30 Jun 2013, 14:01
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބްގައި ބައެއް ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން ބޭނުންނުވާތީ އެ އިންތިހާބްގައި މިހާރު ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 459 ވޯޓު ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުން ކުރިން ބުނެފައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 556 ފޮށި ބަހައްޓަން ޖެހޭނެ ކަމަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 100 ފޮށި އިތުރު އަދަދެކެވެ.
އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ އިތުރުން ބައެއް ރިސޯޓުތަކުގަ އާއި ހުރިހާ ޖަލަކާއި ދިވެހިން ދިރިއުޅޭ ބައެއް ގައުމުތަކުގައި ވެސް ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރިން ލަފާކުރިން 100 ވަރަކަށް ވޯޓު ފޮށި ރިސޯޓުތަކުގައި ބަހައްޓަން ޖެހޭނެ ކަމަށް. ނަމަވެސް މިހާރު ނިންމާފައި ވަނީ 56 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން. އެއީ ބައެއް ރިސޯޓުތަކުން ބޭނުމެއް ނުވޭ ފޮށި ބަހައްޓަން. އެހެންވެ އޭގެ ބަދަލުގައި އެ ރިސޯޓަކާ އެންމެ ކައިރި މީހުން ދިރިއުޅޭ ރަށެއްގައި ފޮށި ބެހެއްޓުމުން މުވައްޒަފުން ފޮނުވާނެ ކަމަށް ބުނެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ދިވެހިން އުޅޭ ގައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ ސްރީލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމާއި ނިއުދިއްލީ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރާއި ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށެވެ.
"ބޭރު ގައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުމުގައި ބަލާފައި ވަނީ މަދުވެގެން 100 މީހުން ރަޖިސްޓްރީކުރާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި. އަޅުގަނޑުމެން ވޯޓުލާން ރަޖިސްޓްރީކުރަން މާދަމާ ހުޅުވާލާނަން،" އޭނާ ވިދާޅުވި އެވެ. "މުޅި ޖުމްލަ ފަސް ގައުމެއްގައި ހަ ފޮށި ބަހައްޓާނެ،"
ފުއާދު ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ވޯޓުލުމަށް 48 ފޮށި އަދި އަތޮޅުތަކުގެ މީހުންނަށް 55 ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި 284 ވޯޓު ފޮށި ބަހައްޓާ އިރު ފަސް ޖަލެއްގައި ފަސް ވޯޓު ފޮށި އަދި ސިނާއީ ފަސް ރަށެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.