29 Jun 2013, 23:25
ރޭގަނޑުގެ ކަޅު ފޭރާން މެދުން ކަފާލައިފައި ނިކުމެ ހުރި ހަނދު ދުނިޔެއަށް އަލި ފަތުރަމުން ދިޔައެވެ. އޮއިނެތް ކަނޑުގެ ތަރަފާލު ފަދަ އޮމާން ސަތަހައިގެ މައްޗަށް އެއަލި އެޅިފައިވާއިރު ރިހިފަތްގަނޑެއްހެން ވިދައެވެ. އިޔަން، ސަފާރީގެ ސަންޑެކްގައި ބަހައްޓާފައި ހުރި ބީޗް ޗެއަރ އެއްގައި ހަށިގަނޑު ދަމާލައިގެން އޮވެ ޓެބްލެޓްގެ ސްކްރީނަށް ބަލަމުން އޭގެ ފިތްތަކާއި ކުޅެމުން ދިޔައެވެ. ކަންފަތަށް ޖަހާފައިވާ ހެޑްސެޓުން ޓްރެވިސްގެ "އަންޑަރ ދި މޫންލައިޓް" ގެ އަޑު ބޭރަށްވެސް އިވި އިވި ހުއްޓެވެ. އިޔަން ކަކުލާއި ހަމައަށް އަންނަ ހުދު ކުލައިގެ ސޯޓެއްގައި އެރީތި ހަށިގަނޑު ހާމަކޮށްލައިގެން އޮންނައިރު ފަޒާގައި ދަތުރު ކޮށްފައި އަންނަ ލުއި ވައިރޯޅިތައްވެސް އެހަށިގަނޑުގައި ބީހިލާފައި ދަނީ ޝަރަފެއް ކަމުގައި ދެކިގެންނެވެ. ޒަމާނީ ފެޝަނާއި ގުޅޭގޮތުން ބަނޑުގެ މަސްތައް ހަބަރިއަށް އަތުރާލާފައި އަދި މޭމަތިވެސް އެހާ ތަނަވަސްވެފައި ހަށިގަނޑު ބިޔަކަމުން އިޔަން ބޮޑަށް ވައްތަރުވަނީ ވެސް ބޭރު މީހަކާއެވެ.
ނިދިއަންނަ ކަހަލަ ގޮތެއް ވެގެން އިޔަން އަތުކުރީ އޮތް ގަޑި ބަލައިލައިފި އެވެ. ޓެބްލެޓް ހިފައިގެން ތެދުވެފައި ތިރިއަށް ފައިބަން ހުންނަ މަދު ހަރުފަތްތައް ގިރާކޮށްލާފައި ދަނިކޮށް ޓެބްލެޓް އަތުން ދޫވީ ކިހިނެއް ކަމެއް ނޭނގުނެވެ. ތިރިއަށް ދިޔަ ޓެބްލެޓާއި އެއްވަރަށް އިޔަން އަށް ވެސް އަވަސް އަވަހަށް ހަރުފަތްތައް ގިރާކޮށްފައި ތިރިއަށް ދެވުނެވެ. އެކަމަކު ޓެބްލެޓް ތިރިއަށް ގޮސް ސަފާރީގެ އަރިމަތީގައި ހުރަހަށް ޖަހާފައިވާ ދަގަނޑުގައި ޖެހިފައި ލޮނުގަނޑާއި ދިމާއަށް ދިޔައެވެ. އިޔަން އަވަހަށް ޓެބްލެޓް ސަލާމަތް ކުރަން އުޅެގެން ހުރަސް ދަގަނޑުގައި ރަނގަޅަށް ނުހިފޭއްޓިގެން އުޅެނިކޮށް އެބިޔަ ހަށިގަނޑު މާބޮޑަށް ކަނޑާއި ދިމާއަށް އަރިކޮށްލެވުމުން ބެލެންސް ކަޓައިގެން ޓެބްލެޓާ އެކު ގޮސް ލޮނުގަނޑުތެރެއަށް ވަދެގެން ދިޔައެވެ. ފެތުމުގެ ރޭހުގައި ނަން ހޮވާލެވޭ ޒުވާނަކަށް ވެ ހުރެވެސް އެފިނިފެނުގައި އިޔަންއަށް ހަރަކާތެއް ކޮށްނުލެވުނީ ދެފައި އަކުނިވަޔަށް ދަމައިގަތުމުގެ ސަބަބުންނެވެ. މީހާ ހަތްބޮކި ޖަހާފައި އަޑިއަށް ދިޔައިރު ނޭފަތަށާއި އަނގައަށް ވަންނަމުން ދިޔަ ލޮނުތަކުގެ ސަބަބުން ނޭވާ ނުލެވިގެން ތެޅުނެވެ. އިރުކޮޅަކުން އިޔަންގެ ހެއަށް ގޮތްވާން ފެށުމުން މޫނުމައްޗަށް އަނދިރިވެ މަންޒަރު ފުސްވަމުން ދިޔައިރު ދުރުން ފީނާލާފައި ހުދު ހެދުމެއްގައި ހުރި އަންހެން ކުއްޖަކު ކައިރިވަމުން އައިތަން ފެނުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
