ފިހިތައް ހިފައިގެން ގޮސް ތޮށިގަނޑުތަކުގައި ކުލަލިސް ޒުވާނުންގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، މާލޭގެ އާންމުތަންތަނުގައި ސިޔާސީ ޕާޓީތަކުގެ ކުލަލަމުންދާ ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ޒުވާނުންގެ ސިޔާސަތުތައް މިރޭ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި އިއުލާނު ކުރެއްވުމަށް ފަހު ސްޓެލްކޯ ކުރިމަތީގައި ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކާ ބައްދަކުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ތައުލީމީ އަދި ވިސްނޭ ބައެއް ކަމަށާއި މި ފަހަރުގެ އިންތިހާބުގައި ޒުވާނުން ވޯޓުދޭނީ އިހްލާސްތެރި ބަޔަކަށްކަން އެ މަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. އަދި ތަންތަނުގައި ލާ ކުލައަކުން ޒުވާނުންގެ ވިސްނުން ބަދަލުވެގެން ނުދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާލޭގެ އާންމު ތަންތަނުގައި ކުލަ ލަމުންދާ ޕާޓީތަކަށް ބަހުގެ ހަމަލާ ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އެގޮތަށް ކުލަމުންދާ މީހުންނަކީ އިންސާނުންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ކޯލިޝަނުގެ ކުލަތައް ފާރުތަކުން ނުފެންނާތީ ކޯލިޝަނަށް ތާއީދު ކުރާ ބައެއްް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށާއި ނަމަވެސް އެގޮތަށް އެކަން ނުކުރައް ވަނީ ސިޔާސީ ލީޑަރުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަވަން ތިއްބަވަން ޖެހޭ ބައެއް ކަމަށެވެ. އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ކުރެއްވުމުން އެ ކުރެވޭ ކަމަކާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި އެފަދަ ކަމެއް އެ މަނިކުފާނު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޒުވާނުންނަކީ އަމިއްލަ ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށާއި އެއީ މީހަކު ބުނާހާ ގޮތެއް ހަދަން ތިބި ބައެއް ނޫން ކަމަށް ތަކުކުރާރުކޮށް ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ޒުވާނުންގެ ތާއީދު އޮތީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ކޯލިޝަނަށް ކަން ޔަގީކަން އެބަ އޮތް ކަމަށާއި އެކަން މި ފަހަރުގެ ރިޔާސީ އިންތިހާބުން ފެނިގެންދާނެ ކަމަށެވެ.

ރައީސް ވަހީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު މާލޭގެ އާންމު ތަންތަނުގައި ޕީޕީއެމް އާއި އެމްޑީޕީގެ ކުލަ ވަނީ ލައިފަ އެވެ.