ރައީސް އޮފީހުން ބާއްވާ އިވެންޓުތަކާއި ހަފުލާތަކާއި ޕްރެސް ކޮންފަރެންސްތަކަށް ދައުވަތު ދިނުމުގައި ރާއްޖެ ޓީވީއާމެދު ތަފާތު ނުކުރުމަށް ރައީސް އޮފީހުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް އެ އޮފީހުން އަމަލު ކުރަމުން ނުދާ ކަމަށް ބުނެ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ރާއްޖެ ޓީވީން ކޯޓަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރާއްޖެ ޓީވީގެ ވަކީލު މައްސަލަ ހުށަހެޅުއްވުމުން ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.

އިޖުރާއީ ނުކުތާ ނަންގަވައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކަމަށާއި އޭގެފަހުން އަދި 90 ދުވަސް ހަމަނުވާ ކަމަށެވެ.

ދަށު ކޯޓުން ކުރާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށާއި އެހެން ކަމުން އެ މުއްދަތު ހަމަނުވަނީސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުން ނެގި އިޖުރާއީ ނުކުތާ އަށް ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ފުރުސަތު ދިނުމަށް ފަހު އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބޭއިރު 28 ވަނަ މާއްދާ އިން ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި 29 ވަނަ މާއްދާ އިން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އަދި އެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ ފަރާތުގެ ހުއްދަ ނެތި ރާއްޖެ ޓީވީގެ ފަރާތުން އެ އޮފީހުގެ އެތެރޭގައި ތިބޭ މީހުން ވީޑިއޯކޮށް ހަދާ ކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް އެފަދަ އަމަލެއް ކޮށްފިނަމަ ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ ހައްގު ރައީސް އޮފީހަށް ލިބިގެންވާ ކަމަށެވެ.

ރައީސް އޮފީހުން ބާއްވާ އިވެންޓްތަކަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދިނުމަކީ ގާނޫނީގޮތުން ލާޒިމް ކަމެއް ނޫން ކަމަށް ދައުލަތުގެ ފަރާތުން ބުނި ނަމަވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީން ވާޖިބުކޮށްފައިވާ ކަމެއް އިޚްތިޔާރީ ކަމެއްގެ ގޮތުގައި ނުހެދޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ އިތުރުން ފުލުހުން ވެސް ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިމުމުން އެ ސްޓޭޝަނުން ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެ މައްސަލައިގައި ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ފުލުހުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.