ލޯ ހުޅުވާލެވުނު އިރު މުޅިމީހާ ދަލުން ފެންވެރިއްޖެއެވެ. އަނެއްކާވެސް ހަމަ އެހުވަފެނެވެ. އިޔަން ކޯމާއިން އެނބުރި އައިފަހުން ދުވާލަކު އެތައް ގޮތަކަށް އެ ހުވަފެން ފެނެއެވެ. އަބަދުވެސް އޭނާއަށް ހުރެވެނީ ކަނޑުމަތީ އޮންނަ އުޅަނދެއްގައެވެ. އަދި ކޮންމެވެސް ގޮތަކުން އަތުގައި އޮތް މުހިންމު އެއްޗެއް ކަނޑަށް ވެއްޓިގެން ސަލާމަތް ކުރަން އުޅެނިކޮށް ނޭވާ ހުސްވެ ގެނބެނީއެވެ. އެހިސާބުން ކޮންމެ ފަހަރަކުވެސް ހޭލެވެއެވެ. އިޔަން ނިއްކުރިން ދާތިކިތައް ފުހެލައިފައި ޓެންޓްގެ ޒިބު ތިރިކޮށްލިއިރު ދުރުން އަލިފާނުގެ އޮރެންޖް އަލި ފެނެއެވެ.
ދަށުގައި ގަދަޔަށް އަލިފާން އަންދާފައި ގްރިލްމަތީ އަތުރާފައިވާ ކުކުޅުފައިތަކާއި ސޮސެޖް ފިހެވޭވަހުން މުޅި ހިސާބުގަނޑު ހިސޯރުކޮށްފައި ވެއެވެ. ދެޖިންސްގެ ޒުވާން ކުދިންތައް އަލިފާންގަނޑު ވަށާލައިގެން ތިބެ އެކަކު އަނެކަކަށް މަޖާ ވާހަކަދައްކަމުން އިރުއިރުކޮޅާ ހީ ގަނެއެވެ. އަލިފާންގަނޑާއި އެންމެ ކައިރީގައި މިއާ އިނީ ދެއަރިއަށް ހުރި ކުރެދި އޮފިގަނޑެއްގެ އެއްކޮޅަށް މާޝްމެލޯއެއް ހަރާލައިގެން އަލިފާންގަނޑަށް ދިއްކޮށްލައިގެންނެވެ. މިއާ ކުނާމަތީގައި ދެފައި ވަށްކޮށްލައިގެން އިންއިރު ލައިގެން ހުރި ކުރު ސޯޓްކޮޅާއި ހޫޑީއެކު ދޮންދޮން ދެއަތާއި ފައިގެ ބޮޑުބައެއް ހާމަވެފައި ވެއެވެ. ބޮލުގައި ހުޑް އަޅުވާލައިގެން އިނުމުން ހުޑްތެރެއިން ދެފަރާތު ކޮނޑުމައްޗަށް ނިކުމެފައި އޮތް ފަން އިސްތަށިތަކަށް އަލިފާންގަނޑުގެ އޮރެންޖް ކުލަ އަރައިފައިވާތީ ނިކަން ރީއްޗެވެ. މޫނު ދިގުކޮށް ހުއްޓަސް އެމޫނާއި އެންމެ ގުޅޭކަހަލަ މެދުމިނުގެ ދިގު ނޭފަތަކާއި ކުޑަ ރަތް ތުންފަތެއް ހުންނާތީ އައިބެއް ނުދައްކައެވެ. ހީލާއިރު ކުފިދަތެއް ފެންނަން ހުރެފައި ދެކޮޅަށް އަޑިވާތީ އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
މާޝްމެލޯ ހޫނުވެލުމުން އޮފިގަނޑުން ނައްޓާލައިފައި އިނގިލީގައި ޖަހައިގެން ކަމުން މިއާ ތެދުވިތަނާ ޖީބުގައި އޮތް މޯބައިލް ރިންގްވާން ފެށިއެވެ. މިއާ އަނެއް އަތުން މޯބައިލް ނަގާފައި ސްކްރީނުގައިވާ ނަން ފެނިގެން ކަންފަތުގައި ޖަހައިލީ ހީގެންފައެވެ. "މިހާ އަވަހަށް މިސްވީ ދޯ. ކޮބާ މަ ބުނީމެއްނު އޭރުވެސް އަހަރުންނާއި ޖޮއިން ވާށޭ. ދެން އިނދޭ ގޭގަ ވައިވެފަ." މިއާ ހެމުން ވާހަކަދައްކާފައި ގޮސް ހުއްޓުނީ ރާޅު ބީހިލާ ތެތް ފަސްގަނޑުގައެވެ. ހަނދުވަރު ދީފައި އޮތުމުން ރިހި ކުލައަރާ ލޮނުގަނޑުގައި އުފެދިގެން އައިސް ބީހިލާ ކުދި ރާޅުތައް ފައިގައި ބޮސްދޭއިރު ހިތަށް ލިބެނީ އަދި މުޅިން އެހެންކަހަލަ އަރާމެކެވެ. މާލެ ދޫކޮށްފައި ރާއްޖެތެރޭގެ ރަށަކަށް އައިސް އުޅޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް މިއާ އެތަކެއް އެކުވެރިން ހޯދައިފިއެވެ. މިއާގެ މިޒާޖުގައި މީހުންނާއި ގުޅޭގޮތް ހުރެފައި އެހާ ހިތް ހެޔޮ ވީމައި އެންމެން ގަޔާވެއެވެ. ދައްކާ ވާހަކަތަކުގައި ފޮނިކަމެއް ހުރެފައި ސިފަވެސް ރީތިކަމުން އަންހެން ކުދިންނަށް ދާންދެން ހިތާއި ހިތުން އެސިފައަށް އަބަދުހެން ތައުރީފުކުރެ އެވެ.
