ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އަހުމަދާ އެކު ކޮފީއެއްގައި އިންދާ އޭނާގެ އެހެން ރައްޓެއްސަކު އެ ކޮފީގައި ބައިވެރިވި އެވެ. އެއީ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. އޭނާ އަހުމަދު ކައިރީ ބުނީ ދިވެހިން ތައުލީމު ހާސިލްކުރުމަށް ވަރަށް ގިނައިން ގޮސް އުޅޭ އޭޝިއާގެ ގައުމަކުން އޭނާ އަށް 150،000 ޑޮލަރު ލިބޭގޮތް ވެއްޖެ ކަމަށެވެ. އަދި އެ ޑޮލަރުތައް އަހުމަދުގެ އެކައުންޓަށް ޖަމާކޮށްދީ، އެ ޑޮލަރުތައް ނަގައިދީފި ނަމަ 3000 ޑޮލަރު އަހުމަދަށް ދޭނެ ކަމަށެވެ.

އެ ވާހަކަ އަޑު އިވުމާ އެކު ގިނަ ސުވާލުތަކެއް އަހަރެންގެ ސިކުނޑީގައި އުފެދުނެވެ. އެހާ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް ކުއްލިއަކަށް އެހާ ގިނަ ފައިސާތަކެއް ލިބެނީ ކިހިނެއްތޯ އެވެ؟ އަދި އެހާ ކުޑަކަމެއް ކޮށްދިނުމުން 3000 ޑޮލަރު ވަރުގެ ބޮޑު އަދަދެއް ދޭން ބުނީ ކީއްވެބާއޭ ހިތަށް އެރި އެވެ؟ އެސުވާލުތަކަށް ޖަވާބު ހޯދުމުގެ ގޮތުން އެކަންތައް ވަނީ ކިހިނެއްތޯ ބެލަން ފެށީމެވެ.

އަހުމަދު މެދުވެރިކޮށް އޭނާގެ ރަހުމަތްތެރި ހަސަނަށް ފައިސާ ލިބެނީ ކިހިނެއްތޯ ސާފުކުރުމުން އެނގުނީ އޭނާ އަށް ފައިސާ ފޮނުވާ ފަރާތަކީ އޭނާ އަށް އެހާ ރަނގަޅަށް އެނގޭ ފަރާތެއް ވެސް ނޫން ކަމެވެ. އަދި ޖަމާކުރާ 150،000 ޑޮލަރުގެ ތެރެއިން ހަސަނަށް ދޭނެ ކަމަށް ބުނެފައި ވަނީ 20 ޕަސެންޓް ނުވަތަ 20،000 ޑޮލަރެވެ. ބާކީ ފައިސާ އޭނާ އަށް އަނބުރާ އެހެން ގައުމެއްގެ އެކައުންޓަކަށް ފޮނުވަންޖެހެ އެވެ. އަދި އެ ޓްރާންޝެކްޝަން ހެދުމަށްޓަކައި ހަސަން އެ ގައުމަށް ކޮންމެ ވެސް ވަރަކަށް ޑޮލަރު ފޮނުވަން ޖެހޭ އިރު މީގެ ކުރިން އެފަދަ ބައެއް ޓްރާންސެކްޝަންތައް ހަދާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

މިއީ މަނީ ލޯންޑްރިން ނުވަތަ ފައިސާގެ ވަގު ވިޔަފާރި ކުރާ ފަރާތްތަކުން ރާއްޖޭގައި މިހާރު ކުރަމުން އަންނަ ކަމެކެވެ. އެފަދަ ޓްރާންސްސެކްޝަންތަކެއް ރާއްޖެ މެދުވެރިކޮށް ހަދާކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އަދި އެކަން ކުރަނީ ބައެއް ދިވެހިންނަށް ގިނަ އަދަދެއްގެ ފައިސާތަކެއް ދީގެން ކަމަށް ވެސް ވަނީ އެނގިފަ އެވެ. ގިނަ ފަހަރަށް ދިވެހިން އެފަދަ ކަންކަމުގައި ބައިވެރި ވަނީ އެއީ މަނީލޯންޑްރިން ނޭނގި އެވެ. ބައެއް ފަރާތްތަކަށް އެނގިގެން ވެސް އެކަންތައް ކުރެ އެވެ. މިކަމުގައި އުޅޭ ބައެއް ދިވެހިންނަށް ލަނޑު ލިބިފައި ވެސް އެބަހުއްޓެވެ.

