ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެގައުމުގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާއަކީ އެފްރިކާގެ ޖޯޖް ވޮޝިންގްޓަންގެ ގޮތުގައި އެމެރިކާގެ ރައީސް ބަރަކު އޮބާމާ ސިފަކުރައްވައިފި އެވެ.

ދެކުނު އެފްރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް ޖޭކޮބް ޒޫމާއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮބާމާ ވަނީ މަންޑޭލާގެ އުސޫލުތަކާއި ތަރިކައާ މެދު ވާހަކަދައްކަވާފަ އެވެ.

އޮބާމާ ވިދާޅުވީ އެމެރިކާގެ އެންމެ ފުރަތަމަ ރައީސް އަދި މިނިވަން އެމެރިކާގެ ބާނީ ކަމަށްވާ ޖޯޖު ވޮޝިންގްޓަން އަށް ތައުރީފު ހައްގު ވަނީ ރައީސްކަމުގެ ދެދައުރަށް ފަހު އަމިއްލަފުޅަށް ވެރިކަމާ ދުރުވެވަޑައިގެން ދެއްކެވި މަތިވެރި މިސާލުގެ ސަބަބުން ކަމަށެވެ.

އަދި މަންޑޭލާއަކީ ދެކުނު އެފްރިކާގެ ޖޯޖު ވޮޝިންގްޓަން ކަމަށް އޮބާމާ ވިދާޅުވި އެވެ.

"ވޮޝިންގްޓަން އަށް ތައުރީފުކުރެވެނީ ދެ ދައުރު ހަމަކުރެއްވުމަށް ފަހު އަމިއްލަފުޅަށް ފެނިވަޑައިގެން ވެރިކަމާ ދުރުވެވަޑައިގަތުމުން. އޭރު ގާނޫނެއްގައެއް ނެތް ދެ ދައުރުގެ ވާހަކައެއް. އެކަމަށް ވޮޝިންގްޓަން އަމިއްލަ އަށް ފަހަތަށް ޖެހިވަޑައިގަތީ. ވޮޝިންގްޓަން ވިދާލުވީ 'ތިމަންނާގެ ވަގުތު ހަމަވީއޭ. ދެން އެހެން މީހެކޭ ވެރިކަމަށް އަންނާނީ.' އެއީ ޑެމޮކްރަސީގެ އެންމެ މުހިއްމު އަސާސަކީ. މަންޑޭލާއަކީ ވެސް އެފަދަ ޝަހުސިއްޔަތެއް. އެފްރިކާގައި މަންޑޭލާ އަށް އޮތް ތާއީދާ އެކު ހުރެވުނީސް. އެހެން ނަމަވެސް، އަމިއްލަފުޅަށް ދެ ދައުރު ނިންމަވާލެއްވުމަށް ފަހު ވެރިކަމާ ދުރަށް ޖެހިވަޑައިގަތީ" އޮބާމާ ވިދާޅުވި އެވެ.

އޮބާމާގެ ވާހަކަފުޅުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދިނުމުގައި ވެސް މަންޑޭލާ އަށް ތައުރީފުކުރެއްވެވި އެވެ.

"މަންޑޭލާ އަހަރެމެންނަށް ދައްކައިދިނީ އިންސާނީ ކަރާމާތާއި ގާނޫނު އަދި ހަމަހަމަކަމަށް އިސްކަންދީފި ނަމަ، ހާސިލު ނުކުރެވޭނެ ކަމެއް ނެތް ކަން." އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ދެކުނު އެފްރިކާއަށް ކުރައްވަވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާއިރު، މަންޑޭލާގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ވަނީ ޕްރެޓޯރިއާގެ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފަ އެވެ.

މަންޑޭލާ އަށް ޖެހިވަޑައިގެންފައިވާ ފުއްޕާމޭގެ އާލާސްކަންފުޅާ ގުޅިގެން ހޮސްޕިޓަލުން ފަރުވާ ހޯއްދަވާތާ 21 ދުވަސް ވެފައިވާއިރު މަންޑޭލާގެ ހާލުކޮޅު ރަނގަޅުވެފައިނުވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ހަޔާތުގައި ދިމާވި އެންމެ އިންސްޕިރޭޝަނަލް ލީޑަރަކީ މަންޑޭލާ ކަމަށް އޮބާމާ ވިދާޅުވެފައިވާ ނަމަވެސް، މިދަތުރުގައި މަންޑޭލާއާ ބައްދަލުނުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.

މަންޑޭލާ އަދި އޮބާމާ އަކީ ވެސް ދެ ބޭފުޅުންގެ ގައުމުގައި އެންމެ ފުރަތަމަ ވެރިކަން ކުރެއްވި ކަޅު ނަސްލުގެ ބޭފުޅުން ނެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ނޮބެލް ސުލްހައިގެ އިނާމާ ހާސިލްކުރައްވާފަ އެވެ.