މިއާ ފޯން ނިންމައިލާފައި ގޮސް ޓެންޓްތެރެއަށް ބޯ ދިއްކޮށްލިއިރު އިޔަން އޮށޯވެ އޮވެފައި ލޯ ހުޅުވައިލިއެވެ. "ހޭލީތަ؟ ދެން ހިނގާ ބޭރަށް. މިހާރު ކުކުޅުފައިތައް ވެސް ރޯފިލައިފާނެ." މިއާގެ އަޑުގައި ވަނީ ގާތްކަމެވެ. އިޔަން އެއްޗެއް ނުބުނެ ބަލަހައްޓައިގެން އޮތުމުން އެވަގުތުކޮޅު ވެސް މިއާ ލަދުގަންނަ ގޮތްވިއެވެ. އެދެލޯ ކަޅުކުލަ ގަދަވެފައި ކޮންމެ ބަލައިލުމެއް ހަންޖަރެއްހައި ތޫނެވެ.
އިޔަން އެއްޗެއް ނުބުނެ ތެދުވެ އިށީންދެފައި ބޭރަށް ނިކުންނަން އުޅެން ފެށުމުން މިއާ ކުރީގައި ނިކުމެފައި ތަންދެއްކިއެވެ. ދެޒުވާނުން ޓެންޓާއި ދުރުގައި ޖަހާފައިވާ އަލިފާންގަނޑާއި ދިމާއަށް ހިނގަމުން ދިޔައިރު ދުރުގައި ތިބި ކޮންމެ މީހަކުވެސް ހިތާއި ހިތުން އެރީތި ޖޯޑަށް ތައުރީފް ކޮށްލިއެވެ. މިއާ އިސްކޮޅުން ކުރުވެފައި ކިރިޔާ އިޔަންގެ ކޮނޑާއި ހަމައަށް ބޯ އަރާކަމެވެ. އެކަމަކު ސިފައިގެ ގޮތުން ބަލާއިރު އެކަކު އަނެކަކަށްޓަކައި އުފައްދަވާފައިވާ ދެޒުވާނުން ފަދައެވެ.
"އިޔާ ތީ ކޮންކަހަލަ މީހެއް. ބާބެކިއު ހަދަން ފަޅު ރަށްރަށަށް އައިސް މީހުން ނިދަން އޮވޭތަ؟" އިޔަންމެން ދެޒުވާނުން ގޮސް އިށިންފަހުން ޒިޔާން ދިމާކޮށްލިއެވެ. "އެހެންނުވާނީ ރޭގަނޑު ނުނިދާ އުޅެންޏާ." އެންމެ ލާނެތް ރީހާން އަވަހަށް ބައިވެރިވެއްޖެއެވެ. "ނުނިދާ ކީއްތަ ކުރަނީ؟" ޝިފާނާ ރީހާންއަކަށް ދުލެއް ނުކުރިއެވެ. "ބޮޑަށް އިނގޭނީ މިއާއަށް. އޭނައެއްނު އިޔަން ކުރާހާ ކަމެއްގައި ބައިވެރިވާން ހުރި ކުއްޖަކީ." ރީހާން ޝިފާނާގެ ވާހަކަ އާއި ގުޅުވައިގެން ބުނެލިއެވެ. ދެން ހީވީ މުޅިއެތަނުގައި އަލިފާން ރޯވި ހެންނެވެ. އެންމެން އެއްއަޑުން ބާރަށް ހީގަތް އިރު މިއާ އިނީ ލަދުން މޯޅިވެފައެވެ. އެރީތި މޫނު ލޭކޮޅެއްހެން ރަތްވިއެވެ. އިޔަން އެޒުވާނުންގެ ހުނުމުގައި ބައިވެރިވެލާފައި މޫނު އަނބުރާ ލެވުނު ގޮތަކުން މިއާގެ ރަތްވެފައިވާ މޫނު ފެނިގެން ބަލަހައްޓައިގެން އިނދެވުނެވެ. އެސިފައިގައި މިއާ ކުރިއަށްވުރެ ވެސް ހާސްބައި ރީތިކަން އިތުރުވެފައި ވެއެވެ. އިޔަންއަށް ވެސް އެކަން ފާހަގަ ކުރެވިއްޖެއެވެ.
