30 Jun 2013, 16:29
މާލޭ ސިއްހީ މަރުކަޒު ހުރި ބިމާ އެކު އޭޑީކޭ ހޮސްޕިޓަލުގެ ބިމުގެ ކުލީގެ މުއްދަތު 2045 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްދީފި އެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލުގެ ކުލީގެ މުއްދަތު އިތުރުކޮށްދިން އިރު ސިއްހީ މަރުކަޒު ހުރި ބިން ކުއްޔަށްދީފައި ވަނީ 32 އަހަރަށް، އަކަފޫޓެއް 11ރ.ގެ ރޭޓުންނެވެ. އޭޑީކޭ ހޮސްޕިޓަލް ހިންގަން ދީފައިވާ ބިމުގެ ކުލީގެ މުއްދަތު ހަމަވަނީ 2020 ވަނަ އަހަރު އެވެ.
އޭޑީކޭގެ ކުލީގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 25 އަހަރު އިތުރުކުރި އިރު، ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެނީ މަހަކު 1.5 މިލިއަން ރުފިޔާ ކަމަށް އޭޑީކޭ އިން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 2045 ވަނަ އަހަރަށް މާލޭ ސިއްހީ މަރުކަޒުގެ ބިމާއެކު އޭޑީކޭ ހޮސްޕިޓަލުގެ މުއްދަތު ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އޭޑީކޭގެ ބިމުކުލީގެ ގޮތުގައި މަހަކު 1.5 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތް ކޮންޓްރެކްޓް ނިމުނީމަ ކުއްޔަކަށް މިވަނީ އަކަފޫޓަކަށް 11ރ.ގެ ރޭޓުން 2020 ގެ ފަހަށް ބޮޑުކޮށްފައި. ދެން މުޅި ތަނަށް ބަލާއިރު މަހަކު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ވަރު ޖެހޭނެ ކަމަށް އަޅުގަނޑުމެން މިބަލަނީ. މިއީ އަނެއްހެން ކުޑަ ކުއްޔެއް ނޫން. އެއްގޮތަކަށް ވެސް ކުޑަކުއްޔަކަށް ނުވާނެ،" ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލު ވިދާޅުވީ ޖަރުމަނުގެ ބެންކެއްގެ 23 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން އޭޑީކޭ ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލަށް ޒަމާނީ ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެ މަޝްރޫއު ނިމުމުން މިހާރު ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދާން ޖެހޭ ބަލިތަކަށް އެ ހޮސްޕިޓަލުން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމަށާއި އެމްއާރްއައި ޒަމާނީ ގޮތަށް ހެއްދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދުވަސްވީ މީހުންނަށް ހާއްސަ ޒަމާނީ ފަރުވާ ދިނުމުގެ ހިދުމަތްތަކާއި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ފަރާތަކަށް ފަރުވާދިނުމުގެ އިންތިޒާމާއި ސާޖަރީ ކޮމްޕްލެކްސްތައް ތަރައްގީކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލް ތަރައްގީކުރާ އިރު އެ ހޮސްޕިޓަލަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ސޯލާ އެނާޖީ ބޭނުންކުރުމާއި ހޮސްޕިޓަލަށް ހާއްސަ އިންޖީނުގެއެއް ގާއިމްކުރުމުގެ އިތުރުން މުވައްޒަފުނަށް ހާއްސަ ފުލެޓްތަކެއް ވެސް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެ އިން މާލެ އަށް ޑޮކަޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ހުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 22 ކޮޓަރި އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެ ޕްރޮޖެކްޓާ އެކު ހޮސްޕިޓަކަށް 87 އެނދު އިތުރުވެގެންދާނެ ކަމަށާއި ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލް ތަރައްގީކުރާ އިރު ސިއްހީ ދާއިރާ އިން ތައުލީމް ހާސިލް ކުރަން ބޭނުންވާ 10 ކުއްޖަކަށް ކޮންމެ އަހަރަކު ވެސް ހިލޭ ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އޭޑީކޭ ނާޝިދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށެވެ. އަދި އެޕްރޮޖެކްޓާ އެކު އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ދެމުން ދާނީ އިންވެސްޓްމަންޓް ކަވަރު ކުރެވޭވަރު ބަލައިގެން ހެޔޮ އަގުގައި ކަމަށެވެ. އަދި ސިއްހީ މަރުކަޒުން ދެމުންދިޔަ ހިދުމަތްތައް ހިލޭ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ 2010 ވަނަ އަހަރު ކުރިއަށްގެންދަން ނިންމި އެޕްރޮޖެކްޓް ލަސްވީ ތަފާތު މުއައްސަސާތަކުން އެ އެގްރިމެންޓް ދިރާސާކުރަން ޖެހިގެން ކަމަށެވެ.
މާލޭ ސިއްހީ މަރުކަޒު ހުރި ބިމާ އެކު އޭޑީކޭ ހޮސްޕިޓަލުގެ ބިމުގެ ކުލީގެ މުއްދަތު 2045 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރެވެ. އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.
އޭޑީކޭ ހޮސްޕިޓަލް 2005 ވަނަ އަހަރު 15 އަހަރަށް ކުއްޔަށް ދިނީ އެވްރެޖްކޮށް މަހަކު 135،000 ރުފިޔާ އަށެވެ.