މިހާރު ކުރިއަށްދާ ތިންވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ޓީމު އިވެންޓުގެ ފައިނަލުން އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޯޓްސްލިމިޓެޑް، އަދި އަންހެން ޓީމް އިވެންޓު ފައިނަލުން މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި ބެންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި އެވެ.

ޖުމްލަ ސާދަ ޓީމަކުން ވާދަކުރި ފިރިހެން ޓީމް އިވެންޓު ސެމީ ފައިނަލްގެ ފުރަތަމަ މެޗުން އެމްއެންޑީއެފް ކާމިޔާބު ހޯދީ އެމްބީސީގެ ޓީމާ ވާދަކޮށްގެން ނެވެ. ސެމީ ފައިނަލް ދެވަނަ މެޗު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކާމިޔާބު ކުރީ އެސްޓީއޯ އަތުން މޮޅުވެގެންނެވެ.

ޖުމްލަ ފަސް ޓީމަކުން ވާދަކުރި އަންހެން ޓީމް އިވެންޓު ގްރޫޕް ސްޓޭޖުން އެންވަނަ ހޯދައިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް ފައިނަލުން ޖާގަ ހޯދި އިރު ފައިނަލްގެ ދެވަނަ ޖާގަ ހޯދި ބެންކް އޮފް މޯލްޑިވްސް ފައިނަލްގެ ޖާގަ ކަށަވަރުކުރީ ގުރޫޕް ސްޓޭޖުގެ ދެވަނަ ހޯދައިގެންނެވެ.


މިމުބާރާތުގެ މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ، އޯޕަން ސިންގަލްސްގެ ފައިނަލް އާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލެވެ. ފިރިހެން އަދި އަންހެން ސިންގަލްސްގެ ފައިނަލްގެ އިތުރުން ފިރިހެން އަދި އަންހެން ޓީމު އިވެންޓުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

އޯޕަން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ، އެމްބީސީގެ އިސްމާއިލް އަޒުމީނާއި އަދި އެމްބީސީގެ އަބްދުﷲ ލަބީދެވެ.

ފިރިހެން ޑަބަލްސް ފައިނަލްގައި އެއްކޮޅުން ބައްދަލުކުރާނީ އެމްބީސީ ގެ ޑަބަލްސް ޕެއަ ކަމުގައިވާ އަހުމަދު އަހުސަން އާއި އަލީ ޝަފާއުއެވެ. ފިރިހެން ޑަބަލްސް ފައިނަލްގައި އަނެއްކޮޅުން ވާދަކުރާނީ އެމްއެންޑީއެފް ގެ ޑަބަލްސް ޕެއަ ކަމުގައިވާ އިސްމާއިލް ސަލީމާއި އަހުމަދު ފާއިޒެވެ. އަންހެން ޑަބަލްސް ފައިނަލްގައި އެއްކޮޅުން ބައްދަލުކުރާނީ އެޗްޑީސީ ގެެ ޑަބަލްސް ޕެއާ ކަމުގައިވާ ފާތިމަތު ޝަހުލާ އާއި އައިޝަތު މުނީޒާއެވެ. އަންހެން ޑަބަލްސް ފައިނަލްގައި އަނެއްކޮޅުން ވާދަކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ ޑަބަލްސް ޕެއަ ކަމުގައިވާ އައިމިނަތު ހަލީމް އަދި މަރިޔަމް ހުދުނާއެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ ބެންކް އޮފް މޯލްޑިވްސްގެ އަހުމަދު ޝަރީފް ހުސެއިން އަދި އެމް.ބީ.ސީ ގެ އަބްދުﷲ ލަބީދެވެ. އަންހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތު ހަލީމާއި މިނިސްޓްރީ ފިނޭންސް އެންޑް ޓްރެޜަރީގެ ހަލީމަތު މައިމޫނާ އެވެ.

މާދަމާގެ ނިޔަލަށް ކެރަމް ހޯލުގައި ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ ސަތޭކަ ތިރިސް ނުވަ ކުޅުންތެރިއަކާއި ސާދަ އޮފީހަކުން ނަވާރަ ޓީމެއް ބައިވެރިވެފައިވެ އެވެ.