އިޔަންއަށް ގެއްލުނީ ކޯމާގައި ހޭދަކުރި ދުވަސްތައް އެކަންޏެއް ނޫނެވެ. ހަމައެއާ އެކު އިޔަންގެ ހަޔާތުން ދިހަ އަހަރު ހަނދާނުން ފިލައިގެން ދިޔައެވެ. ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާ އަކީ އިޔަން ފަސް އަހަރު ވާންދެން ލޯބިވެގެން އުޅެ ކައިވެނި ކުރި އަންހެން ކުއްޖާ ކަމުގައި ބުނެލި ވަގުތު އިޔަން އަޖައިބުވިއެވެ. މިއާ ދެއްކި ފޮޓޯތަކާއި ކައިވެނީގެ ސެޓްފިކެޓް ހެއްކަކަށް ފުދުނު ކަމުގައިވިއަސް އިޔަންގެ ހިތުގައި މިއާއަށްޓަކައި އިހްސާސްތަކެއް އުފެއްދުން ވީ ދަތި ކަމަކަށެވެ. ފާއިތުވި އެދުވަސްތައް ހަނދާން އާކުރުމަށްޓަކައި އިޔަން ސިކުނޑިއަށް ބާރުލައި އިތުރު ގެއްލުންތަކެއް ވެދާނެ ކަމުގެ ރަތް ސިގްނަލް ދޭން ފެށީ ބިރުގަންނަ މިންވަރަށެވެ. ޑޮކްޓަރގެ ލަފާގެ މަތިން އިޔަންގެ ސިކުނޑިއަށް އަރާމު ހޯދައިދިނުމަށްޓަކައި މިއާ ރާއްޖެތެރެ ހިޔާރު ކުރީ ސަބަބުތަކެއް ހުރެގެންނެވެ. ނުވެސް ދަންނަ މީހުންތަކެއްގެ ތެރޭގައި އިޔަން އަށް މާޒީ ހަނދާން ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. ސިކުނޑިއަށް ބާރު ކުޑަވެ މަޑުމަޑުން ލަސްލަހުން އެދުވަސްތައް ހަނދާނަށް އަންނަން ފުރުސަތު ލިބޭނެއެވެ. އަދި އެހާ ހިތްފަސޭހަ ތަނެއްގައި ދުވަސްތައް ކިހާ އަރާމުކޮށް ވޭތުކޮށްލެވޭނެ ހެއްޔެވެ؟ ޤުދުރަތް ވެސް އޯގާތެރިވެފައިވާ އެރީތި މާހައުލުގައި ދެޒުވާނުން އުޅެން ފެށުމުން އިޔަންގެ ހިތުގައި މިއާއަށްޓަކައި ދެވަނަ ފަހަރަށް ވެސް ލޯބި އުފެދިދާނެ ކަމަށް މިއާ އުންމީދު ކުރެއެވެ. އެރަށުގައި އެމީހުން ތިބޭ ގެއަކީ އަދި ތައުރީފްކޮށް ކޮޅުން ނުލާ ވަރުގެ އިމާރާތެކެވެ.
