30 Jun 2013, 11:46
އެސްޓީއޯ އިން ސްޕޮންސާކޮށް، ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބާއްވަމުން އަންނަ ޕިލިޕްސް ސްކޫލް ކްރިކެޓް ލީގުގެ 15 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް މުހިއްދީން ސުކޫލުން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުއެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ މެންދުރު ފަހު ކުޅުނު މެޗް މުހިއްދީން ސްކޫލްގެ ޓީމުން ކާމިޔާބު ކުރީ ތާޖުއްދީން ސްކޫލާއި ބައްދަލުކޮށް 10 ވިކެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެ މެޗުގައި ޓޮސް ލިބުމުން ތާޖުއްދީން ސްކޫލް ކުޅެންއަރާ 17 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 86 ލަނޑެވެ. އަދި މެޗުގައި އާސިދު ހަތަރު އޯވަރު 16 ލަނޑަށް ހަތަރު ވިކެޓް ނެގިއެވެ.
ޖަވާބުގައި މުހިއްދީން ކުޅެންއަރާ ހަތް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 92 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 70 ލަނޑުހެދި އާދަމް ނާސިފް އެވެ.
މުބާރާތުގައި މިއަދު މެންދުރުފަހު 2:30 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އިސްކަންދަރު އާއި ޖަމާލުއްދީން ސްކޫލެވެ.