30 Jun 2013, 11:49
އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން މޫދަށް ފުންމާލުމުން އެދެމައިން ސަލަމާތް ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ ޒުވާނުންނަށް ހިދުމަތުގެ އަގުވަޒަންކޮށް ދިވެހި ފުލުހުންގެ ފަރާތުން ޚިދުމަތުގެ ލިޔުން ހަވާލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ 10:00 ހާއިރު މޫދަށް ފުންމާލި އަންހެން މީހާ އާއި އޭނާގެ ފަސް އަހަރުގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޒުވާނަކީ ފ. ނިލަންދޫ، ފާޒިރާ މަންޒިލް އަހުމަދު ޝާފިއު އެވެ. ޝާފިއުގެ އިތުރުން އެކަމުގައި އޭނާގެ އެކުވެރި އަބުދުﷲ މާހިރު ވެސް ބައިވެރިވެފައި ވެއެވެ.
ފުލުހުން ބުނީ އެ ވަގުތު ޝާފިޢު އާއި އޭނާގެ ރަޙްމަތްތެރި އަބްދުﷲ މާހިރު އެތަނުގައި މަޑުކޮށްލައިގެން ތިބީ އެމްޑީޕީން ކުރިޔަށްދިޔަ ރެލީ ބަލާލުމަށެވެ. އަދި ކުއްލިއަކަށް މީހަކު މޫދަށް ފުންމާލި އަޑު އިވުމާއެކު ޝާފިއު ގޮސް މޫދުބަލައިލިއިރު ކުޑަކުއްޖަކާއި އަންހެނަކު މޫދަށް ގެނބެނީ އެވެ.
އެދެމައިންނަށް އެހީވުމަށް ޝާފިއު މޫދަށް ފުންމާލިއިރު އެތައްބަޔަކު އެމަންޒަރު ފޮޓޯ ނަގަން ތިބި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ ފަސް އަހަރުގެ ކުއްޖާ ސަލާމަތްކޮށް ގާތަކާއި ހަމައަށް ގެންނައިއިރު ޝާފިޢުގެ ރަހުމަތްތެރިޔާ މާހިރު ވެސް މޫދަށް ފުންމާލައި ޝާފިއުއަށް އެހީވި ކަމަށެވެ. މާހިރަކީ ފަތަން ދަންނަ މީހަކަށްނުވާތީ އޭނާ ޝާފިއުއަށް އެހީވީ އިސްކޮޅު ޖެހޭ ހިސާބުގައި ހުރެގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޝާފިޢު ގޮސް އަންހެންމީހާ ސަލާމަތްކުރަން ފެށުމުން އަންހެންމީހާ ފުރަތަމަ ގަދަހަދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އަންހެން މީހާ ހޭނެތިފައިވާ ކަމަށް ވެސް ޝާފިއުއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އަދި އެހިސާބުން ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ޝާފިއު މޫދަށް ފުންމާލިއިރު އޭނާގެ ޖީބުގައި ގިނަ އަދަދެއްގެ ފައިސާ އާއި އޭނާގެ މޮބައިލް ފޯނު އޮތެވެ. ފައިސާ ހިއްކައިގެން ބޭނުން ކުރި ނަމަވެސް ފޯނުއެއްކޮށް ވަނީ ހަލާކުވެފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ހިތްވަރުގަދަ ޒުވާނާގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޝާފިޢު އާއި މާހިރުގެ ޚިދުމަތުގެ އަގު ދިވެހި ފުލުހުންގެ ފަރާތުން ވަޒަންކޮށް މިދިޔަ ބުރާސްފަތި ދުވަހު، އެކަމުގެ ލިޔުން އޭނާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. ލިޔުން އެ ދެޒުވާނުންނާއި ހަވާލުކޮށްދެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.
އެބައްދަލު ކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ޝާފިޢުގެ ޤައުމީ ޚިދުމަތަކީ ކޮންމެ ޒުވާނަކު އަދި ކޮންމެ ރައްޔިތަކު ވެސް ބަލައިގަންނަންޖެހޭ އަދި ޢިބްރަތް ހާސިލްކުރަންޖެހޭ ޚިދުމަތެއް ކަމަށެވެ. އަދި ދިވެހި ފުލުހުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތުގައި ޝާފިޢުގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމުގެ އަގު ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ވަޒަންކުރާނެކަމުގެ ޔަޤީންކަން ޑެޕިއުޓީ ކޮމިޝަނާ ވަނީ ދެއްވާފައެވެ.
ޝާފިޢު އާއި މާހިރުގެ އަގުވަޒަންކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިން ގައި އޮތް ބައްދަލުކޮށްލުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޢަރީފުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ބައިވެރިވެވަޑައިގަތެވެ.
ޝާފިޢު އާއި މާހިރުގެ ޤައުމީ ޚިދުމަތާއެކު އޭނާ ޕޮލިސް މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ފަސްނުޖެހި ކޮންމެ ކަމަކާވެސް ކުރިމަތިލުމަކީ އެކަމެއް ކާމިޔާބުވާނެ ކަމެއްކަން އަބަދުވެސް ޤަބޫލުކުރާ ކަމަށެވެ. އެއާއެކު އިންސާނަކަށް ދެރައެއް ލިބޭހިނދު އަދި ޚާއްޞަކޮށް އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭހިނދު އެހެން ހުރިހައި ކަމަކަށްވުރެ އެކަން އިސްކުރުމަކީ އިންސާނީ ވާޖިބެއްކަމަށް ޤަބޫލު ކުރަންޖެހޭނެކަމަށެވެ.