ހައިދަރުއާބާދުން: މުހައްމަދު ނަސީމް

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ކަލްޗަރަލް ވިންގުން އިންތިޒާމް ކުރި "ދެކެފަރިތަ"ވުމުގެ އަށް ދުވަހުގެ ދަތުރެއްގައި ރާއްޖޭގެ ހަ ނޫސްވެރިންނާއެކު އަޅުގަނޑު ބައިވީމެވެ. މިމަހުގެ 22 އިން އިއްޔެގެ ނިޔަލަށް އިންޑިއާއަށް ކުރި އެދަތުރުގައި ނިއުދިއްލީއަށް އައުމުގެ ކުރިން އިންޑިއާ މެދު އަޅުގަނޑަށް ވެސް ހީވެފައި އޮތީ ގިނަ ދިވެހިންނަށް ހީވެފައި އޮތް ގޮތެވެ.

ރާއްޖޭގެ އަވައްޓެރިންގެ ތެރެއިން އެންމެ ބޮޑު އިންޑިއާއަކީ ދިވެހިންނަށް މުހިއްމު ގައުމެކެވެ. ކާބޯތަކެތިން ފެށިގެން އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަށް ދާންދެން ރާއްޖެ އެތެރެކުރަނީ އެ ގައުމުންނެވެ. ހަމަ އެގޮތަށް އިންޑިއާ މީހުންނަށް ވެސް ރާއްޖެއަކީ އެންމެ މުހިއްމު އެއް ގައުމެވެ. ޗުއްޓީ ހޭދަކުރުމަށް ދާން އެންމެ ބޭނުންވާ ގައުމަކީ ރާއްޖެ އެވެ.

"ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ އަހަރެމެންގެ ހުވަފެނެއް، އަހަރެންގެ އަންހެން ދަރިފުޅު ކޮންމެ އަހަރަކު ވެސް ރާއްޖެ ދާނެ، އެއާޕޯޓުން ފުރައިގެން އެއް ގަޑި އިރުން ދެވޭ ރަށަކަށް އޭނާ ދާނީ،" ރާއްޖެއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ އެގްރިކަލްޗާ މިނިސްޓަރް ޝަރަދް ޕަވަރް އަހަރުންނާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

ދެ ގައުމުގެ ސަރުކާރުގެ ސިޔާސަތަށް ކޮންމެ ބަދަލެއް އައި ނަމަވެސް މީހުންނާއި މީހުންގެ ގުޅުން އޮންނަނީ މިފަދަ ގޮތަކަށް އެއް ބަޔަކު އަނެއް ބަޔަކަށް ބަރޯސާ ވެފަ އެވެ.

ނިއުދިއްލީ އާއި ހައިދަރު އާބާދުގައި އަޅުގަނޑުމެން ހޭދަކުރި ދުވަސްތަކުގައި އެނގުނީ ގުޅުން ބަދަހި ކުރުމުގެ ކަންތައްތައް އަބަދު ވެސް އާ ހިސާބަކަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން މަސައްކަތް ކުރާކަމެވެ.

ދަތުރުގައި ދިވެހި ނޫސްވެރިންނަށް އަދާކުރި މެހްމާންދާރީއަކީ ދެވަނައެއް ނެތް މެހްމާންދާރީއެކެވެ. ތިބޭ ތަނުގެ ފުރިހަމަ އިންތިޒާމްގެ އިތުރުން ބޭނުންވެއްޖެ ކޮންމެ ކަމެއްގައި އެހީތެރިވުމަށް އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ މުވައްޒަފުން ހާއްސަކޮށްފައި ތިއްބެވެ.

ދަތުރުގައި އޮތް އެންމެ މުހިއްމު އެއް ކަމަކީ ފެޑެރަލް ނިޒާމުގެ ދަށުން ވެރިކަން ކުރަމުން އަންނަ އިންޑިއާގެ މައި ސަރުކާރުގެ މިނިސްޓަރުންނާ ބައްދަލުކޮށް، އެއްމޭޒެއްގެ ދޮށުގައި އެކުގައި ނާސްތާކޮށް، ހިޔާލު ބަދަލު ކުރުމެވެ. ރަސްމީ ސިފަ ވީހާވެސް ކުޑަކޮށް، ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ތަކުގައި ބޭނުން ސުވާލެއް ކޮށް، ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނެވެ.

ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް އިންޑިއާއިން މިހާރު ކުރާ އެންމެ ފުރިހަމަ އެއް މަސައްކަތަކީ މީހުންނާއި މީހުން ގުޅުވުމުގެ މަސައްކަތެވެ. ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ ބައިލެޓްރަލް ބައްދަލުވުން ތަކާއި ނުރަސްމީ ވާހަކަތަކާ ހިސާބުން އެ މަސައްކަތެއް ނުނިމެ އެވެ.