ރަށުގެ އިރުމަތި ފަރާތު އަތިރިމަތީގައި އިމާރާތްކޮށްފައި ހުރި "ބީޗް ހައުސް" ކިޔާ ގެއާއި މޫދާއި ދެމެދުގައި އޮންނަނީ ދިހަވަރަކަށް ފޫޓަށް ދެމިފައިވާ ދޮން ވެލިގަނޑެވެ. ގިނަ އަދަދަކަށް ވަކަރު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މިގެއަކީ ކުޑަވަރެއްގެ ގަނޑުވަރެއް ފަދައެވެ. އެންމެ ފުރަތަމަ ވަންނަން ސިޑިކޮޅެއްލާފައި ވެލިގަނޑަށްވުރެ ފަސް ފޫޓް އުހުގައި ގޭގެ ކުޑަ ޕޯޓިކޯ ހުންނަނީ ވަށައިގެން ވަރުނީސް ކުލައިގެ ހުރަސް ވަކަރު ޖަހައި ބެލްކަނި ފާޑަށެވެ. ބެލްކަނި ކޮޅުގައި އެތައްބައިވަރު ޕޮޓްތަކެއްގައި ހައްދާފައި ހުންނަ ގަސްތަކުގައި ކުލަ ކުލައިގެ މާތައް އަޅައި ބަރާވެފައި އޮންނައިރު ބަހާރު މޫސުމް އައިސްފައި އޮންނަ ކަހަލައެވެ. ވަންނަ ދޮރާއި ޖެހޭންދެން ޕޯޓިކޯގެ ތަޅުމުގައި އެތައް ބައިވަރު ވަކަރު ފަތިތައް ޖެހިޖެހިގެން އެތުރިފައި ހުންނާތީ ފާލަމެއްގައި ހިނގާލެވޭ ފަދައެވެ. އެކަމަކު އެއީ ދާއިމީކޮށް މީހުން އުޅޭ ގެއެއް ނޫނެވެ. ބީޗް ހައުސްއަކީ ރަށުގެ މުއްސަދިންގެ ތެރޭގައި ހިމެނޭ މީހަކަށް ނިސްބަތްވާ ގެއަކަށްވިއަސް އެތާގައި ގިނައިން ދިރިއުޅެނީ ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ ބީރައްޓެހިންނެވެ. މިއާ އިޔަން ގޮވައިގެން އައިސް ބީޗް ހައުސް ގައި އުޅެންފެށިތާ އަދި މިވީ އެންމެ ހަފްތާއެއްހާ ދުވަހެވެ.
"އޭދެން އެމީހުންނާއި ދިމާކުރިއަސް ބަނޑެއް ނުފުރޭނެ. ހިނގާބަލަ ފަށަން." ޒިޔާން ތެދުވެފައި ބަނޑުގައި އަތް ހާކައިލިއެވެ. އެވަގުތު ޝިފާނާ އާއި ރީހާންވެގެން ކުކުޅުފައި ތަކާއި ސޮސެޖްތައް ގްރިލްމަތިން ނަގައި ތަށްޓަކަށް އެޅިއެވެ. މިއާ އެތާ ހުރި ކޯކްފުޅި ނަގާފައި ޑިސްޕޯސިބަލް ހަތަރު ތައްޓަށް އަޅައިފައި ކުނާމަތީ އަތުރައިލުމާއެކު އެންމެން ވަށްކޮށި ހަދާލައިގެން ކާން ފަށައިފިއެވެ. މިއާ ޑިސްޕޯސިބަލް ވަތުތައްޓެއް ނަގާފައި އިޔަންއަށް ކެވޭނެހެން ދެ ކުކުޅުފަޔާއި ސޮސެޖް ލައިފައި ދިއްކޮށްލިއެވެ. ޝިފާނާ އާއި ރީހާން ތެދުވެގެން ހިނގައިގަތީ ގޮނޑުދޮށާއި ދިމާއަށެވެ. ޒިޔާން އެވަގުތުވެސް މަސްދަތުރެއްގެ ވާހަކަ ފަށައިގެން މިއާ އިނީ ރުޅިގަދަވެފައެވެ. މިވެރިންނާއި ހެދި އޭނާ އިޔަން އާއިއެކު ހޭދަކޮށްލަން ލިބޭ ވަގުތުކޮޅު ވެސް އެބަ ބޭކާރުކޮށްލައެވެ.
ކައި ނިންމާފައި އެންމެން މޫދަށް އެރުނެވެ. ރިހި ކުލައިން ޖަރީވެފައިވާ ބިއްލޫރިހާ ސާފު ފެންގަނޑުގައި މިއާ ހީވަނީ ޕަރީއެއް ހެންނެވެ. ތެމިފައިވުމުން ތުންފަތްވެސް ކުރިއަށްވުރެ ރަތްކަން ގަދައެވެ. އެވަރުންވެސް އިޔަންގެ ސަމާލުކަން މިއާއަށް ހުއްޓޭގޮތެއް ނުވިއެވެ. ރީހާންއަށް މިއާ ފެނިގެން މިއާ ހީވަނީ ޕަރީއެއް ހެންނޭ ބުނިފަހުންވެސް އިޔަން ބަލައިނުލައި ފަތައިގަތީ ބޭރަށެވެ. މިއާގެ ހިތަށް އަސަރު ކުރިވަރުން ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އެވަގުތުވެސް ތެމިފައިވާ އިސްތަށިގަނޑުން މޫނަށް ފައިބަމުން ދިޔަ ލޮނުތިކިތައް ނުވިނަމަ މިއާގެ ކަރުނަތައް ސިއްރު ނުވީހެވެ. ރީހާން ޝިފާނާ އަތުގައި ހިފައިލައިގެން އެހާ ލޯބިން އުޅޭއިރު އެއީ އަދި ދެމަފިރިންނެއް ވެސް ނޫނެވެ. އިޔަން މިއާގެ ފިރިމީހާގެ މަގާމުގައި ހުރެ އެގޮތަށް އެކަނިކޮށްލައިފައި ޒިޔާން އާއި ދެޒުވާނުން ދުރުގައި ސަކަރާތް ގަންނަތަން ފެނުމުން ރަނގަޅަށްވެސް ހިތް މޮޅިވިއެވެ. އެކަމަކު މިއާ އެކަމެއް ނުދައްކައެވެ. ގަދަކަމުން ހީ ހީފައި ޝިފާނާމެންނަށް ގޮތް ދެއްކިއެވެ.
