ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ ދައުރުގެ ތެރޭގައި މަތީ ތައުލީމު ހާސިލުކުރަން ފަށާ ކުދިންގެ އަދަދު ދެ ގުނަ އިތުރުކުރުން ކަމަށް ވަހީދުގެ ރަނިންމޭޓް އަހްމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ސިޔާސަތު އިއުލާން ކުރެއްވުމަށް ރޭ ސްޓެލްކޯ ކުރިމަތީ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަވަމުން ތަސްމީން ވިދާޅުވީ އެކި ސަބަބުތަކާ ހުރެ އޯލެވެލް ނުހެދި އަދި ވަޒީފާ ނުލިބިފައިވާ ކުދިންނަށް އޯލެވެލް ހެދުމުގެ ފުރުސަތާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުވެރިކަން ރައީސް ވަހީދުގެ ސަރުކާރެއްގައި ހޯއްދަވައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މަތީ ތައުލީމަށް އެދޭ ކުދިނަށް މާލީ އެހީތެރިކަން ދެވޭ ނިޒާމެއް ގާއިމުކުރެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ވެރިކަމެއްގެ ފުރަތަމަ ދެ އަހަރު މަތީ ތައުލީމަށް ކިޔަވަން ފަށާކުދިންގެ އަދަދު ދެ ގުނައަށް އިތުރުކުރުން،" ތަސްމީން ވިދާޅުވި އެވެ.

ހަމަ އެހެންމެ ދުނިޔޭގެ މަތީ ފެންވަރުގެ ތައުލީމުގެ ފުރުސަތު ރައީސް ވަހީދުގެ ސަރުކާރެއްގައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ދެއްވާ ކަމަށް ތަސްމީނު ވިދާޅުވި އެވެ.

އޭގެ އިތުރުން ޒުވާނުނަށް ދިރިއުޅުމެއް ފަށައިގެން ދިރިއުޅެވޭނެ މާލީ އެހީތެރިކަން ރައީސް ވަހީދުގެ ސަރުކާރެއްގައި ފޯރުކޮށްދެއްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާފައި ރައީސް ވަހީދު ވިދާޅުވީ މިހާރުގެ ނަތީޖާއަކީ ކޮންމެ ތިން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ އޯލެވެލް އިމްތިހާނުގެ ފަސް މާއްދާ އިން ފާސްނުވާ ކުދިން ކަމަށާއި އަދި އޭލެވެލާ އަމައަށް ދަތުރުކުރެވެނީ 15 ޕަސެންޓް ކުދިންނަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އާ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ވެސް ޑިޕްލޮމާ އާއި އޭލެވެލަށް ކިޔަވާ ކުދިންގެ އަދަދު ދެގުނަ އިތުރު ކުރައްވާނެ ކަމަށެވެ. އަދި އޭލެވެލް ނުވަތަ ވޮކޭޝަނަލް ޓްރޭނިން ހެދުމަށް ކޮންމެ ކުއްޖަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި ގައުމާ ދޭތެރޭގައި ދެކޭ ތަސައްވުރަކީ ވައިބްރަންޓް، ނޮލެޖް ބޭސްޑް ސިނާއަތްތަކެއް އެކުލެވިފައިވާ މުއްސަނދި ގައުމަކަށް ހެދުން. އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތައް ބައިވަރު. ދުނިޔެ ހަސަދަވެރިވާ ވަރުގެ ވަސީލަތްތަކެއް އަޅުގަނޑުމެންގެ އެބަހުރި،" ރައީސް ވިދާޅުވި އެވެ.