ބައްދަލުކުރި މިނިސްޓަރުންގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ އެންމެ މުހިއްމު މިނިސްޓްރީތައް ހިމެނުނެވެ. އެގޮތުން 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ބައިނަލް އަގުވާމީ މަޝްރަހު ތަކުގައި ތަމްސީލު ކުރައްވާ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓަރް ސަލްމާން ހޫރުޝީދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

"ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުވުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. އެއީ ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން އަޅުގަނޑަށް ތިޔަބޭފުޅުންގެ ފަރާތުން ވެސް މައުލޫމާތު ލިބޭނެތީ،" ސަލްމާން ވިދާޅުވި އެވެ.

ބައްދަލުވުމަށް ކަނޑައެޅިފައި އޮތް ވަގުތަށް ވުރެ އިތުރަށް ވެސް އެތައް ވަގުތެއް ރާއްޖޭގެ ނޫސްވެރިންނަށް ދެއްވުމަކީ ސަލްމާން އެ ވިދާޅުވި ވިދާޅުވުމަށް އިތުރު ބާރެއް ލިބިގެން ދިޔަ ކަމެކެވެ. އޭނާ ދެއްކެވި ގިނަ ވާހަކަފުޅުތައް ހިއްސާކުރުމަށް މީ އެންމެ ރަނގަޅު ފުރުސަތެއް ނޫނެވެ.

އެގްރިކަލްޗާ މިނިސްޓަރް ޝްރީ ޝަރަދު ޕަވަރް އާއި ބައްދަލުވުމުން އޭނާގެ ފަރާތްޕުޅުން ވެސް އިވުނީ ހަމަ އެފަދަ ވާހަކަފުޅު ތަކެކެވެ. "ދިވެހި ރާއްޖެއަކީ އަހަރެމެންނަށް ވަރަށް މުހިއްމު ބައިވެރިއެއް، ދިވެހި ނޫސްވެރިންނާ ބައްދަލުވުމަކީ ވަރަށް އުފާވާ ކަމެއް، ގިނަ ކަންތައްތަކެއް އޮޅުން ފިލައިފި،" ނިއުދިއްލީގައި ހުންނަ އޭނާގެ އޮފީހުގައި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު އޮތް ފޮޓޯ ސެޝަންގައި އޭނާ ވިދާޅުވި އެވެ.

އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރް މަނީޝް ތިވާރީގެ ވާހަކަފުޅު ވެސް ހުރީ ހަމަ އެހެންނެވެ. ތިން މިނިސްޓަރުންގެ އިތުރުން މިރަށުގައި ބައްދަލުވި އެންމެ ބޭފުޅުން ކޮޅަކީ އިންޑިއާ އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ކަންތައްތަކާ މެދު ވިސްނައި، ދިރާސާކޮށް، ސަރުކާރަށް ލަފާދޭ އިންސްޓްޓިއުޓް އޮފް ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ)ގެ މުފައްކިރުންނެވެ.

އައިޑީއެސްއޭގެ އިސްބޭފުޅުން ވިދާޅުވީ ރާއްޖެއަކީ ސަލާމަތީ އަދި ދިފާއީ ގޮތުން އިންޑިއާއަށް ނުހަނު މުހިއްމު ގައުމަކަށް ވާއިރު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުވުމަކީ އެބޭފުޅުންގެ މަސައްކަތަށް އިތުރު ފަހި ކަމެއް ލިބޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެކެފަރިތަވުމުގެ ދަތުރުގެ ބައިވެރިން އެންމެ ޝައުގުވެރިވި މައުލޫމާތުތަކެއް ދެއްވީ އިންޑިއާގެ ޑެޕިއުޓީ ކޮމިޝަނަރް އޮފް އިލެކްޝަންސް ޑރ. އަލޯކް ޝުކްލާ އެވެ. އިންތިހާބުތަކުގައި ވޯޓްނެގުމަށް އިންޑިއާގައި ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން މެޝިން (އީވީއެމް) ގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އޭނާ ވަރަށް ތަފުސީލުކޮށް، މައުލޫމާތު ދެއްވި އެވެ.

މީހުންނާއި މީހުން ގުޅުމުގެ ދަތުރުގައި އޮތީ ހަމައެކަނި އޮފިޝަލުންނާ ބައްދަލުކުރުމެއް ނޫނެވެ. އެ ގައުމުގެ އެންމެ ބޮޑު ނޫސް އެޖެންސީ "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" (ޕީޓީއައި) އަށް ކުރި ޒިޔާރަތަކީ ނޫސްވެރިކަމުގެ މުޅިން އާ ވިސްނުންތަކަކަށް ލޯ ހުޅުވުމަށް ލިބުނު ފުރުސަތެކެވެ. ސަރުކާރާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ސަލާމަތްވެ ތިބެ، ހަބަރު ފަތުރައި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ޕީޓީއައި އަކީ ނަމޫނާއެކެވެ.

