30 Jun 2013, 09:36
ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ތަރި ރޮޖާ ފެޑެރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ސަން އަށް މައުލޫމާތު ލިބިއްޖެ އެވެ.
އެއާޕޯޓްގައި މަސައްކަތް ކުރާ މުއައްޒަފަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ރޮޖާ ފެޑެރާ ރާއްޖެ އައިސްފައި ވަނީ އިއްޔެ ކަމަށެވެ.
ރޮޖާ ފެޑެރާ ޗުއްޓީ ފަށާފައި މިވަނީ އިނގިރޭސިވިލާތުގެ ގްރޭންޑް ސްލޭމު ޓެނިސް މުބާރާތް ވިމްބްލެޑަން 2013ގައި ނާކާމިޔާބާއި ކުރިމަތިވެ، މުބާރާތުން ކެޓުމުން ނެވެ. ދެހާސް ބާރަ ވަނަ އަހަރުގެ ވިމްބްލެޑަން މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަން ފެޑެރާ މި އަހަރުގެ މުބާރާތުން ކަޓާފައި ވަނީ ދެވަނަ ބުރުގައި ދުނިޔޭގެ 116 ވަނާގައި ރޭންކު ކުރެވިފައިވާ ސާހީ ސްޓަކޯވްސްކީއާ ވާދަކޮށް ބަލިވެގެން ނެވެ.
މިއީ 2004 ވަނަ އަހަރުން ފެށިގެން ގްރޭންޑް ސްލޭމު މުބާރާތެއްގެ ކުއާޓާ ފައިނަލާ ހިސާބަށް ނުގޮސް ފެޑެރާ މުބާރާތަކުން ކެޓި ފުރަތަމަ ފަހަރެވެ.
ވިމްބްލެޑަންގައި ކުރިމަތިވި ނާކާމިޔާބަށް ފަހު ފެޑެރާ ރާއްޖެ އައިސްފައި ވަނީ ހިތްހަމަޖައްސާލަން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.
ފެޑެރާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައި ވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން އަށް ފަހަރެއްގެ މަތިން ފެޑެރާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، ރާއްޖެއަކީ ފެޑެރާއަށް އެންމެ އަންނަ ހިތްވާ މަންޒިލް ކަމަށް ފެޑެރާ ވަނީ ބުނެފަ އެވެ.
ރޮޖާ ފެޑެރާގެ ފަހުން ދުނިޔޭގެ މިހާރުގެ އެއްވަނަ ޓެނިސް ތަރި ނޮވަކު ޖޮކޮވިޗުގެ އިތުރުން ކުރީގެ އެއްވަނަ ތަރި ރަފައެލް ނަދާލްވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.