04 Nov 2010, 09:20
ހުޅުމާލޭ އެތެރޭގައި ޓެކްސީ ކުރުމަށް އެމްޓީސީސީ އަށް ހުއްދަ ދީފައި ނޯންނާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕްރޭޝަން[އެޗުޑީސީ] އިން ބުނެފި އެވެ.
އެމްޓީސީސީން ހުޅުމާލޭގައި ޓެކްސީ ކުރަން ފެށުމާ ގުޅިގެން އާންމު ޓެކްސީ ޑްރައިވަރުންނަށް އެކަމުން ގެއްލުންވާ ކަމަށް ބުނެ ހުޅުމާލޭ ޓެކްސީ ޑުރައިވަރުން މިއަދު އެޗްޑީސީ ކުރިމަތީގައި މުޒަހަރާ ކުރި މައްސަލައާ ގުޅޭ ގޮތުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހޭލް އަހުމަދު މިއަދު ވިދާޅުވީ އެމްޓީސީސީ އަށް ހުއްދަ ދީފައި ވާނީ ހަމަ އެކަނި ހުޅުމާލެ އާއި ހުޅެލެ އާއި ދެމެދުގައި ޓެކްސީ ދުއްވުމަށް އެކަނި ކަމަށެވެ. އެހެންކަމުން އެކަމުގެ ގެއްލުން ހުޅުމާލޭގައި ޓެކްސީ ކުރާ އާންމު ފަރާތްތަކަށް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީ އަށް ހުއްދަދީފައި އެއޮތީ ހުޅުމާލޭން ހުޅުލެ އަށް ދަތުކުރާ ފަރާތްތައް ގެންދަން އެކަނި. ޓެކްސީ ބޯޑު އޭގައި ޖަހަން ޖެހުނީ އުސޫލެއްގެ ގޮތުން ޓެކްސީ ބޯޑު ނުޖަހައި އެކަހަލަ ހިދުމަތެއް ދިނުމުގައި ދަތިތަކެއް އުޅޭތީ. އެހެންވެ ކަންނޭނގެ ޓްރާންސްޕޯޓުން ޓެކްސީ ބޯޑެއް ޖަހަން [އެންގީ]. އެބޭފުޅުންނަށް އެއްވެސް ހުއްދައެއް ނޯންނާނެ ހުޅުމާލޭ ތެރޭގައި ޓެކްސީ ކުރާކަށް،"
ޓެކްސީ ދުއްވުމަށް އިތުރު ފަރާތްތަކަށް އެޗްޑީސީން ހުއްދަ ނުދޭކަމަށް ވެސް މުޒާހަރާ ކުރާ މީހުން ބުނެފައިވެ އެވެ.
ސުހޭލް ވިދާޅުވީ ޓެކްސީ ދުއްވުމަށް ހުއްދަ ދެމުން އަންނަނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދާ މިންވަރަކަށް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަނީ މިތަނުގައި މީހުންގެ އަދަދު އިތުރުވީ ވަރަކަށް މީހުން ރިކުއެސްޓް ކުރަންޏާ (އެދެންޏާ) ޓެކްސީ ދުއްވުމަށް ހުއްދަ ދޭނަމޭ. މީހުން ޑިމާންޑު ކުރަންޏާ [އެ ހުއްދަ] އިތުރުކޮށްދޭ ނަމޭ ބުނެފައި އަޅުގަނޑުމެން އޮންނާނީ،"
ޓެކްސީ ޑުރައިވަރުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު ޓެކްސީ ޑްރައިވަރަކު ސަން އޮންލައިންއަށް މައުލޫމާތު ދެމުން ބުނީ އެޗްޑީސީ އާއި މުޒާހަރާ ކުރި މީހުންނާ ދެމެދުގައި ދެކެވުނު ވާހަކަ ތަމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އިތުރު ފަސް ޓެކްސީ އަކަށް ޓްކްސީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އެ ކޯޕްރޭޝަނުން އެއްބަސްވި ކަމަށެވެ. އަދި އިތުރު މުޒާހަރާ އަކަށް ދިއުމަށް ގަސްތު ނުކުރާކަމަށް ވެސް އޭނާ ބުންޏެވެ.
ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ދެ ޓެކްސީ އާ ބެހޭ ގޮތުން ވާހަކަ ދައްއްކަމުން އޭނާ ބުނީ އެ ޓެކްސީތައް ދަތުރުކުރަނީ ހަމައެކަނި ހުޅުމާލެ އިން ހުޅުލެ އާ ދެމެދު އެކަނިކަމަށް ނުބުނެވޭނެ ކަމަށެވެ.
"ހަމައެކަނި އަނގަބަހުން ބުނެވިދާނެ ހުޅުލެއާއި ހުޅުމާލެއާ ދެމެދު އެކަންޏޭ ދަތުރުކުރަނީ. އެހެންނަމަވެސް ޓެކްސީ ބޯޑު އިންނަންޏާ އެ ބޭފުޅުންނަށް ވެސް ހުޅުމާލެ ތެރޭގައި ޓެކްސީ ކުރުމުގެ ހައްގު އޮންނާނެ. އަޅުގަނޑު މެންނަށް ފެންނަނީ އަބަދުވެސް އެއްގެ ދޮށުން އެނެއްގެ ދޮށުން ދުއްވާތަން. ދާތަނެއް ބުނާކަށް ނޭނގެ. ޓެކްސީ ބޯޑު އިންނަންޏާ ހަމަ ޓެކްސީ ކުރެވޭނެ."
އެޗްޑީސީން މައުލޫމާތުދިން ގޮތުގައި ހުޅުމާލޭގައި މިހާރު އާންމު 14 ފަރާތަކަށް ޓެކްސީ ކުރުމުގެ ހުއްދަވަނީ ދީފަ އެވެ.