މިސްކިތްތަކުގައި ވަކިގަޑިތަކެއްގައި ނޫނީ ދަރުސް ނުދެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާފައި ވާތީ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިސްކިތްތަކުގައި ދަރުސް ދިނުމަށް ހުއްދަދެވޭ ގަޑިއަކީ ހަމައެކަނި ރޭގަނޑު 9:00 އިން ފެށިގެން 10:00 އަށް ނުވަތަ 10:00 އިން 11:00 އަށް ކަމަށް ސިޓީ ކައުންސިލުން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލަށް ގޮސް ބަޔަކު ނުރުހުން ފާޅުކުރުމުން ދަރުސްދޭ ގަޑިއަކީ ރޭގަނޑު 8:30 އިން 9:30 އަށް ނުވަތަ 9:30 އިން 10:30 އަށް ކަމަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އިސްލާމީ ޝިއާރުތައް ފާޅުކުރުމަށް އެމްޑީޕީގެ ކޮންޓްރޯލުގެ ދަށުގައިވާ ކައުންސިލްތަކުން ހުރަސްއަޅަމުން ގެންދާ ކަމަށާއި އެ މިންވަރަށް ޣައިރު މުސްލިމް ގައުމުތަކުގައި ވެސް އިސްލާމީ ޝިއާރު ފާޅުކުރުމަށް ހުރަސް ނާޅާ ކަމަށެވެ.

ޑިމޮކްރެސީ އާއި ތަރައްގީ އަދި އިންސާފު ފަދަ ފަށުވި ޝިޔާރުތަކެއްގެ ދަޅަދައްކައިގެން ރައްޔިތުން ހެއްލުންތެރިކުރުވުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ގެންދާކަން މިފަދަ ކަންކަމުން ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރު އަހްމަދުﷲ ޖަމީލު ވިދާޅުވީ ދަރުސް ދޭ ގަޑި ކަނޑައަޅާފައި ވަނީ ރާއްޖޭގެ އާދަކާދައަށް ބެލުމަށް ފަހުގައި ކަމަށާއި އިޝާނަމާދަށް ފަހު ވަގުތުން ދަރުސްދޭން ފަށައިފި ނަމަ ސުންނަތް ކުރާ މީހުންނަށް އުނދަގޫވާނެ ކަމަށެވެ.