ދުނިޔޭގެ މުސްލިމް ގައުމުތަކުން ބައިވެރިވާ ސައުދީ އަރައްބިއްޔާގެ ރާބިޠަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި މިއަދު ހުޅުވައި، އެ ޖަމިއްޔާއިން ރާއްޖެއަށް އެކި ގޮތް ގޮތުން އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއެކު ސޮއި ކޮށްފި އެވެ.

ރާބިޠަތުލް އާލަމިލް އާއިއެކު އިސްލާމިކް މިނިސްޓްރީންވި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާބިޠަތުލް އާލަމިލްގެ އޮފީހެއް ގާއިމުކޮށް އެ ޖަމިއްޔާއާ އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އިޖުތިމާއީ ކަންކަން ކަމުގަ އާއި ދީނީ ކަންކަމުގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހާއްސަ އެހީތެރިކަމެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާބިޠާގެ އޮފީހެއް މިއަދު ގާއިމު ކުރެވުނީ ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މީގެ ސަބަބުން ވަރަށް ގިނަ ގުނަ ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް. ދިވެހި ރާއްޖޭގެ ދަރިވަރުނަށް، ދިވެހި ރާއްޖޭގެ އެކި މުވައްސަސާތަކަށް، ދިވެހި ރާއްޖޭގެ މިސްކިތްތަކަށް ދިވެހި ރާއްޖޭގެ ވަގުފެއް އުފެދުމަށް ދިވެހި ރާއްޖޭގެ ދަރިވަރުންގެ ތައިލީމަށް ވަރަށް ގިނަ ގޮތް ގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ގަބޫލުކުރަން،"

ރާބިޠާގެ އޭޝިއަން ރީޖަން ޑިރެކްޓަރު ފަހަދު މުހައްމަދު ވިދާޅުވީ ރާބިޠާގެ އޮފީހެއް ގާއިމު ކުރެވިގެން ދިޔައީ އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު މަސައްކަތަކުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެ އޮފީސް މެދުވެރިކޮށް ޓީޗަރުން ތަމްރީން ކުރުމާއި އަދި ދިރިއުޅުމުގެ އެކި ދާއިރާތަކުން ތަމްރީން ކޯސްތަކުގެ ފުރުސަތު ރާއްޖެއަށް ހޯދަދޭނެ ކަމަށެވެ.

އޭގެ އިތުރުން ބައިނަލް އަގުވާމީ ކޮންފަރެންސްތަކާއި އެކި ވޯކްޝޮޕްތައް ވެސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދަދިނުމަށް އެ އޮފީހުން މަސައްކަތް ކުރާނެ ކަމަށެވެ.

މި ރަސްމިޔާތުގައި ރާބިޠާ މާލެ އޮފީހުގެ ރައީސް އަބްދުއްރައްޒާގު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ތައުލީމާއި އިޖުތިމާއީ ދާއިރާގެ މަޝްރޫއުތައް ފަށާނެ ކަމަށެވެ.

"ރާބިޠަތުލް އާލަމިލްގެ އޮފީހެއް ރާއްޖޭގައި އޮފީގާއިމު ކުރެވެގެން ދިއުން މިއީ ވަރަށް ރަނަގަޅު ފާލެއް. އަދި ރާބިޠަތުލް އާލަމިލްގެ އޮފީހެއް ރާއްޖޭގައި ހުޅުވެގްނ ދިއުމަކީ ރާއްޖެއަށް ލިބިގެންދަ ވަރަށް ބޮޑު ބާރެއް އެއީ ރާއްޖޭގެ އިސްލާމީ ޝަފްސިއްޔަތު ހިފެއްޓުމުގައި މުސްލިމުނަށް ހިދުމަތްކުރުމުގައި، " އަބްދުއްރައްޒާގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް ރާބިޠާގެ އޮފީހެއް ރާއްޖޭގައި ހިންގި ނަމަވެސް އެ އެއޮފީސް ނުހިނގާ ހުންނަތާ ގާތްގަނޑަކަށް 15 އަހަރުވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ އޮފީސް ނުހިނގާ ހުރީ ކީއްވެތޯ ސަން އިން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އިތުރު ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ރާބިޠާގެ އޮފީސް އިސްލާމީ މަރުކަޒުގެ އިމާރާތުގަ މިއަދު ހުޅުވާފައިވާއިރު މިނިސްޓަރު ވިދާޅުވީ އެތަނުގެ ދާއިމީ އޮފީހެއް ހުޅުމާލެގައި އެޅުމަށް ހަމަ ޖައްސާފައިވާ އިސްލާމިކް ސެންޓަރަށް ބަދަލުކުރުމަށް ގަސްތުކުރައްވާފާއިވާ ކަމަށެވެ.