ސިއްހީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ރާއްޖެ އައިސް އުޅޭ ޗައިނާގެ ހޮސްޕިޓަލް ޝިޕް "އާކް ޕީސް"ގެ މިޝަން ކޮމާންޑަރު އެޑްމިރަލް ޝެން ހާއޯ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އަރިހަށާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

އެމްއެންޑީއެފްއާ ޗައިނާ ނޭވީ ގުޅިގެން ރާއްޖޭގައި "މިޝަން ހާމަނީ 2013"ގެ ނަމުގައި ސިއްހީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރަހުމަތްތެރިކަމުގެ ޒިޔާރަތެއްގައި ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރު ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ.

އެ މަނަވަރުގެ މިޝަން ކޮމާންޑަރު ރިއާ އެޑްމިރަލް ޝެން ހާއޯ އެމްއެންޑީއެފް ހެޑްކުއާޓާޒް ބަންޑާރަ ކޮއްޓަށް ވަޑައިގަތުމުން އެ މަނިކުފާނުގެ ޝަރަފްގައި ވަނީ އޮނަގާޑެއް އަރުވާފަ އެވެ. އަދި ރިއާ އެޑްމިރަލް ޝެން ހާއޯ އަށް ބަންޑާރަކޮށިން މަރުހަބާ ދެންނެވީ މާލެ އޭރިއާގެ އެކްޓިން ކޮމާންޑާ ކާނަލް ޢަލީ ޒުޚައިރު އެވެ.

ޝެން ހާއޯ ކުރެއްވި ޒިޔާރަތުގައި ކާނަލް ނާޒިމްއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކޮށް ހިއުމެނެޓޭރިއަން އެސިސްޓެންސް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ޗައިނާ ހޮސްޕިޓަލް ޝިޕްގެ މިޝަން ނިންމާލުމަށް ފަހު، އެނބުރި ގައުމަށް ދިއުމުގެ ކުރިން ދިވެހި ސިފައިންނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ކާނަލް ނާޒިމް ވަނީ އެދިލައްވާފަ އެވެ. އަދި ވައިސް އެޑްމިރަލް ޝެން ހާއޯވަނީ ޗައިނާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ޗައިނާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި މީގެ އިތުރުން އެބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.