30 Jun 2013, 14:18
ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ހަދަމުން ދިޔަ އެ ސިޓީގެ ތިން ރަށެއްގެ ބޮޑު މަގު ހަދައި ނިމިއްޖެ އެވެ.
"ސަން ސެޓް ރޯޑް ޕޮރޮޖެކްޓް"ގެ ނަމުގައި ކުރިއަށް ދިޔަ އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ މަގު ހެދުމުގެ މަސައްކަތް ލަންކާގެ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އައްޑޫ ސިޓީގެ ތިން ރަށުގެ ބޮޑު މަގާއި ގުޅޭ ގޮތުން މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަން ފެށި އެ ސިޓީގެ ތިން ރަށުގެ ބޮޑު މަގު މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މަގުތަކުގައި ކުރަހަން ޖެހޭ ކުރެހުންތައް ކުރެހުމާއި އަދި ހަރުކުރަން ޖެހޭ ބޯޑްތައް ހަރުކުރުމުގެ މަސައްކްތް ކަމަށް ސޯބެ ވިދާޅުވި އެވެ.
"ލަންކާގެ ކޮންސްޓްރަކްޝަން ކުންފުނެޏެއް ކަމަށްވާ އައިސީސީ އިން މިދިޔަ އަހަރުގެ ތެރޭ ހަދަން ފެށި އައްޑޫ ސިޓީގެ ތިން ރަށެއްގެ ބޮޑު މަގު އެއީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގު މިހާރު ވަނީ ހަދާ ނިމިފައި. ދެން މިހާރު ކުރިއަސް ދަނީ އެ މަގުތަކުގައި ކުރަހަން ޖެހޭ ކެރެހުންތައް ކުރެހުމާއި އަދި މަގުގައި ހަރުކުރަން ޖެހޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް،" ސޯބެ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ މަގުހަދައި ނިމުމަށް ފަހު ވެސް ފެންހޮޅިއާއި އަދި ނަރުދަމާ އަށް ބޭނުންވާ ހޮޅި ވަޅުލަން ޖެހުނު ކަމުގައި ވިޔަސް މަގުގެ ތާރަ ކަނޑަން ނުޖެހޭނެ ކަމަށާއި މަގުހަދާފައި ވަނީ އެކަންތަކަށް ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ މަގުހަދައި ނިމުމަށް ފަހު ވެސް މަގަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެކުންފުނީގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ނިމުގެން ދިޔައިރު މަގުގެ ބިންގާ އަޅަން ދިން ސަރަހައްދުގައި ކުޑަ ޕާކެއް ވެސް އެ ކުންފުނީގެ ފަރާތުން ހަދައިދޭނެ ކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށުގެ ބޮޑު މަގަކީ 4.5 ކިލޯމީޓަރުގެ މަގެކެވެ. އެ މަގު ހެދުމަށްޓަކައި 11 މިލިޔަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށުގެ ބޮޑު މަގު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް މަހުއްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަދި މަސައްކަތުގެ ބިންގާ އަޅުއްވާ ދެއްވީ 2011 ވަނަ އަހަރުގެ ސާކް ސަމިޓުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސަ އެވެ.