29 Jun 2013, 19:46
ފ. ނިލަންދޫގައި ގުރޫޕް ހަދައިގެން ނިކުމެއް ރައްޔިތުންގެ މުދަލަށާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ރަށުގެ ތަންތާގައި ހުޅުޖަހަމުންދިޔަ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ މުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ މިފަހަކަށް އައިސް ރޭގަނޑުގެ ވަގުތު ތަކުގައި ފ. ނިލަންދޫ ވަލުތެރޭގެ އެކި ސަރަހައްދު ތަކުގައި ހުޅުޖަހައި މީހުންގެ މުދަލަށާއި ދައުލަތުގެ މުދަލަށް ގެއްލުން ދެމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމާ ގުޅިގެން އެރަށު ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:50 އެހައިކަންހާއިރު ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ އެރަށު ހުޅަނގުފަރާތު ބަނދަރުގެ ހުޅަގުން ހަދާފައި ހުރި ސްޓޭޖުގެ ދޮރުތައް ބަންދުކުރުމަށްޓަކައި ރަށު ކައުންސިލް އިދާރާއިން އެތާނގައި ރާނާފައި ހުރި ފާރުތައް ތަޅާލައި އެތަނަށް ގެއްލުންދޭން ތިއްބައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އެންމެންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އެރަށު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާ އާއި ގުޅިގެން ރަށުތެރެ ޕެޓްރޯކްލުރުން އިތުރުކޮށް، ގްރޫޕް ހަދައިގެން ރަށުގެ އެކިތަންތަނުގައި އުޅޭ މީހުން ހުއްޓުވައި ބަލައިފާސްކުރުމާއި ގުރޫޕްތައް ޖަމާވާ ސަރަހައްދުތައް ޗެކްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބޭނުމެއްނެތި ދަންވަރުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ މީހުންނާއި ސުވާލުކޮށް އެ މީހުންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.