އޭސީ މިލާންގެ ތަޖުރިބާކާރު މިޑްފީލްޑަރު މަސީމޯ އެމްބްރޮސިނީ ފިއޮރެންޓީނާ އަށް ބަދަލުވުމުގެ ކަންތައް އަންނަ ހަފްތާ ހަމަޖެހިދާނެ ކަމުގައި އޭނާގެ އެޖެންޓް މޮރެނޯ ރޮޖީ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ އެމްބްރޮސިނީ މިލާން ދޫކޮށްދާން ބޭނުންނަމަ، އެ ކުލަބުން އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މިލާން އަށް އެއްވެސް ފައިދާއެއް ނުވާގޮތަށެވެ. މިލާނުން ވަނީ އެމްބްރޮސިނީގެ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދާފަ އެވެ.

"އަންނަ ހަފްތާގައި އެމްބްރޮސިނީ އާއި ފިއޮރެންޓީނާއާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ. މިހާރު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ ފިއޮރެންޓީނާގެ ބަހަކަށް. އެކްލަބަކީ މަޝްހޫރު ކްލަބެއް. އެއީ ހަމައެކަނި އެމްބްރޮސިނީ އަށް ހާއްސަވާ ކްލަބެއް ނޫން. އެމްބްރޮސިނީގެ އިތުރުން ޑޭވިޑް ވިޔާ އަދި މާރިއޯ ގޮމޭޒް ފަދަ ކުޅުންތެރިން ވެސް މިކްލަބާއި މެދު ހިތްހަމަޖެހޭ،" އެމްބްރޮސިނީގެ އެޖެންޓް ރޮޖީ ބުންޏެވެ.

ފާއިތުވެގެންދިޔަ ސީޒަނުގައި ވެސް އެމްބްރޮސިނީ ވަނީ މިލާނަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. 1995 ވަނަ އަހަރު ޗެސެނާ އިން މިލާން އަށް ބަދަލުވި އެމްބްރޮސިނީ ވަނީ އެކްލަބަށް 300 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.