ދިމިޝްޤު (ޖޫން 30) ސޫރިޔާގެ ސިޓީއެއް ކަމަށްވާ ޙިމްސްއަށް ސަރުކާރު ސިފައިން ވަޔާއި އެއްގަމުމަގުން ވަރުގަދަ ޙަމަލާތަކެއް ދެމުންގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ސޫރިޔާ ސަރުކާރުން ވެސް ވަނީ އެގައުމުގެ ސިފައިން ޙިމްސްއަށް ވަރުގަދަ ޙަމަލާތަކެއް ދެމުންގެންދާކަން ކަށަވަރުކޮށްދީފަ އެވެ. ސޫރިޔާ ސަކާރުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން ޙިމްސްއަށް ޙަމަލާދޭން ޖެހުނީ އިދިކޮޅު ހަނގުރާމަވެރިން އެރަށުގައި ވަރަށްގަދަ އަށް ފައިހަރުކޮށް އެ ރަށް މަރުކަޒަކަށް ހަދައިގެން ސޫރިޔާގެ އެހެންސަރަޙައްދުތަކުގައި ބޮންގޮއްވުމުގެ ޢަމަލުތައް ހިންގަމުންގެންދާތީ ޙިމްސްއިން ހަނގުރާމަވެރިން ފައްސާލައި އެރަށް ސާފުކުރުމުގެ ބޭނުމުގަ އެވެ.

ޙިމްސްއަކީ ސޫރިޔާގެ މެދުތެރޭގައި މިލިޔަނަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބޮޑު ސިޓީއެކެވެ. ނަމަވެސް ފާއިތުވި ދެއަހަރު ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ އެރަށް މުޅިންކަހަލަ ގޮތަކަށް ވަނީ ހަލާކުވެ ސުންނާފަތިވެ ވީރާނާވެފަ އެވެ. ބިޔަ ޢިމާރާތްތަކާއި ޢާންމުގެ ގެދޮރުވަނީ ފުނޑުފުނޑުވެފަ އެވެ. ޙިމްސް ގެ ޢާންމު ރައްޔިތުންގެ ބޮޑުބައެއް ޙާލުގައިޖެހި ރެފިއުޖީންގެ ގޮތުން މަގުމަތީގަ އާއި ފޭލިގެތަކުގައި އުޅެންޖެހިފައިވާ އިރު ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންގެ ޙަމަލާތަކުގައި އެތައްހާސް ބަޔަކު މަރުވެފައިވާ ކަމަށާ އަދި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތްކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާ ސިފައިން ޙިމްސްއަށް ދެމުންގެންދާ ޙަމަލާތައް އެންމެ ބޮޑަށް އަމާޒު ކުރަމުންދަނީ އެރަށުގެ އަލްޚާލިދިއްޔާ، އަލްޙަމީދިއްޔާ، ބުސްތާނުއްދީވާން އަދި ބާބު ހޫދު މިހަތަރު އަވަށަށް ކަމަށް ޚަބަރުލިބޭއިރު ސޫރިޔާގެ ރަސްމީ ޓީވީން ވަނީ އަލްޚާލިދިއްޔާ އަވަށުގެ ބޮޑުބަޔަކުން ހަނގުރާމަވެރިން ފައްސާލެވިފައިވާ ކަމަށްބުނެ އެހެން އަވަށްތަކުން ވެސް ސަރުކާރު ސިފައިން ކުރިހޯދަމުން ގެންދާކަމަށް ބުނެފަ އެވެ. ހުޅަނގުގެ މަދަދާއި އެހީތެރިކަން ލިބިގެން ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރިންނަކީ "ޓެރަރިސްޓުން" ކަމަށް ސޫރިޔާ ސަރުކާރުން ސިފަކުރެ އެވެ.

ސޫރިޔާ ސިފައިންގެ ލަޝްކަރުތަކުން ޙިމްސް އަށް ހަމަލާތައް ދެމުންގެންދަނީ ބޮޑުބަޑިއާ ރޮކެޓާ ޓޭންކުންގެ އިތުރުން ޢަސްކަރީ ފައިޓަރޖެޓުން ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެ އެވެ. ސޫރިޔާ އިން އިސްރާއީލާ ކުރިމަތިލުމަށް ހޯދާފައިވާ ބަރުހަތިޔާރު އަހްލީ ހަނގުރާމައިގެ ސަބަބުން ބޭނުންކުރަމުން ގެންދަނީ އަމިއްލަ ގައުމުގެ ރައްޔިތުން މެރުމަށާއި ގައުމު ސުންނާފަތިކުރުމަށެވެ. (ނޫސްއެޖެންސީތައް)