މަނީ ލޯންޑްރިން ނުވަތަ ފައިސާގެ ވަގު ވިޔަފާރިއަކީ އަކީ ނަހަމަ ގޮތުގައި ހޯދާ ފައިސާ ބޭނުންކުރުމެވެ. ނުވަތަ ސައްހަ ނޫން ފައިސާ ނުވަތަ ވަގަށް ހޯދާފައިވާ ފައިސާ އަސްލު ފައިސާ އަށް ބަދަލުކުރުމަށް ހިންގާ އެކިއެކި ޖަރީމާތަކެވެ. ފައިސާ އިން ކުރާ ބޮޑެތި ވަގު ވިޔަފާރިތައް ނުވަތަ ފައިސާ ބޭނުންކޮށްގެން ހިންގާ ބޮޑެތި ޖަރީމާތަކަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހިންގަމުންދާ ކަންތައްތަކެކެވެ.

މިހާތަނަށް ކޮށްފައިވާ ތަފާތު ދިރާސާތަކުން ދައްކާ ގޮތުން އެފަދަ މަނީ ލޯޑްރިންގެ ޖަރީމާތައް ބޮޑަށް ހިންގަނީ ހަމަނުޖެހުން ބޮޑެތި ގައުމުތަކުގަ އާއި ސިޔާސީ ހަމަނުޖެހުން ބޮޑެތި ގައުމުތަކުގަ އެވެ. އަދި މި ސަރަހައްދުގައި އެފަދަ ޖަރީމާތައް ހިންގުމަށް ވަރަށް ބޮޑަށް ދަނީ މަސައްކަތްކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި އެފަދަ ވަރަށް ބޮޑެތި ޖަރީމާތަކެއް މި ސަރަހައްދުގައި ހިންގާފައި އެބަހުއްޓެވެ.

"ރާއްޖެ އަށް ފައިސާ ވަދެ ބޭރުވާގޮތް ރެގިއުލޭޓް ކުރެވެން އެބަޖެހޭ. ކޮންގައުމެއްތޯ ދުނިޔޭގައި ރާއްޖެ ނޫނީ ބްރީފްކޭހަކަށް އެތައް ހާސް ރުފިޔާ އަޅައިގެން ދާގޮތަށް ބެންކް ކައުންޓަރުމަތީ ބަހައްޓާފައި އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްދޭށޭ ބުނީމަ ޖަމާކޮއްދެނީ. އެ ފައިސާ ހޯދިގޮތެއް ވެސް އޮންނަން ޖެހޭނެ ދެއްތޯ،" ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ފާތިހު އަލީ ވިދާޅުވި އެވެ.