ނޫސްވެރިންނާ ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން ކުރެވުނު ހިތް ގައިމު އަނެއް ތަޖުރިބާއެއް ކުރެވުނީ ހައިދަރު އާބާދަށް ދިއުމުންނެވެ. އެރަށުގައި ގާއިމްވެފައިވާ ސިޔާސަތު ޑެއިލީއަށް ކުރި ޒިޔާރަތެވެ. އެނޫހުގެ މަސްއޫލުވެރިޔާ އަދި އެޑިޓަރް ޒާހިދު އަލީ ޚާން ވިދާޅުވި ގޮތުގައި އެނޫހުން ކުރާ ހަމައެކަނި މަސައްކަތަކީ ހަބަރު ފެތުރުން ނޫން ކަމަށެވެ. އެގޮތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގިނަ ކަންތައްތަކެއް އެ ނޫހުން ކުރެ އެވެ.

"މުސްލިމް ކުދިންނަށް ކިޔަވައި ދިނުމާއި މަސައްކަތް ދަސްކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ކަމެއް، މިކުދިންނަށް ކޮމްޕިއުޓަރުގެ އިލްމު މި ކިޔަވައިދެނީ ހަމަ މުޅިން ހިލޭ،" ކޮމްޕިއުޓަރުގެ އިލްމު ކިޔަވައިދޭ ކްލާހުގައި ތިބި ކުދިންނަށް އިޝާރާތް ކުރައްވަމުން ޚާން ވިދާޅުވި އެވެ.

ސިޔާސަތު ޑެއިލީގެ އޮފީހުގެ ގޮތުގައި ކުރިން ބޭނުން ކުރި އިމާރާތުގައި މިހާރު މުޅިން ވެސް ހުރީ އެކި އެކި ކްލާސްތަކެވެ. ކޮމްޕިއުޓަރުގެ އިލްމާއި އަރަބި އަކުރު ރީތިކޮށް ލިޔަން ދަސްކޮށްދިނުމާއި އަރަބި ބަސް ދަސްކޮށްދިނުމުގެ ކްލާހެއް ވެސް އެ އިމާރާތުގައި ޚާން ހިންގަވަ އެވެ.

"މީހުން ހޭލުންތެރިކުރުވުމަކީ ޒިންމާއެއް ކަމަށް އަޅުގަނޑު ދެކެނީ، އެހެންވެ މިކަންތައްތައް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

ދަތުރުގެ ބައިވެރިންނަށް އިންޑިއާ ސަރުކާރުން ދިން އަގުބޮޑު އަނެއް ފުރުސަތަކީ އެ ގައުމުގެ ބައެއް ތާރީޚީ އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބިނާތަކަށް ޒިޔާރަތްކޮށްލުމަށް ދިން ފުރުސަތެވެ. މަޝްހޫރު ތާޖްމަހަލްއާއި ޤުތުބު މިނާއަށް ވެސް ނޫސްވެރިން ޒިޔާރަތް ކުރިއެވެ. އަދި ހައިދަރު އާބާދުގެ ފެށުން ކަމަށްވާ ގޯލްކޮންޑާ ފޯޓަށް ވެސް ޒިޔާރަތްކޮށް، އެތަން ބެލި އެވެ.

އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ދެކެފަރިތަވުމުގެ ހަރަކާތްތައް އިންޑިއާއިން ހިންގީ ހަމައެކަނި ރާއްޖޭގެ ނޫސްވެރިންނަކަށް ނޫން ކަމަށެވެ.

"އޭޝިއާގެ އިތުރުން އިރުމަތީ ޔޫރަޕްގެ ނޫސްވެރިން ވެސް ވަނީ އިންޑިއާއަށް ޒިޔާރަތްކޮށްފައި، ގުޅުން ބަދަހި ކުރުމުގެ ގޮތުން ދެކެފަރިތަވުމުގެ ގިނަ ހަރަކާތްތަކެއް އިންޑިއާއިން އަންނަނީ ހިންގަމުން،" އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ބައްދަލުވި މިނިސްޓަރުންގެ ފަރާތުން ވެސް އެނގުނީ އެއް ކަމެކެވެ. އެއީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، އާ ހިސާބަކަށް ގެންދިއުމަށް އިންޑިއާގެ ސަރުކާރާއި ރައްޔިތުން ވެސް އެދޭ ކަމެވެ. އަދި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމެވެ. ފެންނަ ގޮތާއި ކަން އޮތް ގޮތް މުޅިން ތަފާތު ކަމެވެ.