ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން އިންތިޒާމް ކޮށްގެން ތައިލެންޑްގެ "ދަ ކެބިން"އާ ގުޅިގެން، ރާއްޖޭގައި މަސަތުވާތެކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށް "ޓްރީޓްމަންޓް ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސެމިނާ ރޫމްގައި މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި، ކަމާ ގުޅުންހުރި 10 ދާއިރާއަކުން 80 އަށްވުރެ ގިނަ ބައިވެރިން ހިމެނޭއިރު އެންޑީއޭއިން ބުނީ އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، މަސްތުވާ ތަކެއްޗާ ގުޅުންހުރި ދާއިރާތަކުގެ މެދުގައި މަޝްވަރާކޮށް، މަސްތުވަތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެން އެއްކޮށް އެއް އަޒުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު، ހޯދައިދިނުން ކަމަށެވެ.

ޓްރީޓްމަންޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންޑީއޭގެ ޗެއާޕާސަން އަދި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި "ދަ ކެބިން"ގެ ތަޖުރީބާ ހޯދުމަށް ނިންމީ އެ ޖަމާއަތުން ހިންގާ ބައެއް ޕްރޮގްރާމް ތަކަކީ ރާއްޖޭގެ މަސްތުވާ ތަކެތީގެ ނިޒާމުގައި ހިމެނުމަށް ވަރަށް މުހިންމު ޕްރޮގްރާމްތަކެއް ކަމަށް އެންޑީއޭއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"ދަ ކެބިން އަކީ މިދާއިރާގެ ވަރަށް ބޮޑު ތަޖްރިބާއެއް ލިބިވަޑައިގެންފައި ތިއްބެވި، އަދި ތައިލެންޑްގެ ސަރުކާރާއި އެ ގައުމުގެ ހެލްތު މިނިސްޓްރީން ވެސް އެންޑޯޒް ކޮށްފައިވާ، ވަރަށް ލޭޓެސްޓް ޓްރީޓްމަންޓް މެތޮޑޮލޮޖީއެއް، ދަ ކެބިން އިން ކުރިއަށް ގެންދަވާތީ، އެފަދަ ޓްރީޓްމަންތް މެތޮޑޮލޮޖީއަކީ ރާއްޖޭގެ ސިސްޓަމަށް އިންޓަގްރޭޓް ކުރުން ވަރަށް ރަނގަޅު އަދި ވަރަށް މުހިންމު، ޓްރީޓްމަންޓެއް ކަމަށް ގަބޫލު ކުރެވޭތީ،" ލުބްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސީބީޓީއަކީ، ވަރަށް މުހިންމު ތެރަޕީއެއް ކަމަށް ވީހިނދު، އެކަމަށް އެ ދާއިރާގައި މަސައްކަތްކުރާ އެންމެން ތަމްރީނު ނުވެ، އެ ދާއިރާގައި އުޅޭ ފަންނީ މީހުންނަށް، މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް އެހާ ރަނގަޅު ކަންތައްތަކެއް ކުރެވިދާނޭ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އެ ބައްދަލުވުން އިފްތިތާހް ކޮށްދެއްވަމުން މިނިސްޓަރ އޮފް ހެލްތު ޑރ. އަހްމަދު ޖަމްޝީދު ވިދާޅުވީ، އެންޑީއޭއިން އިސްނަގައިގެން މިއަދު ފެށީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، އަދި އެފަދަ މަސައްކަތެއް ކުރަމުންދާއިރު ދަސްކުރަންޖެހޭ އާ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އަދި ދޫކޮށްލަން ޖެހޭ ބައިވަރު ކަންތައް ވެސް ހުންނާނެ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ މަދު އަހަރުކޮޅެއްގެ ތެރޭގައި ފައްކާކޮށް ފުރިހަމަ ކުރެވޭނޭ ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތުގައި ޝަމިލްވާ ހުރިހާ ފަރާތްތަކަށް، މަސައްކަތުގެ ތެރޭގައި ލިބެންވާ އެކިއެކި ތަމްރީނުތަކާއި، ތާޒާވުމުގެ އެކިއެކި ހަރަކާތްތަކާއި، އަލަށް ދުނިޔެއަށް ތައާރަފް ކުރެވޭ އެކިއެކި ކަންތައްތަކާއި، ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ކުރެވޭ ދިރާސާތަކުން، ފެންނަ ހެކިތަކަށް ބަލާފައި، ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި، އެފަދަ ކަންތައްތަކުގެ މައުލޫމާތު، ފޯރުކޮށްދިނުން ނުވަތަ އެ މައުލޫމާތު ލިބިދެވޭނޭ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތިން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް ފުދޭވަރެއްގެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދި ބޮޑެތި ހޭދަތައް ވެސް ކުރެވިއްޖެ ކަމަށެވެ. އަދި އޭގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ރަނގަޅު ނަތީޖާއެއް ނެރެވިފައިވީ ނަމަވެސް އަދި ވެސް މިކަންތައް ކުރަނީ އެންމެ ރަނގަޅަށްތޯ ސުވާލި އުފެދޭ ކަމަށއ މިނިސްޓަރު ވިދާޅުވި އެވެ.

އެންޑީއޭއިން ބުނީ އެ ކޮންފަރެންސްގައި މައުލޫމާތު ދެއްވާނީ ދަ ކެބިންގެ ބޭފުޅުންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަށްވާ އެދާއިރާގެ ފަންނީ ބޭފުޅުން ކަމަށެވެ. އަދި މަސްތުވާތަކެތިން ރައްކާތެރިވުމަށް ހިންގޭ ހަރަކާތްތައް މިހާރަށްވުރެ، ހަރުދަނާ ކުރުމާއި، ފަރުވާދިނުމުގައި ބޭނުން ކުރެވިދާނޭ އެންމެ ރަނގަޅު ގޮތްތައް ހޯދައި، ރާއްޖޭގެ އާދަކާދައާއި ސަގާފަތާ ގުޅޭ ގޮތަށް ފަރުވާގެ ޕްލޭންތައް ބައްޓަންކުރުމާއި މެދު މަޝްވަރާ ކުރެވޭނޭ ކަމަށެވެ.