04 Nov 2010, 10:17
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ 2009 ވަނަ އަހަރުގެ ބެސްޓް އޯލްރައުންޑްގެ މަގާމު ހޮވާފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނާ މީހަކު އޭނާގެ ދަރިފުޅަށް ބެސްޓް އޯލްރައުންޑްކަން ދިނުމަށް ކަނޑައަޅައި ދިނުމަށް ދައުވާއެއް ކުރުމުން އޭނާގެ ދަރިފުޅަށް ބެސްޓް އޯލްރައުންޑްކަން ދޭންޖެހޭ ގަނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް ގއ. ވިލިނގިލީ ކޯޓުން ހުކުމްކޮށްފި އެވެ.
ބެސްޓް އޯލްރައުންޑްކަން އަމިއްލަ ދަރިފުޅުގެ މައްޗަށް ބަދަލު ކުރަން ދައުލަތުގެ މައްޗަށް ދައުވާކޮށްފައި ވަނީ ގއ. ވިލިނގިލީ އަންނާރުމާގޭ ތަމްހީދު އެވެ.
އޭނާ ދައުވާކޮށްފައި ވަނީ 2009 ވަނަ އަހަރު ގއ. އަތޮޅު ތައުލީމީ މަރުކަޒު ނިންމި ދަރިވަރުންގެ ތެރެއިން ބެސްޓް އޯލްރައުންޑްގެ މަގާމަށް ދަރިވަރަކު ހޮވުމުގައި ގަވައިދާ ހިލާފުވެފައިވާ ކަމަށާއި އޭނާގެ ދަރިފުޅު ފާތުމަތު ސައިމާ ތަމްހީދު ސްކޫލްގެ ބެސްޓް އޯލްރައުންޑް ކަމަށް ހަމަޖައްސައި، ދައުލަތުން ގަވައިދާ ހިލާފުވި ކަންކަމުގެ ސަބަބުން އޭނާގެ ދަރިފުޅަށް ލިބުނު ނަފުސާނީ އަދި މާލީ ގެއްލުންތައް ބަލައި ދިނުމަށެވެ.
މި މައްސަލަ ބެއްލެވި ހުވަދު އަތޮޅު އުތުރު ބުރީގެ އިސް މެޖިސްޓެރޭޓް ހުސައިން މަޒީދު އިއްވެވި ހުކުމުގައި ބުނެފައި ވަނީ މި މައްސަލައިގައި ގޮތެއް ނިންމުމަށް ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކާއި ދައުލަތުގެ އިދާރާތަކުން ކަންކަން ސާފުކޮށް، އެ ކަންކަމަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށެވެ.
މައްސަލަ ނިންމާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
ހުކުމުގައި ބުނަނީ ބެސްޓް އޯލްރައުންޑް ހޮވުމަށް އެކަޑަމިކް ބައިން ޕޮއިންޓް ދިނުމުގައި ތަފާތު ކުރުމެއް ނެތި ހިމަނަންޖެހޭނެ ކަމަށާއި ދަރިވަރުންނަށް މާއްދާތައް އޮފާ ކުރުމުގައި ދަރިވަރުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ގއ. އަތޮޅުގެ ތައުލީމީ މަރުކަޒުން އަމަލު ކޮށްފައިވާނަމަ އެ މައްސަލައެއް ހުށަހަޅަންޖެހޭ ފަރާތްތަކާއި ހުށަހަޅަން ޖެހޭ ހަރުފަތްތައްވާ ކަމަށެވެ.
މި ހުކުމުގައި ބުނެފައި ވަނީ ބެސްޓް އޯލްރައުންޑް ހޮވަން ޕޮއިންޓްދޭން ވަޒަން ކުރުމުގައި ތަމްހީދުގެ ދަރިފުޅު ފާތުމަތު ސައިމާ ތަމްހީދުގެ ހައްގެއް ގެއްލޭ ކަމަށް ޝަރުއީ އަދީ ގާނޫނީ ހަމަތަކުން ބެލެވެން ނެތް ކަމަށެވެ. އަދި 2009 ގެ ބެސްޓް އޯލްރައުންޑްގެ މަގާމަށް ހޮވުނުކަން ތަމްހީދުގެ ދަރިފުޅަށް އަންގާފައިވާނަމަ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ދިއުމަށް ހިނގާފައިވާ ހަރަދު ހޯދަން ވަކި ގަޒިއްޔާކުން ދައުވާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ވިލިނގިލީ ކޯޓުގައި މި މައްސަލަ ނިންމާފައި ވަނީ ދައުލަތުގެ ޣައިރު ހާޒިރުގަ އެވެ. އެގޮތަށް މައްސަލަ ނިންމާފައި ވަނީ ދައުލަތުން ޖަވާބުދާރީ ވުމަށް ވަކީލަކު އައްޔަން ކޮށްފައި ނުވާތީ މި މައްސަލަގައި އަވަސް ނިޔާއެއް ކަނޑަނޭޅިއްޖެނަމަ މުއާލާތް ކެނޑޭ މައްސަލައަކަށްވާތީ ކަމަށް ހުކުމުގައި ވެއެވެ.