30 Jun 2013, 15:51
އެއާޕޯޓުގައި ނެކްސްބިޒުން ބެހެއްޓި ބޯޑާ ކޮންޓްރޯލް ސިސްޓްމަށް ދައްކަން ޖެހޭ 2.8 މިލިއަން ޑޮލަރު (43.1 މިލިއަން ރުފިޔާ) ހޯދަން އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހަޅައިފި އެވެ.
އެ ކުންފުނީގެ ރާއްޖޭގެ ލޯޔަރު، ސުއޫދު އެންޑް ކޯ އިން ބުނީ ނެކްސްބިޒާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ކޮންސެޝަން އެގްރިމަންޓްގައިވާ ގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރާ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ޕެސެންޖަރެއްގެ އަތުން ނެގުމަށް އެއްބަސްވެފައިވާ ދެ ޑޮލަރު ލިބިފައި ނުވާތީ އެ ފައިސާ ހޯދަން އިމިގްރޭޝަނަށް ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
"އެ ފައިސާ ނެގުމަށް ހަމަޖެހިފައި ވަނީ އެއާލައިންތަކުން ޓިކެޓް ވިއްކާއިރު ހިމަނައިގެން. ނަމަވެސް އެކަން ނުކުރެވި އޮތީ ސަރުކާރުން އެކަން ކުރުމަށް އަޔާޓާއަށް ނާންގާ އޮތުމުން. އެހެންވެ އަޅުގަނޑުމެން ދެކެނީ އެ ފައިސާ ނުލިބެނީ ސަރުކާރުގެ އިހުމާލުންކަމަށް،" އެ ލޯފާމުން ބުންޏެވެ.
ސުއޫދު އެންޑް ކޯ އިން ބުނީ އެ ފައިސާ ކޮންސެޝަން އެގްރިމަންޓްގައި ބުނެފައިވާ ގޮތަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.
ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ ނެކްސްބިޒުގެ އެކި އެކި ޓްރާންސެކްޝަންތަކަށް ބިލު ފޮނުވާފައި އެބަހުރި ކަމަށެވެ. ނަމަވެސް އެ ކުންފުނިން ފޮނުވާ އެއްވެސް ބިލަކަށް މިހާތަނަށް ފައިސާ ދައްކާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގައި އަދި ވަކި ގޮތެއް ނިންފާއެއް ނުވޭ. އެ ފަރާތުން ބިލްކޮށްފައި ހުރީ އެތަނުގެ އިކްއިޕްމަންޓްތަކެއް ބޭނުންކުރާތީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް މަޝްރޫއުގެ އެއްބަސްވުން އުވާލުމަށް ދިވެހި ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު 52 ވަނަ ދުވަހު ފާސްކޮށްފައިވެ އެވެ. އޮކްޓޫބަރު 2010 ގައި ސޮއިކުރި ބޯޑަ ކޮންޓްރޯލް މަޝްރޫއު އުވާލުމަށް އެ ދުވަހުގެ ވޯޓުގައި ބައިވެރިވި 74 މެމްބަރުން ވޯޓުދީފައިވެ އެވެ. އަދި މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެ އެއްބަސްވުން އުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަކުރާރުކޮށް އިމިގްރޭޝަނަށް އެންގުމުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ހައި ކޯޓުގެ ހުކުމަކަށް އެ މަޝްރޫއު މިހާރު ހުއްޓާލާފައިވީ ނަމަވެސް އެ މަޝްރޫއު ނިމި، އެ ސިސްޓަމް މިހާރު ވެސް ގެންދަނީ ކޮންމެވެސް ވަރަކަށް ބޭނުން ކުރަމުންނެވެ. ބޯޑާ ކޮންޓްރޯލްގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.