު އެރުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާ ދެގައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެ މިހާރު މިދެކޭ ތަރައްގީއަށް ވާސިލުވުމަށްޓަކައި އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި، ޓެލެކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ބައްލަވައިލެއްވި އެވެ. އަދި މި ދާއިރާއަށް ޖަޕާނުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވި އެވެ.
މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް، ވީހާވެސް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު، ކުރިއަށް ގެންދެވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަގީންކަން ޖަޕާނުގެ ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
މިސްޓާ ޔޮށިޓަކާ ޝިންޑޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ޖަޕާނުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ. އަދި ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށާއި، އިންތިހާބުގެ ކަންތައްތައް އޮމާންކަމާ އެކު ކުރިއަށް ގެންދެވުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމަށްފަހު، މިސްޓާ ޔޮށިޓަކަ ޝިންޑޯގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުގެ ފަރިއްކޮޅެއް ދެއްވި އެވެ. މި ފަރިއްކޮޅު އޮތީ މުލީއާގޭގަ އެވެ.