މިއާ އެންމެ ކުރިން އެއްގަމަށް އަރާފައިވެސް މޫނަށް ފެން ނާޅައި ވެލިގަނޑުމަތީ އިށީންދެލިއެވެ. ލުއިވައިރޯޅިތައް މޫނުގައި ބީހެން ފެށުމުން އޭނާ ހީކަރުވާ ގޮތްވިއެވެ. މިއާ ހަށަން ބަނދެލައިގެން އިޔަންމެން ޖަހާ ސަކަރާތް ބަލަން އިންދައި އިރުކޮޅަކުން ފަހަރަކު މީހަކު އެއްގަމަށް އަރައިގެން ގޮސް ޓެންޓް ކައިރީ ހުރި ފެންހަންތަކުން ބޮލަށް ފެން އަޅައިގެން އަންނަން ފެށިއެވެ. މިއާވެސް މޫނު ހިރުވާކަހަލަ ގޮތެއްވެގެން ފެން އަޅަން ދިޔައިރު އިޔަން ނޫން އެންމެން އަތުވެއްޖެއެވެ. އިޔަން ކައިރީގައި ހުއްޓާވެސް މިއާއަށް ބުނަން ނުކެރިގެން ފެންހަންތަކުން ހަމެއް އުފުލައިލަން އުޅެ އެކަމެއް ނުވިއެވެ. މިއާ ހިކިހިކިކޮށް ހުރެފައި އެހާ ކުޑަވީމަ ފެންހަމެއްވެސް އުފުލައިނުލެވުނެވެ. އިޔަން ގާތަށް ހިނިއައިސްގެން އަނގަމަތީ އަތް އަޅައިލާފައި ދުރުބަލަން ފެށުމުން މިއާއަށް ފެނިގެން ލަދުން ހަލާކުވިއެވެ. މިއާ އިނގިލީގައި ދައިގަނެގެން ހުއްޓާ އިޔަން އެއްއަތުން ފެންހަން އުފުލައިލާފައި ބޮލަށް އަޅައިލިލެއް ފަސޭހަކަމުން އަޖައިބުވިއެވެ. އިޔަން ބާރުގަދަ ވާނެ ވަރު އެ ހަރަކާތުންވެސް ފާޅުވެގެން ދިޔައެވެ. ސާފުފެންތައް އިޔަންގެ ފަންއިސްތަށިގަނޑު ތެންމާލައިފައި އެމޫނާއި ތުންފަތުގައި ބޮސްދެމުން ތިރިއަށް ފިރުކިގެން ދިޔަ މަންޒަރު ފެނި މިއާގެ ޅަ ހިތުގައި އަނެއްކާވެސް ލޯބި އުތުރިގަތެވެ. ދުވާލަކު އެތައް ފަހަރަކު އެހިތުގައި އިޔަންއަށްޓަކައި ލޯބި އުތުރި އިތުރުވާ ފަދައިންނެވެ. މިއާ ބަލަހައްޓައިގެން ހުއްޓައި އިޔަން ފެން އަޅައި ނިމިގެން ކައިރިވެލާފައި މިއާގެ ބޮލަށް ފެންތައް އަޅައިލުމުން ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ސިހިގެން ދިޔައެވެ. އެދެމެދުގައި ފެނުގެ ދެ ފުށް އެނގޭ ތުނި ހުރަހެއް ލެވިގެންދިޔަ އެކުޑަ ވަގުތުކޮޅުވެސް މިއާގެ ލޯ އިޔަންގެ މޫނަކާއި ވަތްކެއްނުވިއެވެ. ކިތަންމެ ވަރަށް ބެލިއަސް މިއާގެ ހިތް ފުރޭނެ ކަމެއް ނޭނގެއެވެ.
