30 Jun 2013, 10:47
ދިވެހިންގެ މެދުގައި ގައުމީ އެއްބައިވަންތަކަމާއި އެކުވެރިކަން އޮތް މިންވަރު ދައްކުވައިދިނުމަށް ރާއްޖެ އިން ބޭރުގައި ކިޔަވަމުން އަންނަަ ދަރިވަރުންތަކެއް އިސްނަގައިގެން "ރަތްގައުމު" ނަމުގައި ދުވަހެއް ފާހަގަކޮށްފި އެވެ.
މޭލޭޝިއާގައި ކިޔަވަމުން އަންނަ ފަސް ޒުވާނަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އިވެންޓްގެ ދަށުން މެލޭޝިއާގެ އިތުރުން ސްރީލަންކާ އަދި ރާއްޖޭގައި ވެސް ވަނީ އެ ހަރަކާތް ހިންގައިފަ އެވެ.
އެގޮތުން އިއްޔެ ހަވީރު މަންދު ކޮލެޖްގައި ކުޑަކުދިންގެ ހަވީރަކާ އެކު ރޭގަނޑުގެ މިއުޒިކް ޝޯއެއް ކުރިއަށް ގެންގޮސްފައިވާ އިރު ސްރީލަންކާގައި ހުންނަ ރާއްޖޭގެ ކުރީގެ ހައިކޮމިޝަން ހުންނަ ސޯޝަންގޭގައި ވެސް ވަނީ ކުޑަކުދިންގެ ހަވީރަކާ އެކު މިއުޒިކް ޝޯއެއް ބާއްވައިފަ އެވެ. އެ ހަރަކާތްތައް ވަނީ މެލޭޝިއާގައި ކުރިއަށް ގެންގޮސްފަ އެވެ.
އެ ފައުންޑޭޝަންގެ މެމްބަރަކު ބުނީ އެ ހަރަކާތްތަކަކީ ގައުމުގައި ސިޔާސީ ފިކުރު އިތުރުވެގެން ގޮސް ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ މެދުގައި މައްސަލަތައް އިތުރުވާން ފެށުމާ އެކު އުފެދިގެން އައި ހިޔާލަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ފައުންޑޭޝަންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި "ރަތް" ކުލަ އިހުތިޔާރު ކުރީ އެކުލައިއިން ގައުމު އަދި ގައުމީ ލޯބި ދައްކުވައިދޭތީ ކަމަށެވެ.
ރަތްގަމުގެ ދުވަސް އިއްޔެ ފާހަގަކުރުމަށް ސޯޝަލް ނެޓްވޯކް މެދުވެރިކޮށް އެ ޖަމިއްޔާ އިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ދުރާލާ ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. އެ ފައުންޑޭޝަންގެ ބޭނުމަކީ ކޮންމެ އަހަރަކު ވެސް "ރަތްގައުމު" މިނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެކީ ކިޔަވަން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އުފެދިގެން އައި ހިޔާލެއް މިއީ. އެގޮތުން މި ފައުންޑޭޝަން އުފެދުނީ، ފައުންޑޭޝަންގެ ބޭނުމަކީ ކޮންމެ ހަރަކު ވެސް މިދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރުން. އަދި މިކަމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުން. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް މި ހަރަކާތުގައި ބައިވެރިވެވޭނެ ރަތް ކުލައިގެ ހެދުމެއް އެދުވަހު އިހުތިޔާރުކޮށްގެން،" މެލޭޝިއާގައި ކިޔަވަމުން އަންނަ އެ ފައުންޑޭޝަންގެ މެމްބަރަކު ބުންޏެވެ.
ރަތްގައުމު ނަމުގައި އެ ފައުންޑޭޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ފައުންޑޭޝަނުން ވަނީ ރަތް ގައުމު ޑޮޓް ކޮމްގެ ނަމުގައި ވެބްސައިޓެއް ވެސް ގާއިމުކޮށްފަ އެވެ.