30 Jun 2013, 12:30
"މާލޭ ސިޓީ ރަމަޒާން ފުރެޝް މާކެޓް 2013"ގެ ނަމުގައި ކާބޯތަކެއްޗަށް ހާއްސަ މާކެޓެއް ރޯދަ މަހު ފެށުމަށް ސިޓީ ކައުންސިލްއިން ނިންމައިފި އެވެ.
އެ މާކެޓް އިންތިޒާމް ކުރާ ގޯ މީޑިއާގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު މިއަދު "ސަން" އަށް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން އީދު ބަންދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މާކެޓް ބޭއްވުމަށް ނިންމާފައި ވަނީ އަލިމަސް ކާނިވަލާއި އާޓިފިޝަލް ބީޗްގައި ބައިބަލާ ފަސްގަނޑާއި ދެމެދުގައި އޮންނަ ޕާކިން ޒޯންގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިމާކެޓްގައި ރާއްޖެ އަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި މަހުގެ ބާވަތްތަކާއި އަދި ރާއްޖޭގައި އުފައްދާ ވަރަށް ގިނަ ބާވަތްތައް މިތަނުން ފެނިގެންދާނެ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 30 ސްޓޯލް ބެހެއްޓުމަށް ނިންމާފައިވާ އެ މާކެޓްގައި ބައިވުރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގޮޅި ވިއްކަމުންދަނީ މަސް ދުވަހަށް 15000ރ. އާއި 18000ރ. ދެމެދުގެ އަގުތަކަކަށް ކަމަށެވެ.