ފައިސާގެ ވަގު ވިޔަފާރި އަކީ ވަރަށް ފުޅާކޮށް އެތައް ގޮތަކަށް ކުރާ ކަމަކަށްވާ އިރު، ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުން ރާއްޖޭގައި ވެސް ތަފާތު އެކިއެކި ގޮތްގޮތަށް އެ ޖަރީމާ ދަނީ ހިންގަމުންނެވެ. ރާއްޖޭގައި ހިންގާ ކަމަށް ބެލެވޭ އެފަދަ ޖަރީމާތަކުގެ ތެރޭގައި ރާއްޖެ އިން ބޭރުގެ މީހުން، އެމީހުން ވަގަށް ހޯދާފައިވާ ފައިސާ ރަނގަޅު ފައިސާކަމުގައި ދެއްކުމަށްޓަކައި ރާއްޖެ އަށް އިންވެސްޓް ކުރުން ނުވަތަ ޓެކުހަށް އޮޅުވާލުމަށް ރާއްޖެ ފޮނުވުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެފަދަ ބައެއް މީހުން ދަނީ ދިވެހިންނަށް ވަކި ޕަސެންޓެއް ދޭނެ ކަމަށް ބުނެ ރާއްޖޭގެ އެކައުންޓަކަށް ފައިސާ ޖަމާކޮށް އެ އެކައުންޓް މެދުވެރިކޮށް ބޭރުގެ އެހެން އެކައުންޓަތަކަށް ފައިސާ ފޮނުވަމުންނެވެ.
މި ފަދަ ފައިސާގެ ވަގު ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ ފައިސާތައް އެތައް ގައުމެއްގެ ބެންކް ތަކަށް ޓްރާންސެކްޝަން ހަދަ އެވެ. އެގޮތަށް ހެދުމުގެ ބޭނުމަކީ އެޖަރީމާ ހިންގާ ފަރާތް އޮޅުވާލުމެވެ.

ފައިސާގެ ވަގު ވިޔަފާރީގެ ގޮތުގައި ހިންގާ އެހެން ޖަރީމާއެއް ކަމަށް އެނގިފައި ވަނީ މުއްސަންޖެއްގެ އެކައުންޓްގައި ހުންނަ ފައިސާ ވަގު ޗެކެއް މެދުވެރިކޮށް އެހެން ގައުމުތަކުގެ އެކައުންޓްތަކަށް ފޮނުވުމެވެ. އެފަދަ ވަގު ޓްރާންސެކްޝަންތައް ރާއްޖެ މެދުވެރިކޮށް ވެސް ހިންގުމަށް މަސައްކަތް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އިންވެސްޓްކުރުން ފަދަ ފައިސާގެ ވަގު ވިޔަފާރި ރާއްޖޭގައި ހިންގަމުންދާ އަދި ހިންގާފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އަދި ސަރުކާރުގެ އާމްދަނީގެ ތެރެއިން ނާޖާއިޒު ގޮތުގައި ހޯދާ ފައިސާ އެ ކަމަށް ބޭނުންކުރުން ފަދަ ތުހުމަތުތައް ވެސް ހިމެނެ އެވެ.

އެފަދަ ބައެއް ޓްރާންސެކްޝަންތައް ފަޅާއެރުމުން އެ ފައިސާތައް ޖަމާކޮށްފައިވާ އެކައުންޓްގެ ވެރިމީހާ ހޯދުމަށް ބެންކްތަކުން މަސައްކަތް ކުރެ އެވެ. އަދި ފައިސާ ދޭނެ ކަމަށް ބުނާ ފަރާތްތަކުން އޮޅުވާލައިގެން ގިނަ ފަރާތްތަކެއް އަތުން ފައިސާ އަތުލުން ފަދަ ކަންތައްތައް ހިންގަ އެވެ. އަދި އެފަދަ މީހުންގެ މަކަރުގައި ބައެއް ދިވެހިން ޖެހިފައިވާކަން ވަނީ އެނގިފަ އެވެ. ގިނަ އަދަދެއްގެ ފައިސާ ދޭނެ ކަމަށް ބުނުމުން ބައެއް ބޭރުގެ ފަރާތްތަކަށް ފައިސާ ފޮނުވުމާއި އެ ފައިސާތައް ބަލައި ރާއްޖެ އިން ބޭރަށް ދިއުމުން ލަނޑު ލިބުން ފަދަ ކަންތައްތައް ވެސް ހިމެނެ އެވެ. އަދި އަގު ހެޔޮކޮށް މުދާ ފޮނުވައިދޭނެ ކަމަށް ބުނެ ދިވެހިންގެ އަތުން ބޮޑެތި އަދަދުތަކަކުން ފައިސާ ނެގުމަށް ފަހު މުދާ ނުފޮނުވުންފަދަ ކަންތައްތައް ވެސް ހިމެނެ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ފައިސާގެ ދަހިވެތިކަމުގައި އެފަދަ ކަންތައްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި ލަނޑުތަކެއް ލިބިފައިވެ އެވެ. އަދި އެފަދަ ކަންތައްތަކުން ސަލާމަތްވުމަށް ތިމާއަށް ފައިސާ ފޮނުވަނީ ކޮންކަހަލަ މީހެއްކަން ރަނގަޅަށް ބަލަން ޖެހެ އެވެ. އަދި ނުދަންނަ މީހަކު ގިނަ އަދަދެއްގެ ފައިސާތަކެއް އެއް ފަހަރާ ދޭ ނަމަ އެއީ ޖަރީމާއެއް ހިންގުމަށް ދޭ އެއްޗެއް ކަމަށް ސަމާލުވުމަށް އެދެ އެވެ.

