29 Jun 2013, 16:58
ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ ވަރުގެ އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިންގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ޓީމު ށ. އަތޮޅަށް ކުރި ދަތުރަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް، ތަނަވަސް އަގުލަބިއްޔަތަކުން.. މިހާރު މިފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ފުރަތަމަ ރައުންޑުގެ ވޯޓާ އެކީގައި ޕީޕީއެމްއިން ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ ވަރުގެ އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރާނެ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްއަށް ވާދަކުރުމަށް ރިޔާސީ ރޭހަށް ނިކުމެފައިވާ ޕާޓީތަކަކީ ޕީޕީއެމް މާ ކަންބޮޑުވާ ޕާޓީތަކެއް ނޫން ކަމަށެވެ.
މިގޮތުން އެމްޑީޕީއަކީ ވެރިކަން ލިބުމުން، ރަނގަޅަށް ހެޔޮ ވެރިކަމެއް ކޮށް، އެވެރިކަން ނަގަހައްޓަން ނޭނގުނު ބައެއް ކަމަށާއި ދެވަނަ ފަހަރަށް ވެރިކަމަށް އައި ނަމަވެސް އެކަންތައް ވެގެންދާނީ އެގޮތަށް ކަމަށެވެ. އަދި ކޯލިޝަނެއް ހައްދަވައިގެން ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފައިވާ ޑރ. ވަހީދަކީ މިހާރު މިއޮތް ވެރިކަމުގައި ވެސް ތަފާތު ފިކުރުތަކަށް ތަންދިނުމުގައި ފަހަތަށް ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމްއިން ށ. އަތޮޅަށް ކުރި ދަތުރު ނިންމަވާލެއްވުމަށް ފަހު، ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓްގެ ގޮތުގައި ހިޔާރުކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވީ ށ. އަތޮޅުން ވެސް ޕީޕީއެމްއަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.