30 Jun 2013, 11:20
އެޓާނީ ޖެނަރަލް އައިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ އިތުރުން ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގައި މާދަމާ ނަގާ ވޯޓުގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފުރަތަމަ ކެބިނެޓަށް މަޖިލީހުން މިދިޔަ އަހަރު ރުހުން ދިންއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެ ވޯޓުގައި ބައިވެރިނުވެ އެވެ. އެ ދުވަހުގެ ޖަލްސާއިން އެމްޑީޕީ "ވޯކައުންޓް" ކުރި އެވެ.
ތިން ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ އެޖެންޑާކޮށްފައި ވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) "ސަން"އަށް މިއަދު ވިދާޅުވީ އެއްވެސް ވަޒީރަކަށް އެމްޑީޕީގެ ރުހުމެއް ނޯންނާނެ ކަމަށެވެ. އަދި މާދަމާ ނަގާ ވޯޓުގައި އެއްވެސް ވަޒީރަކަށް ރުހުން ދިނުމަށް އެ ޕާޓީގެ އެއްވެސް މެންބަރަކު ވޯޓު ނުދެއްވާނެ ކަމަށާއި ނަމަވެސް މާދަމާގެ ޖަލްސާގައި ނަގާ ރުހުން ދިނުމުގެ ވޯޓުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މިރޭ ބައްދަލުވުމެއް ބާއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާމެދު އެ ޕާޓީގެ މަޖިލިސް މެންބަރުން ވޯޓުދޭނެ ގޮތެއް ކަނޑައެޅުމަށް މިއަދު މެންދުރުފަހު ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ބިސާމާއި އާޒިމާގެ އިތުރުން އަމީނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރެއްވުމަށްފަހު ފޮނުވި ރިޕޯޓާއެކު އެވެ. އެ ކޮމެޓީން ނިންމާފައި ވަނީ ބިސާމާއި އާޒިމާއަށް ރުހުން ނުދީ އަމީލަށް ރުހުން ދިނުމަށެވެ.
ރައީސް ވަހީދު އަލަށް އުފެއްދެވި މިނިސްޓްރީތަކަށް އައްޔަން ކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބައިވެރިވި އެވެ. ނަމަވެސް އެފަހަރު ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީއެއް ނުލިބުނެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މިއަހަރު އަލަށް ގުޅުނު މެންބަރުންނާއެކު އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދަކީ 33 އެވެ.