ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ހުޅުވާލި 68 މިލިޔަން ރުފިޔާގެ ޓާޝަރީ ލޯން ސުކީމަށް އެދި ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ނަންބަރު ދޫކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ޓާޝަރީ ލޯން ސުކީމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް ދުވާލަކު ދޫކުރަން ނިންމާފައި ވަނީ 100 ނަންބަރު ކަމުގައިވީ ނަމަވެސް އަންނަ އަންގާރަ ދުވަހުގެ 1.00 އާ ހަމައަށް ނަންބަރު ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓާޝަރީ ލޯން ސުކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދުވާލަކު މި ދޫކުރަނީ 100 ނަންބަރު. އެއަށް ވުރެ އިތުރަކަށް ދުލެއް ނުކުރަން. އެހެން ނަމަވެސް އަންނަ މަހުގެ ދެ ވަނަ ދުވަސް އެއީ ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހު. އެ ދުވަހު 100 ނަންބަރު ހަމަވުމަށް ފަހު ވެސް އަޅުގަނޑުމެން އެ ދުވަހުގެ 1.00 އާ ހަމައަށް ފޯމް ހުށަހަޅަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ނަންބަރު ދޫކުރަން މިހާރު އަޅުގަނޑުމެން ވަނީ ނިންމާފައި،" އައިމިނަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަހު ދޫކުރާ 100 ނަންބަރުގެ ފަހުން ދޫކުރާ ނަންބަރުތަކަށް ހިދުމަތް ދޭނެ ދުވަހާއި ތާރީހް ނަންބަރުގައި ޖަހާނެ ކަމަށެވެ. އަދި އެ ދުވަހުގެ 1.00ގެ ފަހުން ފޯމް ހުށަހެޅުމަށް ޓަކައި ނަންބަރު ދޫނުކުރާނެ ކަމަށް ވެސް އައިމިނަތު އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލޯން އަށް އެދި ހުށަހަޅާ ފަރާތްތަކަށް އިތުރު ނަންބަރު ދޫކުރި ކަމުގައި ވިޔަސް ފޯމް ހުށަހަޅަން ޖެހޭ ތާރީހަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ އެގޮތަށް އެ މިނިސްޓްރީން ނިންމި މައިގަނޑު ސަބަބަކީ ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ބޭނުން ވާތީ ކަމަށާއި އަދި އެކަމަށް ޓަކައި ގިނަ އަދަދެއްގެ ފަރާތްތަކުން އެދެމުން ދާތީ ކަމަށެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރަކާރުން ތައާރަފްކޮށްފައި ޓާޝަރީ ލޯން ސުކީމްގެ ދަށުން 1000 ކުދިންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމް ހާސިލު ކުރުމުގެ ފުރުސަތު ލިބިދެވޭނެ އެވެ. އެގޮތުން މިފަހަރު އެ ފުރުސަތު ހުޅުވާލާފައި ވަނީ ދެ ބުރަކަށެވެ. އެއީ ފުރަތަމަ ބުރުގައި 500 ކުދިންނަށެވެ. އަދި މި އަހަރު ފަހުކޮޅުގައި ދެ ވަނަ ބުުރު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.