30 Jun 2013, 10:31
ޤާހިރާ (ޖޫން 30) : މިސްރުގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ޓަކައި އިދިކޮޅު ފަރާތްތައް ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގައި ހަމަނުޖެހުމާއި ލޭއޮހޮރުވުން ހިނގައިފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ޚަބަރުލިބެ އެވެ.
މިމުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުފަރާތްތަކުން ވަނީ ގާހިރާގެ ތަހްރީރު މައިދާނަށް އެއްވެފަ އެވެ. އަދި ޤާހިރާގެ މިސްރުލްޖަދީދާގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކައިރިއަށް ވެސް އިދިކޮޅުފަރާތްތަކުން އެއްވަމުންދާ ކަމަށްވެ އެވެ. މުރުސީގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ޙަރަކާތްތެރިވާ ގުޅިފައިވާ ކޯލިޝަނުން ބުނެފައި ވަނީ މިއަދު ފަށާ މުޒާހަރާތަކާއި އިޙްތިޖާޖްތައް، ރައީސް މުރުސީ އިސްތިއުފާ ދެއްވައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ތާރީޚެއް ކަނޑައަޅަންދެން ކުރިޔަށްގެންދާނެ ކަމުގަ އެވެ.
މިސްރުގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މިހާރު ޙަރަކާތްތެރިވާ ކޯލިޝަންގައި ހިމެނެނީ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އެއްބައިވެ މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތާގުޅިގެން މަސައްކަތްކުރި ފަރާތްތަކާ އަދި މުބާރަކަށް ތާއީދުކުރާ ފަރާތްތަކެވެ. މުބާރަކްގެ ވެރިކަން ވައްޓާލުމުގައި އެކުވެރިވެގެން އުޅުނު ޖަމާއަތްތަކާއި ޕާޓީތައް މިހާރު ވަނީ ސިޔާސީގޮތުން މުރުސީއާ ސިޔާސީގޮތުން ހަތުރުންނަށްވެ އަދި މުރުސީގެ ވެރިކަމާ ދެކޮޅަށް ނުކުތުމުގައި ކުރީގެ ރައީސް މުބާރަކަށް ތާއީދުކުރާ ފަރާތްތަކާ ވެސް ގުޅިފަ އެވެ.
ރައްޔިތުންގެ ވޯޓަކުން ފަސް އަހަރުގެ މުއްދަތަކަށް އިންތިޚާބުވެވަޑައިގެން ވެރިކަން ކުރައްވަމުން ގެންދަވާ މުރުސީ އަށް މިހާރު ތާއީދުކުރަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތާއި އެޖަމާއަތުގެ ސަޕޯޓަރުންނާއި ސަލަފީ އަދި އެނޫން ވެސް ފިކުރުތަކުގެ އިސްލާމީ ޖަމާއަތްތަކާއި އެޖަމާޢަތްތަކަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީކަންކަމުގެ ތެރެއަށް ނުވަންނަ ބައެއް ޢާންމު ރައްޔިތުންނެވެ.
މިސްރުގެ އިދިކޮޅު ފަރާތްތަކުން މާދަމާ ފެށުމަށް ނިންމާފައިވާ މުޒާހަރާތަކާއި އިހްތިޖާޖްތަކުގެ ސަބަބުން ލޭއޮހޮރުވުންތަކެއް ހިނގާފާނެ ކަމުގެ ބިރު ހީވެފައިވާތީ މިސްރުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ވަނީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން މިސްރު ލޭއޮހޮރުވުމެއްގެ ތެރެއަށް ވެއްޓޭތަން ބަލަން ސިފައިން ނުތިބޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އިދިކޮޅު ފަރާތްތައް ބުނާ ގޮތުން މުރުސީ މަގާމުން ދުރުކުރުމަށް އެދި މިސްރުގެ 22 މިލިޔަން މީހުންގެ ސޮއި ހިމެނޭ ޕެޓިޝަނެއް އެމީހުން ވަނީ ތައްޔާރުކޮށްފަ އެވެ.
މިސްރުގައި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ހަތަރު މީހަކު މަރުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)