30 Jun 2013, 11:48
ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ދެ ވަނަ މެޗުގައި ރޭ ބީޖީ ސްޕޯޓްސް އަތުން 3-2 ލަނޑުން މާޒިޔާ ބަލިވުމުން ލީގުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކަށަވަރުވެއްޖެ އެވެ.
މިއީ ދިރާގް ދިވެހި ލީގު ނިއުއަށް ލިބުނު ދެ ވަނަ ފަހަރެވެ. މިފަހަރުގެ ލީގް ނިއުއަށް ލިބިފައި މިވަނީ، ލީގުގައި ނިއު މިހާތަނަށް ކުޅެފައިވާ 14 މެޗުގެ ތެރެއިން އެޓީމުން ހޯދާފައިވާ 42 ޕޮއިންޓަށް ވުރެ ގިނަ އަދަދަށް ޕޮއިންޓް އެއްކުރުމުގެ ފުރުސަތު ރޭ ބީޖީ އަތުން ބަލިވި މާޒިޔާ އަށް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ދެން ނެތުމުންނެވެ. ނިއު އާއި ޕޮއިންޓުގެ ގޮތުން އެންމެ ކައިރިކުރާ އެއް ކުލަބަކަށް މާޒިޔާ ވީއިރު، ލީގުގައި އެ ޓީމް މިހާތަނަށް ކުޅެފައިވާ 15 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އެހެން ކަމުން ލީގުގައި މާޒިޔާއަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެން ވެސް އެ ޓީމަށް އެއްކުރެވޭނީ 40 ޕޮއިންޓެވެ.
ރޭގެ މެޗުން މޮޅުވި ބީޖީ ލީގުގައި އޮތީ އެޓީމް މިހާތަނަށް ލީގުގައި ކުޅުނު 15 މެޗާއެކު ހަތަރު ވަނަ މަގާމު ގައެވެ. ލީގުގެ ތިން ވަނަ މަގާމް ގައި އޮތީ 21 ޕޮއިންޓާއެކު އޮތް ވެލެންސިއާ އެވެ. އަދި ލީގުގެ ފަސް ވަނަ މަގާމް ގައި އީގަލްސް އޮތް އިރު، ހަ ވަނަ މަގާމް ގައި އޮތީ އޭވައިއެލް އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މާޒިޔާއިންނެވެ. އެލަނޑު މާޒިޔާއަށް މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު ނާޝިދެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ނާޝިދެވެ.
ރޭގެ މެޗުގައި ބީޖީން މާޒިޔާ ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އުސްމާނޭ އަބްދުލް އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި އައްސަދު އަލީ (އަޑުބަރޭ) ޖަހާދިން އިރު، ދެ ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާއަށް ޖަހައި ދިނީ ވެސް އަޑު ބަރޭއެވެ.
ލީގުގައި މިރޭ 9:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކި ނިއު ރޭޑިއަންޓާއި އޭވައިއެލް އެވެ.