އިރުކޮޅެއް ފަހުން ވެލިގަނޑުމަތީގައި އެންމެން ތިބީ ލޯންޗަށް ގުޅާފައި ބަލައި އަންނަންދެންނެވެ. ގިނައިރުތަކެއް ނުވެ އެވަގުތުވެސް އައެވެ. އެންމެން ސާމާނުތަކާއި އެކު ގޮސް ލޯންޗަށް އަރާފައި ފަނަރަ ވަރަކަށް މިނިޓްގެ ދަތުރަކަށްފަހު މިއާމެން ތިބޭ ރަށަށް ދެވުނެވެ. ފާލަމުން ފައިބައިގެން މިއާ ހިނގާލައިފައި ބީޗް ހައުސްއަށް ވަންނަން ދިޔައިރު އިޔަން ފަހަތުގައި ހުރެގެން އެވަގުތު ވެސް ޒިޔާންއާއި ދެމީހުން ކޮންމެވެސް ކަމެއް ރާވައެވެ. މިއާ ދަބަހުން ތަޅުދަނޑިފަތި ނަގާފައި ދޮރު ހުޅުވައިގެން ވަނެވެ. ލައިޓް ޖައްސާފައި މިއާ ދަބަހާއެކު ފުރަތަމަވެސް ގޮސް ވަނީ ކޮޓަރިއަށެވެ. ލޯންޗްގައި އައި މަގުމަތީ ތެތްހެދުން ހިކިފައި ހުރުމުން ނަސީބަކުން ކޮޓަރިތެރެ ނުތެމި ސަލާމަތްވިއެވެ. މިއާ މާގަނޑު ދަށުގައި ފެންވަރަން ހުރީ ދޮރުވެސް ނުލައްޕައެވެ. އިޔަންއަށް މާގަނޑުގެ އަޑު އިވެންޏާ އެތަނާއި ކައިރި ނުވާނެކަން އިނގޭތީ މިއާ އަޅައެއްނުލައެވެ.
ހިތްހަމަޖެހޭވަރު ވުމުން މިއާ މާގަނޑު ބަންދުކޮށްފައި އެނބުރިލިތަނާ ފާޑަކަށް އަނގަ ސަކަރާތްވިއެވެ. ތުވާއްޔެއް ކީއްކުރަން ބާތްރޯބެއް ވެސް ފެންނާކަށް ނެތެވެ. އިޔަން އަދި އެހާ ދުރުން އުޅޭއިރު އެހުރިގޮތަށް ކޮޓަރިއަށް ނިކުންނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ މިއާ ވިސްނައިލައިފައި ދެފަހަރެއްގެ މަތީން އިޔަންއަށް ގޮވައިލީ ތުވާއްޔެއް ނަމަވެސް ގެނެސްދޭށޭ ބުނަންވެގެންނެވެ. އެކަމަކު ހީވަނީ އިޔަން އެތާގައި ނެތީ ހެންނެވެ. ފަހަރުގައި އަދި ކޮޓަރިއަށް ނާންނަނީ ކަމަށް ވެދާނެއެވެ. މިއާ އަދިވެސް އިރުކޮޅެއް ވާންދެން ހިލަމެއްވޭތޯ ހުރެފައި ކުދި ފިޔަވަޅުތަކެއްގައި ދޮރުން ނިކުތެވެ. އިޔަން ހެޑްސެޓް އަޅައިގެން ލަވައެއް އަޑުއަހަން ސޯފާގައި އޮވެފައި ތެދުވީ އެވަގުތެވެ. ހަތަރުކަޅި ބައްދަލުވެފައި ދެމީހުނަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. މިއާގެ މޫނު ލޭކޮޅެއްހެން ރަތްވިއިރު އިޔަންއަށް އެހަށިގަނޑުގެ މަތިން ތިރިއަށް ބަލައިލެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ދެވަނަ ސިކުންތުގައި މިއާ މެއާއި ހިސާބުން ދެއަތް ހުރަސްކޮށްލައިފައި އަވަހަށް އެތެރެއަށް ދެމިގެންފިއެވެ. ލަދުން ގޮސް މިއާގެ ލޮލުން ކަރުނަވެސް ހިލުނެވެ. މުޅި ހަޔާތުގައިވެސް މިވަރަށް ލަދުގަތް ދުވަހެއް އައިކަމެއް ނޭނގެއެވެ. ދެމީހުން ލޯބިން އުޅެ ފޭރާން ކަޝްފު ކުރުމާއި އެފަދަ ގޮތަކަށް ދެވަނަ މީހެއްގެ ކުރިމައްޗަށް އައުމާއި އަދި މުޅިން ތަފާތެވެ. މިއާ ތުންފަތުގައި ދަތް އެޅިލެއް ބާރުކަމުން ލޭ ނުހިލޭކަމެއްވެސް ނޭނގެއެވެ. އިޔަން އެއްޗެއް ނުބުނެ ބުދެއްހެން ހުރެފައި އިރުކޮޅަކުން ގޮސް ދޮރުހުޅުވާފައި ކޮޓަރިން ނިކުތެވެ. އިޔަން ނިކުތީކަން ޔަގީންވީމަ ވެސް މިއާ ހުރީ ނިކުންނަން ނުކެރިފައެވެ. އެކަމަކު އެހެން ހުއްޓާ އިޔަން އަނެއްކާވެސް އަތުވެދާނެއޭ ހިތަށް އެރުމުން އަވަހަށް ކޮޓަރިއަށް ވަދެފައި ތުވާލި ހޯދައިގެން ގައިގައި އޮޅާލައިފިއެވެ.