މަނީ ލޯންޑްރިންއަށް ބަލާއިރު ރާއްޖެ އަށް އެފަދަ މީހުންގެ ބޮޑެތި ސަމާލުކަމެއް ދޭކަމުގެ ހެކިތައް އެބަހުއްޓެވެ. އެގޮތުން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އަރުމޭނިޔާގެ ދެބެން ކަމަށްވާ އަރުތޫރު ބްރަދާސް އިން ރާއްޖޭގައި އިންވެސްޓުކުރަން މަސައްކަތްކުރުމާއި ދާދި ފަހުގެ ތާރީހެއްގައި ރާއްޖޭގެ މަސް ކުންފުންޏެއްގެ ކޭޝިއަރުގެ ވަތްގަނޑުގައި ހުރި ސައްހަ 500ރ.ގެ ނޫޓޫތަކެއް ނެގުމަށް ފަހު ވަގު ނޫޓުތަކެއް އަޅައިގެން ދައުރު ކުރަން އުޅެފައިވެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނީ މިހާތަނަށް އެ ބޭންކުގެ ދިރާސާތަކުން މަނީ ލޯންޑްރިންގެ މައްސަލަ ދިމާ ނުވާ ކަމަށެވެ. ނަމަވެސް ޝައްކުކުރެވޭ ފައިސާގެ މުއާމަލާތްތައް އަބަދުވެސް އަދި މިހާރު ވަރަށް ރަނގަޅަށް މޮނީޓާކޮށް ބަލަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މަނީލޯންޑްރިންއާ ބެހޭ ގާނޫނެއް ހެދުމަށް މިހާރު މަޖިލީހަށް ހުށައަޅައިގެން އެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކުން ބުންޏެވެ. ކަސްޓަމްސް އާއި އެމްއެމްއޭގެ އިތުރުން ފުލުހުންނާއި ސިފައިން ދަނީ އެފަދަ ކަންތައްތައް ރާއްޖޭގައި ހިންގައޮތޯ ބަލައި ޗެކްކުކޮށް އޭރެއްގައި އޮންނަ ޕޮލިސީލެވަލް އިން އަންގަން ޖެހޭ ފަރާތްތަކަށް އަންގަ އެވެ.

މަނީ ލޯންޑްރިން ރާއްޖޭގައި އާންމުވަމުންދާ އިރު އެއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ނުރައްކާ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އަދި އެއީ ވަރަށް ސީރިއަސް މަައްސަލަ އެކެވެ. މިއީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ގެއްލުމާއި ރާއްޖޭގައި ނަހަމަ ގޮތުގައި ހޯދާ ފައިސާ ގިނަވެ ބޮޑެތި ޖަރީމާތަކަށް މަގު ފަހިވެގެންދާނެ ކަމެކެވެ.