ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގެ "އެވޯޑް ފޯ އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޝަން ޓު އެޑިއުކޭޝަން" ރާއްޖޭގެ މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އާސިމް އަހުމަދަށް ލިބިވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޑރ. އާސިމަށް އެ އެވޯޑު އަރުވާފައި ވަނީ މި މަހުގެ 28 އިން 29 އަށް އިންޑިއާގެ އިގްތިސާދީ މައިމަރުކަޒު މުމްބާއީގައި ކުރިއަށް ދިޔަ ވޯލްޑް އެޑިއުކޭޝަން ކޮންގުރެސްގެ ބައްދަލުވުމެއްގައި ކަމަށެވެ.

"އެވޯޑް ފޯ އައުޓްސްޓޭންޑިންގް ކޮންޓްރިބިއުޝަން ޓު އެޑިއުކޭޝަން" އަކީ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުގެ މަގުސަދަކީ ތައުލީމީ ދާއިރާގައި ހިދުމަތް ކުރަމުން އަންނަ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ އަގުވަޒަން ކުރުމެވެ.

މިއެވޯޑު ދިނުމުގައި މިންގަނޑުތަކާ އުސޫލުތައް ކަނޑައަޅަނީ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގެ ކައުންސިލް ބޯޑުގެ މެމްބަރުންނާއި އެވޯޑުގެ ޖަޖުން ނެވެ.

މުމްބާއީގައި ކުރިއަށް ދިޔަ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސްގައި ޑރ. އާސިމް ވަނީ ކީނޯޓު ތަގުރީރެއް ދެއްވާފަ އެވެ. އެމަނިކުފާނު ތަގުރީރުކުރައްވާފައިވާ މައުލޫއަކީ "ހުނަރުވެރި ތައުލީމު" އެވެ.