އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކޯޓަށް ހާޒިރުވުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން މިއަދު ނެރުނު އަމުރު ސޯބެއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މޭޔަރު ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރެފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ ތަރިކައާއި ހިބައިގެ މައްސަލަތަކާ ގުޅިގެން ބައެއް މައުލޫމާތު ސާފުކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީތަކަށް ޖަވާބުދެއްވާފައި ނުވާތީ ކަމަށް ހިތަދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލަށް ފޮނުވި ސިޓީތަކުގެ ޖަވާބު ނުލިބޭތީ ތަރިކައާއި ހިބައިގެ މައްސަލަތައް ނިންމުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ސިޓީތަކުގެ ޖަވާބު އަވަހަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ޖަވާބު ފޮނުވާފައި ނުވާކަމަށެވެ.

"އަހަރަކާއި ކައިރިވެފައިވާ ސިޓީތަކެއް ވެސް އެބަހުރި. އެއިން އެއްވެސް ސިޓީއަކަށް އަދިވެސް ޖަވާބު ލިބިފައެއް ނުވޭ. އެ ސިޓީގެ ޖަވާބު ވަރަށް އަވަހަށް ފޮނުވައިދިނުމަށް މި ކޯޓުގެ ފަރާތުން ވަނީ ތަކުރާރުކޮށް އައްޑޫ ސިޓީ ކައުންސިލްގައި އެދިފައި. ނަމަވެސް ޖަވާބު ލިބިފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން މޭޔަރު ސޯބެ ވިދާޅުވީ ކޯޓު އަމުރު އަދި އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ބައެއް ސިޓީތަކުގެ ޖަވާބު އަވަސްކޮށްދެއްވުމަށް ކޯޓުގެ ގާޒިން މީގެކުރިން އެދިވަޑައިގެންފައިވާކަމަށާއި އެގޮތަށް އެދިވަޑައިގަތުމުން އެކަން އަވަސްކޮށްދިނުމަށް މަސައްކަތް ކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.