އިޔަން ލައިގެން ހުރި ސޯޓުގެ ޖީބަށް ދެއަތް ޖަހާލައިގެން ނިކުމެފައި ވެލިގަނޑަށް ފޭބެން ހުންނަ ސިޑިކޮޅުގައި މަޑުކޮށްލިއެވެ. ހަނދު އޮއްސޭ އަތަށް އަޅާފައި ވުމުން ބިންގަނޑު އަނދިރިވާން ފަށާފައިވެއެވެ. މޫނުގައި އައިސް ބީހިލި ލުއި ވައިރޯޅީގެ ސަބަބުން އިޔަންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ވެލިގަނޑު މައްޗަށް ފައިބާފައި އިޔަން ކުދި ފިޔަވަޅު ތަކެއްގައި ގޮސް ފާލަމަށް އަރައިފިއެވެ. ފާލަމުގެ ދެފަރާތުގައި ދިއްލާފައިވާ އޮރެންޖް ލައިޓްތަކުގެ އަލި އެޅިފައިވާ ސާފު މޫދުގެ ފެންގަނޑަށް ބަލަހައްޓައިގެން އޭނާ ހުރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ލޮލުން ކަރުނަ އައީ އިޔަންގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އަނބިމީހާގެ ކުރިމަތީގައި ބީރައްޓެހިކަން ކަނޑުވައިލެވޭތޯ އޭނާ މަސައްކަތް ކޮށް ވަރުބަލި ވެއްޖެއެވެ. މިއާގެ ދެލޮލަށް ލޯބީގެ ނަޒަރަކުން ބަލައިލަން އުޅެ އެކަމެއް ނުވިއެވެ. ބީހިލަން އުޅެފައިވެސް ފަސް ޖެހެވެނީއެވެ. ހަށިގަނޑު އެދުނަސް ހިތް ދެކޮޅު ހަދަނީއެވެ. ނެތި ގެއްލިފައިވާ ހަނދާންތައް އަނބުރާ ގެންނަން އޭނާ ސިކުނޑިއަށް ބާރުލައި މޮޔަވާން ކައިރި ވެއްޖެއެވެ. މީ ކިހާ އުދަނގޫ ދިރިއުޅުމެއް ހެއްޔެވެ؟ ދުލުން ބުނެލަން ފަސޭހަވިއަސް މީހަކަށް ނޭނގޭނެއެވެ. ރެއާއި ދުވާލު އިޔަންގެ ހިތަށް ކުރާ އަސަރާއި ވޭން ދެވަނަ އިންސާނަކަށް ވަޒަން ނުކުރެވޭނެ ކަން ކަށަވަރެވެ.
"މީހުން ބުނާ އަޑު އަހަން، ރޯލީމަ އުދާސްގަނޑު ބޭރުވެ ހިތަށް ހަމަޖެހުން ލިބޭނެއޭ. އެކަމަކު އަހަރެން އިޔަންއަށް ދޭން އޮތް ނަސޭހަތަކީ، ވެނިމުނު ކަމެއްގެ މައްޗަށް ރޮއި ހިތާމަ ކޮށްގެން ކަރުނަ ބޭކާރުވުން ނޫން ކަމެއް ނުވާނެއޭ..." އެއީ އަންހެން ކުއްޖެއްގެ އަޑެވެ. އިޔަންގެ މެއަށް ފިނި ފެންއެއްޗެއް އޮއްސައިލުމުން ކުރެވޭފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ފަސް އެނބުރި ބަލައިލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. "ކޮންތަނެއް ތި ހޯދަނީ؟ އަހަރެން މިއިނީ އިޔަންގެ ކައިރީގައޭ." އިޔަންއަށް މިފަހަރު އަޑު އައި ދިމާ ފާހަގަވިއެވެ. އަންހެން ކުއްޖާ އިނީ އިޔަންގެ ދާދި ކައިރީގައި ފާލަމުގެ ތިރިއަށް ދެފައި އެލުވާލައިގެން އިށީންދެއެވެ. އިޔަން ހުރީ ފާލަމުގެ މެދެއްހާ ހިސާބުގައި ކަމުން އަންހެން ކުއްޖާގެ މޫނެއް ނުފެނެއެވެ.
)ނުނިމޭ(